Roadha Mihaaru

ހުޅުމާލޭގެ އިންޖީނުގެ މަސައްކަތެއް ކުރާތީ މާލެ، ހުޅުމާލެއިން މާދަމާގެ އެކި ގަޑިތަކުގައި ކަރަންޓު ކަނޑާލަނީ

ހުޅުމާލޭގައި ހިންގާ 50 މެގަވޮޓުގެ އިންޖީނުގެ މުހިންމު މަސައްކަތެއް ކުރަން ޖެހޭތީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާގެ އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން މިރޭ ބުނެފި އެވެ.

މުހިންމު މަސައްކަތަކަށް މާދަމާ ކަރަންޓު ކަނޑަނީ

ހުޅުމާލޭގައި ހިންގާ 50 މެގަވޮޓުގެ އިންޖީނުގެ މުހިންމު މަސައްކަތެއް ކުރަން ޖެހޭތީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާގެ އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން މިރޭ ބުނެފި އެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާލެ ސަރަހައްދަށް ދެމުން އަންނަ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖާ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު 6-10 އަށް އެ އިންޖީނުގެ ނިއްވާލަން ނިންމާފައިވާ ކަމަށެވެ.

"މި މަސައްކަތް ކުރިއަށްދާ ވަގުތު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން، ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ އެވެ. މިގޮތަށް ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަހައްދުތައް ދުރާލާ އަންގަމުންދާނެ އެވެ،" ބަޔާނުގައި ބުންޏެވެ.

އެކަމަކު، ސްޓެލްކޯ އިން ބުނީ، ކަރަންޓު ކަނޑާލާ ހާލަތުގައި ވެސް ހޮސްޕިޓަލްތަކާއި އަދި އެހެނިހެން މުހިންމު ހިދުމަތްތައް ދޭ މުއައްސަސާތައް ނުވަތަ "ކްރިޓިކަލް އިންފްރާސްޓްރަކްޗާ" އަށް އޭގެ އަސަރެއް ނުކުރާނެ ކަމަށެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި މިރޭ އެސްއެމްއެެސްތައް ފޮނުވަމުން ދާނެ އެވެ.

"މި ކުންފުނީގެ އަމާޒަކީ މި މަސައްކަތް ތާވަލު ކުރެވިފައިވާ ގަޑީގެ ކުރިން ނިންމައި، ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ކަރަންޓުގެ ހިދުމަތް ގެނައުމެވެ،" އެ ކުންފުނީގެ ބަޔާނުގައި ވެ އެވެ.

"މިއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ޕްރިވެންޓިވް މެޝާއެއްގެ ގޮތުގައި ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ."

މެދުކެނޑުމެއް ނެތި މާލެ އާއި ހުޅުމާލެ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މޭޖާ މަސައްކަތެއް ކުރަން މާދަމާގެ އެކި ގަޑިތަކުގައި ކަރަންޓު ކަނޑާނެކަން ސްޓެލްކޯ އިން އިއުލާންކުރިއިރު، މިދިޔަ ޖޫން 1 އާއި މި މަހުގެ 9 ވަނަ ދުވަހު މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކަރަންޓު ކެނޑިފައިވެ އެވެ. އޭގެ ފަހުން ސްޓެލްކޯ އިން ބުނެފައި ވަނީ މައްސަލަ ދެނެގަނެވިފައިވާ ކަމަށާއި ކަންކަން ހައްލު ކުރަމުން އަންނަ ކަމަށެވެ.