Roadha Mihaaru

ކަރަންޓު ކެނޑުނު މައްސަލަ ތަކުރާރުވިޔަނުދޭން ފިޔަވަޅުތައް އަޅާނަން: ފަހުމީ

މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިރޭ ވިދާޅުވެއްޖެ އެވެ.

މައްސަލަ ތަކުރާރުވިޔަނުދޭން ފިޔަވަޅުއަޅާނަން: ފަހުމީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

01 ޖޫން 2025

މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިރޭ ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު 12:45 ހާއިރު ކަރަންޓު ކެނޑުނު ގޮތަށް މުޅި މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކަށް ކަރަންޓު ދެވުނީ އިރުއޮއްސުން ފަހުންނެެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ފަހުމީ ވަނީ ކަރަންޓު ދިނުމަށް އެ ކުންފުނީގެ މުވައްޒަފުންނާއި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

"މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އެކްސްގައި ކުރެއްވި ޕޯސްޓުގައި ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވަނީ ފަސް ގަޑިއިރު ކަރަންޓު ނެތި ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މާފަށް ވެސް އެދިވަޑައިގެންފަ އެވެ.

ފަހުމީ ވިދާޅުވީ ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނެގަނެ، އެކަމާ ގުޅުންހުރި މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށެވެ.

ގިނަ އިރުތަކެއް ފަހުން އެކި ހިސާބުތަކަށް ކަރަންޓު ދޭން ފަށައި މުޅި މާލެއަށް ކަރަންޓު ދީފައިވާ ކަމަށާއި އެނަޖައިޒް ނުކުރެވި ހުރީ ހުޅުމާލޭ ރުއްގަނޑު 1 ގައި ހުރި ޓްރާންސްފޯމަރެއް އެކަނި ކަމަށް، އިރު އޮއްސުނު ވަގުތު ސްޓެލްކޯއިން ބުންޏެވެ.

މިއަދު މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުގެ ސަބަބުން އޮފީސްތަކާއި ފިހާރަތަކާއި ކެފޭ ފަދަ ތަންތަނުގެ މަސައްކަތް ހުއްޓުމަކަށް އައިސް ބޮޑެތި ދަތިތައް ކުރިމަތިވި އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި ކަރަންޓު ކެނޑެން ދިމާވި ސަބަބު އަދި ހޯދިފައެއް ނުވެ އެވެ. އެކަމަކު ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފަހު އެކަން ބަލާނެ ކަމަށް ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މާލޭ ސަރަހައްދުން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބެލުމަށް އަންގައިފަ އެވެ.