Roadha Mihaaru

ކަރަންޓުގެ ޓެރިފް ރޭޓަށް ގެނައި ބަދަލު ދެމެހެއްޓެނިވި ގޮތުގައި މެނޭޖު ކުރެވޭނެ: ރައީސް

ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ނުވަތަ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް ދަށްކުރަން ނިންމި ނިންމުން ދެމެހެއްްޓެނިވި ގޮތުގައި މެނޭޖުކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ކަރަންޓު އަގުތައް ދެމެހެއްޓެނިވި ގޮތުގައި މެނޭޖުކުރެވޭނެ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

31 މެއި 2025

ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ނުވަތަ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް ދަށްކުރަން ނިންމި ނިންމުން ދެމެހެއްްޓެނިވި ގޮތުގައި މެނޭޖުކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ކަރަންޓު ޓެރިފް ރޭޓުތައް މާދަމާއިން ފެށިގެން ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި ރޭ ރައީސް ވަނީ އާންމު ކުރައްވައިފަ އެވެ.

މި ބަދަލާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މި ކަން ކުރެވޭނެ ގޮތަކާމެދު ފާއިތުވީ ދޮޅު އަހަރުތެރޭގައި ވަރަށް ބޮޑަށް ބަލައި ދިރާސާކޮށްފައިވާނެ ކަމަށެވެ.

މިއީ ރާއްޖޭގައި މިފަދަ ބަދަލެއް ގެނެވޭ ފުރަތަމަ ފަހަރު ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ ހުރި މައްސަލައަކުން ނުވަތަ ސަރުކާރުގެ ހަކަތަ މެނޭޖުކުރުމުގެ ސިޔާސަތުގެ މައްސަލައަކުން ދިމާވާ ބުރަ ރައްޔިތުން ނަގަން ބޭނުންފުޅު ނުވާ ކަމަށެވެ.

އެހެންވެ މި ނިންމުން ނިންމީ ރައްޔިތުންނަށް އަތްފޯރާފަށެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ކަމަށް ރައީސް ވިދާޅުވި އެވެ.

ދެމެހެއްނެޓެނިވި ގޮތުގައި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މި ކަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވައި ރައީސް ވިދާޅުވީ ސްޓެލްކޯގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން ފެނަކައިގައި ހުރި މަލީ މައްސަލަތައް ރަނގަޅުކޮށްގެން ވެސް އެ ކަން ކުރާނެ ކަމަށެވެ. އަދި ސަރުކާރުން ގެންގުޅޭ އިއާދަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ވެސް މި ކަމަށް ބާރު ލިބިގެން ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގެންނަން ޖެހުނު ކޮންމެ ބަދަލެއް ގެނެސްގެން ވިޔަސް، މި ނިންމުން ދެކޮޅު ޖައްސަވާނެ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި، މާލެއެއް ރަށްރަށެއް ކިޔާނެ ކަމެއް ނެތް ހުރިހާ ރަށެއްގައި އެއްކޮށް ބަދަލުވާނީ ސްޓެލްކޯގައި ވެސް ފެނަކައިގައި ވެސް،" ރައީސް ވިދާޅުވި އެވެ.

ކަރަންޓު ޓެރިފް ރޭޓުގެ ގޮތުގައި މިހާރު ނަގާ އަދަދާއި އަގު ހެޔޮކުރުމުން ނަގާނެ އަދަދުތައް:

ބޭންޑް 0-100: މިހާރު ނަގާ ރޭޓް: 1.50- އާ ރޭޓް: 1.25

ބޭންޑް 101-200: މިހާރު ނަގާ ރޭޓް: 1.70- އާ ރޭޓް 1.50

ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15- އާ ރޭޓް 1.50

ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50- އާ ރޭޓް 1.50

ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95- އާ ރޭޓް 2.66

ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55- އާ ރޭޓް 3.20

ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25- އާ ރޭޓް: 3.83

ކަމާ ބެހޭ މާހިރުން ދެކޭގޮތުގައި ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ބިލްތައް ބޮޑުވާ މައިގަނޑު އެއް ސަބަބަކީ ވެސް ކަނޑައަޅާފައިވާ ހަތް ބޭންޑުތަލުގެ ޓެރިފް ރޭޓު މަތިވުމެވެ. އެހެންވެ، ޒަމާނާ އެއްގޮތަށް ޓެރިފް ރޭޓު ދަށްކުރުމަކީ ކަރަންޓު ބިލަށް ހެޔޮ އަސަރު ކުރާނެ ކަމެެއް ކަމަށް މި ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.