Roadha Mihaaru
ސްމާޓް މީޓަރުން ކަރަންޓު އިގްތިސާދުކުރެވޭނެ: މުއާޒް

ސްމާޓް މީޓަރަކީ ކަރަންޓު އިގްތިސާދުކުރަން އެހީއަކަށްވާނެ: މުއާޒް

28 އޯގަސްޓް 2024

ކަރަންޓު ބިލްތައް ބޮޑުވެގެން ކުރާ ޝަކުވާތަކަށް ސްމާޓް މީޓަރު މީޓަރުން ހައްލެއް ލިބޭނެ ކަމަށާއި އެ މީޓަރުތަކަކީ ކަރަންޓު އިގްތިސާދުކުރަން އެހީއަކަށް ވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކަރަންޓު ބިލްތައް ބޮޑުވެގެން ކުރާ ޝަކުވާތަކަށް ސްމާޓް މީޓަރު މީޓަރުން ހައްލެއް ލިބޭނެ ކަމަށާއި އެ މީޓަރުތަކަކީ ކަރަންޓު އިގްތިސާދުކުރަން އެހީއަކަށް ވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގެ ހުރިހާ ގެއެއްގައި ސްމާޓް މީޓަރު ހަރުކޮށް ނިންމުމުގެ ރަސްމިއްޔާތުގައި މުއާޒް ވިދާޅުވީ ކޮންމެ މަހެއް ނިމޭއިރު ކަރަންޓު ބިލްތައް ބޮޑުކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އަޑުއިވޭ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ އެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުން ނުވަތަ ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ހޯދައިދިނުން ކަމަށް މުއާޒް ވިދާޅުވި އެވެ.

ކަރަންޓު ބިލަށް އަރާ ވަރާއި ބޭނުން ކުރެވެނީ ކިހާ ވަރެއްކަން މިހާރު އެނގެނީ ކޮންމެ މަހެއްގެ ބިލު ލިބުމުން ކަމަށާއި އެ ހިސާބުން ރައްޔިތުންގެ ޝަކުވާތައް އަންނަ ކަމަށް މުއާޒް ވިދާޅުވި އެވެ. ނަމަވެސް ސްމާޓް މީޓަރުން ބޭނުންކުރާއިރު ކޮންމެ ދުވަހަކު ކަރަންޓު ބޭނުންކުރެވުނު މިންވަރު ބަލައި ކަރަންޓު އިގްތިސާދުކުރަން ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ކޮންމެ މީހަކަށް އެ މީހަކަށް ކަރަންޓު ބޭނުންކުރި ވަރު ފޯނުން ފެންނާނެ. އެ ދުވަހެއްގައި ކަރަންޓު ބޭނުންކުރުން އިތުރުވީ ކީއްވެކަން ވެސް މި މީޓަރުތަކުން ފެންނާނެ. ކަރަންޓު ބިލް ބޮޑު ކަމުގެ ޝަކުވާ އަކީ ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑިއާއިން ފެންނަ ޝަކުވާ، ވަރަށް ކަންބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.

ކުޑަހުވަދޫގެ ގެތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަޝްރޫއު ނިންމުން، ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު ރޭ އިފުތިތާހު ކޮށްދެއްވާއިރު އަރިހުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު  މުއާޒު މުހައްމަދު ރަޝީދު. --ފޮޓޯ: ފެނަކަ

މުއާޒް ވިދާޅުވީ މި ޕްރޮޖެކްޓު މުޅި ރާއްޖޭގައި ފެށުމުން ކަރަންޓު ބިލްތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.

ސްމާޓް މީޓަރު ހަރުކުރުމަކީ ކުރީގެ ސަރުކާރުން ފަށާފައި އޮތް މަޝްރޫއެއްކަން ފާހަގަކުރައްވަމުން މުއާޒް ވިދާޅުވީ ކުރީގެ މެނޭޖްމަންޓުން ވަރަށް ގިނަ ކަންކަން ފަށާފައިވާ އެބަހުރި ކަމަށެވެ. ނަމަވެސް ވަރަށް ބޮޑަށް ޕްރޮޖެކްޓުތައް މަޑުޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ފެނަކައިގެ ވިސްނުމަކީ އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ރަށެއްގެ ފެން މީޓަރުތައް ވެސް ސްމާޓް މީޓަރަށް ބަދަލުކުރުން ކަމަށެވެ.