Roadha Mihaaru
އިންޖީނުގެއަކަށް 45މިލިއަން، ފެންނަން ހުރީ 4 ފާރު!

ކުޅުދުއްފުށީ އިންޖީނުގެ އަށް 45 މިލިއަން ހަރަދުވި އިރު ފެންނަން ހުރީ ހަތަރު ފާރު: މިނިސްޓަރު

30 ޖުލައި 2024

ހދ. ކުޅުދުއްފުށީގެ ޕަވާ ހައުސް އިމާރާތް ކުރުމުގެ މަސައްކަތަށް ކުރީގެ ސަރުކާރުން 45 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި ނަމަވެސް ފެންނަން ހުރީ ހަތަރު ފާރު އެކަނި ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހދ. ކުޅުދުއްފުށީގެ ޕަވާ ހައުސް އިމާރާތް ކުރުމުގެ މަސައްކަތަށް ކުރީގެ ސަރުކާރުން 45 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި ނަމަވެސް ފެންނަން ހުރީ ހަތަރު ފާރު އެކަނި ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ތޯރިގު ވިދާޅުވީ، ކުޅުދުއްފުށީގެ ޕަވާ ހައުސް އިމާރާތް ހަދަން ފުރަތަމަ ހަވާލުކުރީ 15 މިލިއަން ރުފިޔާ އަށް ކަމަށެވެ. އެކަމަކު، އެ މަސައްކަތް ނުކުރެވިގެން ފެނަކަ ކޯޕަރޭޝަނުން އަމިއްލަ އަށް އެ މަސައްކަތް ކުރުމަށް 30 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް އައިއިރު އެ އަގު ދެ ގުނަވެ 45 މިލިއަނަށް އަރާފައިވާ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.

"އެ މަސައްކަތް ކުރަމުން ގޮސް ނިމިފައި ހުރީ ހަތަރު ފާރު. މި ހިސާބަށް ނިމުނު އިރު މިހާރު 45 މިލިއަން އަރައިފި. އަދި އޭގެ ޑަބަލް މަސައްކަތް ކުރަން އެބައޮތް،" ތޯރިގު ވިދާޅުވި އެވެ.

މި ސަރުކާރުން މިހާރު އަންނަނީ އެ މަސައްކަތަށް އިތުރަށް ހަރަދު ވާނެ ވަރު ބަލައި، އިތުރަށް މަސައްކަތް ކުރަމުން ކަމަށް ތޯރިގު ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް މިހާރު ތިން ޖަނަރޭޓަރު ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.