Roadha Mihaaru
ނަރުދަމާ ގާއިމުކުރަން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ

ނަރުދަމާ ގާއިމްކުރަން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެ: ތޯރިގް

31 ޖުލައި 2018

ރަށްރަށުގައި ނަރުދަމާ ގާއިމްކުރަން 2.1 ބިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރަށްރަށުގައި ނަރުދަމާ ގާއިމްކުރަން 2.1 ބިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނަރުދަމާ ގާއިމްކުރުމުގެ ބޮޑު މަޝްރޫއެއް ސްރީ ލަންކާގެ ކުންފުންޏަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިިކޮށްދެއްވައި ވާހަކަދައްކަވަމުން ތޯރިގް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ނަރުދަމާ ގާއިމްކޮށްފައިވަނީ މާލެ ހިމަނައިގެން 31 ރަށެއްގައި ކަމަށެވެ. ނަމަވެސް ރައްކާތެރި ނަރުދަމާގެ ޔަގީންކަން ފޯރުކޮށްދިނުމަށް ބޮޑު މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވި ގޮތުގައި 22 ރަށެއްގައި ގާއިމުކުރި ނަރުދަމާގެ މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ. އަދި ލަންކާގެ ކުންފުންޏާ މިއަދު ހަވާލުކުރި 20 ރަށާ އެކު، 83 ރަށެއްގައި ނަރުދަމާ ގާއިމުކުރުމުގެ އެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު 31 ރަށުގައި ނަރުދަމާ ގާއިމުކޮށްފައިވަނީ. ހަތަރު އަހަރުގެ ތެރޭގައި 22 ރަށުގައި ނަރުދަމާ ގާއިމުކުރެވިފައިވަނީ. މިކަމަށް ފޯކަސްކުރާ ވަރު ދަންނަވާލަން ޖެހޭނީ،" އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުުން ތޯރިގް ވިދާޅުވި އެވެ.

"މި ދެންނެވި 83 ރަށަށް ސަރުކާރުން 2.1 ބިލިއަން ރުފިޔާ ހަރަދުކުރެވިގެންދާނެ. ފައިސާ ހޯދައިގެން ސަރުކާރުން މަސައްކަތް ކުރަނީ،"

ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއު ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގާއެކު، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއު ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގާއެކު، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ރިޔާސީ އިންތިޚާބާ ދިމާކޮށް ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށް ބުނެ، ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ތޯރިގް ވިދާޅުވީ ރަށްތަކުގައި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ ރިޔާސީ އިންތިޚާބާ ދިމާކޮށް ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތްތައް ސަރުކާރުން ކުރިއަށްގެންދަނީ އިހުލާސްތެރިކަމާއެކު، ރައްޔިތުންނަށް އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް މިހާރު ރައްކާތެރި ނަރުދަމާ ނިޒާމެއް ފޯރުކޮށްދެވިފައިވާ ކަމަށެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ނަރުދަމާގެ ޚިދުމަތް ލިބެނީ ރާއްޖޭގެ 37 ޕަސެންޓަށް ކަމަށް ވިދާޅުވި އެވެ.

ނަރުދަމާގެ އިތުރުން ރަށްރަށުގައި ފެނުގެ ނިޒާމް ގާއިމްކޮށްދިނުމަކީ ވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށާއި މީގެ ކުރިން ފެނުގެ ނިޒާމް ގާއިމްކޮށްފައިވަނީ ހަ ރަށެއްގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މިހާރު 20 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ 20 ރަށް ހިމަނައިގެން 45 ރަށެއްގައި ފެނުގެ ނިޒާމް ގާއިމުކުރާނެ އެވެ.