Roadha Mihaaru
އުތުރުގެ ބައެއް ރަށްރަށުގައި ބޮޑެތި މަޝްރޫއުތަކެއް

އުތުރުގެ ބައެއް ރަށްރަށުގައި ބޮޑެތި މަޝްރޫއުތަކެއް

27 އޯގަސްޓް 2016

ރާއްޖޭގެ އެންމެ އުތުރުގެ ދެ އަތޮޅު ކަމަށްވާ ހއ. އާއި ހދ. ގެ ބައެއް ރަށްރަށުގައި ސަރުކާރުން ބޮޑެތި މަޝްރޫއުތަކެއް ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ އެންމެ އުތުރުގެ ދެ އަތޮޅު ކަމަށްވާ ހއ. އާއި ހދ. ގެ ބައެއް ރަށްރަށުގައި ސަރުކާރުން ބޮޑެތި މަޝްރޫއުތަކެއް ފަށައިފި އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން ވަނީ ހއ. އިހަވަންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތާއި އެ އަތޮޅު ދިއްދޫގައި ފެނުގެ ނިޒާމުގެ މަސައްކަތާއި ހދ. ނޮޅިވަރަމުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. މި ހުރިހާ މަޝްރޫއުތަކެއް ވެސް ފައްޓަވައިދެއްވީ، އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ހއ. އިހަވަންދޫގައި ފެށި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ސަރުކާރުން 66.5 މިލިޔަން ރުފިޔާ ހަރަދު ކުރާއިރު މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޑަބްލިއުއެސްސީއާ އެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި 17 ކިލޯ މީޓަރުގެ ނަރުދަމާ އަޅައި ފަސް ޕަންޕު ބަހައްޓާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ތޯރިގާއި ނޮޅިވަރަމުގެ ވެރިން އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފައްޓަވައިދެއްވަނީ

މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

ސަރުކާރުގެ ބަޖެޓުން 53 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ދިއްދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވެސް ފަށައިގެން ކުރިއަށް ދާއިރު މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިއޭރާ މޯލްޑިވްސްއާ އެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ބައެއް މަސައްކަތްތައް މި އަހަރު ކުރީކޮޅުން ފެށިގެން ކުރަމުން އަންނާތީ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އުތުރުގެ ބައެއް ރަށްރަށުގައި ފެށި މި މަސައްކަތްތަކުގެ ތެރޭން އެންމެ ބޮޑު ހޭދައެއް ސަރުކާރުން ކުރަނީ ހދ. ނޮޅިވަރަމުގެ ނަރުދަމާ ނިޒާމުގެ މަސައްކަތަށެވެ. އެގޮތުން މި މަޝްރޫއަށް 79 މިލިއަނެއްހާ ރުފިޔާ ސަރުކާރުން ހަރަދު ކުރެ އެވެ. އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން 240 ކިލޯ މީޓަރުގެ ހޮޅި އެޅުމަށް ހަމަޖެހިފައިވެ އެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މި ރަށްތަކުގައި ކުރިން ވެސް ސަރުކާރުން ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށާއި އެ ރަށްތަކަށް އެންމެ ބޮޑަށް ބޭނުންވާ ހިދުމަތްތައް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން އިހަވަންދޫގެ ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅުކޮށް، އެ ރަށުގައި ސްޕޯޓްސް އެރީނާއެއް އަޅައި އެ ރަށާއި ނޮޅިވަރަމުގެ ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް އަންނަ އަހަރު އެ ރަށްރަށުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދިއްދޫގައި ވެސް އިތުރު މަސައްކަތްތައް ސަރުކާރުން ފަށާނެ ކަމަށް އިއުލާނު ކުރެއްވި އެވެ.