Roadha Mihaaru

ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކޮށް ނިންމަންޖެހޭ މުއްދަތު ދަންމާލަން ފާސްކޮށްފި

ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ނިންމަން ގާނޫނުން ކަނޑައަޅާފައިވާ މުއްދަތު އިތުރު ދެ އަހަރަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފެނާއި ނަރުދަމާ ގާއިމްކުރަންޖެހޭ ސުންގަޑި ދަންމާލައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

11 އޯގަސްޓް 2025

ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ނިންމަން ގާނޫނުން ކަނޑައަޅާފައިވާ މުއްދަތު އިތުރު ދެ އަހަރަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މީގެ ފަސް އަހަރު ކުރިން އަމަލުކުރަން ފެށި ފެނާއި ނަރުދަމާގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެންވަރުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ޖެހޭނެ އެވެ. އެ މުއްދަތު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހަމަވެފައިވާއިރު، އަދިވެސް ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެވިފައެއް ނުވެ އެވެ. ނަމަވެސް އެފަދަ ގިނަ މަޝްރޫއުތަކެއް ހިނގަމުން ވެސް ދެ އެވެ.

އެހެންވެ، ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އެ މުއްދަތު 2027 ވަނަ އަހަރުގެ ނިޔަލަށް އިތުރުކުރަން ހުށަހަޅުއްވައިފަ އެވެ. އެ ބިލް ކޮމިޓީން ދިރާސާކޮށް، މިއަދު މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ.

އެ އިސްލާހު ފާސްކުރަން 61 މެންބަރުން ވޯޓު ދެއްވިއިރު، އެމްޑީޕީއަށް ނިސްބަތްވާ ހަތް މެންބަރަކު އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެއްވުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު 2023 ވަނަ އަހަރަށް ފުއްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވީ ނަމަވެސް، ވެރިކަމުގެ ދައުރު ހަމަވިއިރު ބައެއް ރަށްރަށުގައި އެ މަސައްކަތް ނުނިމެ އެވެ. ނަމަވެސް، އެ ސަރުކާރުން ވަނީ ގިނަ ރަށްތަކެއްގެ މަޝްރޫއު ހަވާލުކޮށްފަ އެވެ.

މިއަދު މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ އެ ވައުދު އެމްޑީޕީއަށް ނުފުއްދުނު ކަމަށް ވިދާޅުވެ، އެ ޕާޓީއަށާއި ކުރީގެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އަވަސްކުރުމުގެ ބަދަލުގައި ގާނޫނަށް ބަދަލު ގެނެސްގެން ސުންގަޑި ދަންމާލާތީ، ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.