Roadha Mihaaru
ފެނާއި ނަރުދަމާގެ ނިޒާމް ހަރުދަނާކުރަން ގާނޫނެއް ހަދަނީ

ފެނާއި ނަރުދަމާގެ ނިޒާމް ހަރުދަނާ ކުރުމަށް ގާނޫނެއް ހަދަނީ

25 ނޮވެމްބަރ 2016

ފެނާއި ނަރުދަމާގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ބިލެއް އެކުލަވާލާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފެނާއި ނަރުދަމާގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ބިލެއް އެކުލަވާލާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގައި އެންވަޔަރުމެންޓް މިނިސްޓްރީން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތައް ފާހަގަ ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ފެނާއި ނަރުދަމާގެ ބިލް އެކުލަވައިލައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ ލަފައަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ އެ ބިލް ގާނޫނަކަށް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް އަންނަ އަހަރު ފޮނުވުމަށް ކަމަށް ތޯރިގް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފެނާއި ނަރުދަމާގެ ގާނޫނެއް ހެދުމުން އެކަށީގެންވާ ގޮތެއްގައި އެކަން ރެގިއުލޭޓް ކުރެވޭނެ ކަމަށެވެ.

ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޔަގީންކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އައި ފަހުން 12 ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކޮށްފައިވާ ކަމަށާއި 15 ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން އެހެން 16 ރަށެއްގެ މަސައްކަތް ވެސް ހަވާލުކުރުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ.

އެންވަޔަރްމެންޓް މިނިސްޓްރީގެ ކާމިޔާބީ ފާހަގަ ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: އެންވަޔަރްމެންޓް މިނިސްޓްރީ

އެންވަޔަރްމެންޓް މިނިސްޓްރީގެ ކާމިޔާބީ ފާހަގަ ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: އެންވަޔަރްމެންޓް މިނިސްޓްރީ

މިހާރު ފެނުގެ ނިޒާމް ގާއިމް ކޮށްފައިވާ ރަށްރަށަށް ދައުލަތުގެ ބަޖެޓުން 300 މިލިއަން ރުފިޔާ އެ މަޝްރޫއަށް ހަރަދު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރު އައުމުގެ ކުރިން ޒަމާނީ ނަރުދަމާ ނިޒާމެއް ގާއިމް ކޮށްފައިވަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި، މާލެ ހިމަނައިގެން 31 ރަށެއްގަ އެވެ. ނަމަވެސް 2013 ވަނަ އަހަރުން ފެށިގެން މިހާތަނާ ހަމައަށް 10 ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ނިމިފައިވާ ކަމަށާއި އެ މަޝްރޫއުތަކަށް 500 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ޓާގެޓަކީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން އާބާދީގެ 75 ޕަސެންޓަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމް ކޮށްދިނުން. އެ މަސައްކަތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީގެ މުވައްޒަފަކަށް، މިިނިސްޓަރު ތޯރިގް (ކ) ސެޓްފިކެޓް އިއްޔެ ހަވާލުކޮށްދެއްވަނީ-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ

އެންވަޔަރްމެންޓް މިނިސްޓްރީގެ މުވައްޒަފަކަށް، މިިނިސްޓަރު ތޯރިގް (ކ) ސެޓްފިކެޓް އިއްޔެ ހަވާލުކޮށްދެއްވަނީ-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ

ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ވެސް 21 ރަށެއްގައި ކުރިއަށް ދާ ކަން ތޯރިގް ފާހަގަކުރެއްވި އެވެ. އަދި 11 ރަށެއްގައި އެ މަޝްރޫއު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެކި ރަށްރަށް ފެނަށް ޖެހުމަކީ ވެސް ވަރަށް ބޮޑުވެފައިވާ މައްސަލަ އެކެވެ. އެހެންވެ އެކަމަކަށް ހަލެއް ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން 24 ރަށެއްގައި ރައްކާތެރި ގޮތެއްގައި ބޯފެން ބޭނުން ކުރެވޭނެ ނިޒާމް ގާއިމް ކޮށްފައިވާއިރު، އިތުރު 15 ރަށެއްގައި އެ މަޝްރޫއު ކުރިއަށް ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެެހެން 57 ރަށެއްގައި ވާރޭފެން ރައްކާތެރިކުރުމުގެ މަޝްރޫއު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.