Roadha Mihaaru
އައްޑޫގެ އިތުރު ތިން ރަށެއްގެ ނަރުދަމާ ނިޒާމް ފަށައިފި

އައްޑޫގެ އިތުރު ތިން ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމުކުރުން އިފުތިތާހުކޮށްފި

29 އެޕްރީލް 2017

އައްޑޫގެ އިތުރު ތިން ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަޝްރޫއު ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު އިފުތިތާހުކޮށް ދެއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ އިތުރު ތިން ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަޝްރޫއު ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު އިފުތިތާހުކޮށް ދެއްވައިފި އެވެ.

ވަކިވަކިން ބޭއްވި ރަސްމިއްޔާތުތަކެއްގައި ނަރުދަމާ ނިޒާމު އިފުތިތާހުކޮށް ދިން ތިން ރަށަކީ ފޭދު އާއި މަރަދޫފޭދޫގެ އިތުރުން މަރަދު އެވެ.

މި ތިން ރަށުގެ ނަރުދަމާ ނިޒާމް ގާއިމު ކުރަން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

ފޭދު އާއި މަރަދޫފޭދޫ އަދި އަދި މަރަދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށާތާ 15 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އޮޕެކް ފަންޑް ފޮ ޑިވެލޮޕްމެންޓް (އޯފިޑް) ގެ ލޯނުގެ އެހީ އާއި ޕީއެސްއައިޕީން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގު 130 މިލިއަން ރުފިޔާ އަށް އަރަ އެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ އައްޑޫ ތަރައްގީ ކުރުން ކަމަށާއި ފުރިހަމަ ސިޓީއެއްގެ ގޮތުގައި އައްޑޫ ތަރައްގީ ކުރެވޭނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކަމަށެވެ.

އަދި މި ސަރުކާރަކީ ހުސް ވާހަކަތަކެއް ދައްކާ ސަރުކާރެއް ނޫން ކަމަށާއި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ސަރުކާރެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫގެ ރައްޔިތުން ތަރައްގީ ބޭނުންވާ ނަމަ އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުން މުހިއްމު ކަމަށެވެ.

މަރަދޫފޭދޫ ނަރުދަމާ އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

މަރަދޫފޭދޫ ނަރުދަމާ އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

އައްޑޫ ސިޓީ ކައުންސިލަކީ ޕީޕީއެމްގެ ކައުންސިލަކަށް ވެއްޖެ ނަމަ، ސަރުކާރާ ގުޅިގެން އައްޑޫގެ ތަރައްގީ އަށް ގިނަ ކަންކަން ކުރެވޭނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.

އައްޑޫގެ ނަރުދަމާ ނިޒާމް އިފުތިތާހު ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު ހަވީރު ހިތަދޫ އުތުރާއި ދެކުނުގެ ނަރުދަމާ ނިޒާމް ވެސް މިނިސްޓަރު އިފުތިތާހުކޮށް ދެއްވާނެ އެވެ.

ހިތަދޫގެ ނަރުދަމާ ނިޒާމް 15 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައި ވަނީ އެމްޑަބްލިއުއެސްސީއާ އެވެ. ދައުލަތުގެ ބަޖެޓުން ހިތަދޫގެ ނަރުދަމާ ނިޒާމަށް 109 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

ހުޅުދު އާއި މީދޫގެ ނަރުދަމާ ނިޒާމް އިއްޔެ ވަނީ އިފުތިތާހުކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ.