Roadha Mihaaru
ފެނާއި ނަރުދަމާގެ ސްޓްރެޓެޖިކް ޕްލޭން ތައާރަފުކޮށްފި

ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ޕްލޭން ތައާރަފުކޮށްފި

04 ނޮވެމްބަރ 2020

މީހުން އުޅޭ ހުރިހާ ރަށަކަށް 2023ގެ ކުރިން ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާ ގުޅޭ ސްޓްރެޓެޖިކް ޕްލޭން މިއަދު ތައާރަފުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މީހުން އުޅޭ ހުރިހާ ރަށަކަށް 2023ގެ ކުރިން ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާ ގުޅޭ ސްޓްރެޓެޖިކް ޕްލޭން މިއަދު ތައާރަފުކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޮގަސްޓް 5، 2020 ގައި ތަސްދީގުކުރެއްވި "ފެނާއި ނަރުދަމާގެ ގާނޫނު" ބުނާގޮތުން، އެ ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން ފަސް އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ޖެހެ އެވެ. އެކަމުގެ މަސައްކަތްތައް ކުރަން، ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ތައްޔާރުކޮށް، ތިން މަސް ދުވަހުގެ ތެރޭގައި ލޯންޗްކުރަން ޖެހެ އެވެ.

އެ ޕްލޭން ތައާރަފުކޮށްފައި ވަނީ އެކަމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ އެއް ދުވަސް ކުރިންނެވެ.

ސްޓްރެޓެޖިކް ޕްލޭނުގައި ހިމެނޭ މައިގަނޑު ހަ ސިޔާސަތު ބިނާ ވަނީ އެންމެންނަށް ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް ކަށަވަރުކޮށްދިނުމާއި ތިމާވެއްޓާ ރައްޓެހި، ހަރަދު ކުޑަ ފެނާއި ނަރުދަމާގެ ނިޒާމް ތަރައްގީކުރުމަށާއި ފެނާއި ނަރުދަމާގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށާއި އެ ދާއިރާ އަށް މީހުން ހޭލުންތެރިކަން އިތުރުކުރުމަށާއި ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށާއި ފެންބޮޑުވުމުގެ ކާރިސާތަކަށް ވިލުންވެރި މުޖުތަމައުއަށް ބިނާކުރުމުގެ މައްޗަށެވެ.

ފެނާއި ނަރުދަމާގެ ގައުމީ ސްޓްރެޓިޖިކް ޕްލޭނަކީ މި ދާއިރާގެ ލަނޑުދަނޑިތައް ހާސިލްކޮށް ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ބޭނުން ހިފޭނެ ޕްލޭނެކެވެ. އެ ތަންފީޒުކުރާނީ ކަމާގުޅޭ ވުޒާރާތަކާއި ކުނފުނިތަކާ އޮފީސްތައް ގުޅިގެން އެންވަޔަރްމަންޓް މިނިސްޓްރީންނެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާ ގުޅޭ ސްޓްރެޓެޖިކް ޕްލޭން ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެނަވްޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ވާހަކަދައްކަވަނީ.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ

ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާ ގުޅޭ ސްޓްރެޓެޖިކް ޕްލޭން ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެނަވްޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ވާހަކަދައްކަވަނީ.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މީހުން ދިރިއުޅޭ 42 ރަށުގައި ފެނުގެ ނިޒާމް ގާއިމްކޮށްފައިވާއިރު 69 ރަށުގައި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ދަށުން 40 ރަށެއްގައި އަދި ފަންޑެއްގެ އެހީގައި ހަތަރު ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރާއިރު ވާރޭފެން ރައްކާތެރިކުރުމަށް 40 ރަށުގެ މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވި އެވެ.

މިހާރު ވެސް 53 ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެ އަށް ސުނާމީ އެރިފަހުން ފެނުގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިިމަތިވެގެންދިޔަ ކަމަށެވެ. ހާއްސަކޮށް ރަށްރަށުގެ ފެން ލޮނުވެ، ތަޣައްޔަރުވެ ބޮޑެތި ގެއްލުންތައް ވެފައިވާ ކަން ފާހަގަކުރެއްވި އެވެ.

"އެއަށްފަހު ރާއްޖޭގެ ފެނާއި ނަރުދަމާގެ ކަންކަން ވަކި ގޮތަކަށް ތަރުތީބުކުރަން ވަރަށް މުހިއްމުކަމަށް ވެގެން ގޮސްފައިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2023 ވަނަ އަހަރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން ކަމަށާއި އެ މަސައްކަތަށް ފަންޑު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ މަސައްކަތަށް ހަރަދުވާނެ ކަމަށް ލަފާކުރެވޭ އަދަދެއް އަދި ސާފެއް ނުވެ އެވެ.