Roadha Mihaaru
ޗައިނާއިން ރާއްޖެ އަށް 262،500 ލެޑް ހަދިޔާކޮށްފި

ޗައިނާ އިން ރާއްޖެ އަށް 262،500 ލެޑް ބޮކި ހަދިޔާކޮށްފި

22 އޮކްޓޯބަރ 2017

ރާއްޖެ އަށް ޗައިނާ ސަރުކާރުން 250،000 އަށް ވުރެ ގިނަ ލެޑް ބޮކި މިރޭ ހަދިޔާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އަށް ޗައިނާ ސަރުކާރުން 250،000 އަށް ވުރެ ގިނަ ލެޑް ބޮކި މިރޭ ހަދިޔާކޮށްފި އެވެ.

ޝީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާގެ ފަރާތުން އެ ބޮކިތައް ރާއްޖެއާ ހަވާލު ކުރެއްވީ އެ ގައުމުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލީ ޒޮން އެވެ. އެ ބޮކިތަކާ ހަވާލުވެވަޑައިގަތީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

މިއީ "ފަހިއަލި" ޕްރޮގްރާމުގެ ދަށުން ރާއްޖެ އަށް ޗައިނާ އިން ބޮކި ހަދިޔާކުރި ތިން ވަނަ ފަހަރެވެ. އެގޮތުން މިފަހަރު އެ ގައުމުން ވަނީ 262،500 ލެޑް ބޮކި ހަދިޔާކޮށްފި އެވެ.

ޗައިނާ އިން މިރޭ ހަދިޔާކުރި ބޮކިތައް ބަހަން ހަމަޖައްސާފައިިވަނީ ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށެވެ. އެ ގޮތުން ފެނަކަ އިން ހިދުމަތް ދެމުން އަންނަ ރަށްރަށަށް، ކޮންމެ ގެއަކަށް ފަސް ލެޑް ބޮކި ބަހަން ވަނީ ނިންމައިފަ އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ބުނި ގޮތުގައި އެ ބޮކިތައް ބޭނުންކުރަން ފެށުމުން ކަރަންޓަށް ކުރާ ހޭދަ އިން 1.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ލެޑް ބޮކިތައް ބޭނުންކުރަނީ ކަރަންޓަށް ސަރުކާރުން ކުރާ ހޭދަ ކުޑަކުރުމަށް ކަމަށެވެ. އޭގެ ސަބަބުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިގެން އަންނަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެންވަަޔަރްމަންޓް މިނިސްޓަރު ތޯރިގް (ވ)، ސްކައުްޓް އެސޯސިއޭޝަަނަށް ހޯމް ސޯލާ ޕީވީ ސިސްޓަމެއް ހަދިޔާކުރައްވަނީ.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ

އެންވަަޔަރްމަންޓް މިނިސްޓަރު ތޯރިގް (ވ)، ސްކައުްޓް އެސޯސިއޭޝަަނަށް ހޯމް ސޯލާ ޕީވީ ސިސްޓަމެއް ހަދިޔާކުރައްވަނީ.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ ރިނިއުބަލް އެނާޖީ ބޭނުންކުރާ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދުވާލު ގަޑީގައި ބޭނުންވާ ހަކަތައިގެ 30 ޕަސެންޓަކީ އިއާދަކުރަނިވި ހަކަަތަ އަށް ހެދުން ކަމަށެވެ.

ވަރަށް ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރަމުން އަންނައިރު ހއ. އަދި ހދ. ގެ ހުރިހާ ރަށެއްގައި ސޯލާ ޕެނަލް ބެހެއްޓުމަށް ބަޔަކަށް ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.

ފެހި އަލި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ރަށްރަށުގެ ބަނދަރުގައި ލެޑް ބައްތި ޖަހައި މާލޭގެ ގެތަކަށް ވަނީ ބޮކި ބަހައިފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓްރީން ވަނީ ގާލް ގައިޑަށާއި ސްކައުންޓް އެސޯސިއޭޝަނަށް ހޯމް ސޯލާ ޕީވީ ސިސްޓަމެއް ހަދިޔާ ކޮށްފަ އެވެ.