Roadha Mihaaru
ބޭނުން ނުވާ ވަރުގެ އިންޖީނުގެތައް އެބަހުރި: ތޯރިގް

ރަށްރަށަށް ބޭނުން ނުވާ ވަރުގެ އިންޖީނުގެތަކާއި އޮފީސްތައް އަޅާފައި އެބަހުރި: ތޯރިގް

10 ޖުލައި 2024

ބައެއް ރަށްރަށަށް ބޭނުންނުވާ ވަރުގެ އިންޖީނުގެތަކާއި އޮފީސްތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އަޅާފައި އެބަހުރި ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބައެއް ރަށްރަށަށް ބޭނުންނުވާ ވަރުގެ އިންޖީނުގެތަކާއި އޮފީސްތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އަޅާފައި އެބަހުރި ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި މީޑިއާ ބްރީފިންގައި ތޯރިގު ވިދާޅުވީ ރާއްޖެ އިން ތެލަށް ބަރޯސާވާ ވަރު ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމުގެ ގޮތުން ޑިސްޓްރިބިއުޝަނާއި ޖަނަރޭޝަންގެ ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

ނަމަވެސް، މިދިޔަ ސަރުކާރުގައި ދުރާލައި ރޭވުމެއް ނެތި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ސަބަބުން މިކަން ކުރުމަށް ހުރަސްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މައިގަނޑު ސަބަބެއް ކަމަށް ތޯރިގް ފާހަގަކުރެއްވީ ބައެއް ރަށްރަށަށް ބޭނުންވާ ވަރުގެ އިންޖީނުގެ އާއި އޮފީސް އިމާރަތްތައް އަޅައިފައި ހުރުމާއި ބައެއް މަޝްރޫއުތައް ނުނިމި ހުރުމާއި ނިމިފައި ހުރި ތަންތަނަށް ބޭނުންވާ ވަސީލަތްތައް އަދިވެސް ހަމަނުވެ ހުރުމެވެ. އެ މަޝްރޫއުތައް ހިންގާފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ވެސް އޭނާ އިޝާރާތް ކުރެއްވި އެވެ.

"ބައެއް ރަށްރަށުގައި އެ ރަށަކަށް ބޭނުން ނުވާ ވަރުގެ ބޮޑެތި އިންޖީނުގެތަކާއި ޔުޓިލިޓީ ކުންފުނިތަކުގެ އޮފީސްތައް ވަނީ ހެދިފައި. މިސާލަކަށް ދަންނަވާ ކަމަށް ވަންޏާ 500-1،000 މީހުން ހަމަނުވާ އާބާދީގެ ރަށްރަށުގައި އެ ރަށްރަށަށް ބޭނުން ނުވާ ވަރުގެ ބޮޑެތި ޔުޓިލިޓީ ކުންފުނީގެ، ހާއްސަކޮށް ފެނަކައިގެ ބޮޑެތި އޮފީސްތައް އެޅި އަދި އެ ރަށްރަށަށް ބޭނުން ނުވާ ވަރުގެ ބޮޑެތި އިންޖީނުގެތައް އެޅިފައި ހުރީ،" އޭނާ ވިދާޅުވި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ތޯރިގް އިބްރާހިމް އާއި މިނިސްޓްރީގެ އިސްވެރިން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ތޯރިގް އިބްރާހިމް އާއި މިނިސްޓްރީގެ އިސްވެރިން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތޯރިގް ވިދާޅުވި ގޮތުގައި، މިދިޔަ ސަރުކާރުގައި އެގޮތަށް 60 ޕްރޮޖެކްޓް ހިންގާފައިވާ އިރު، އިމާރާތްކޮށް ނިމިފައި ހުރި ގިނަ ތަންތަނަށް ބޭނުންވާ ވަސީލަތްތައް އަދިވެސް ހުރީ ހަމަ ނުވެ އެވެ.

"އެ ތަންތަނުގައި މަސައްކަތް ކޮށްފައި ހުރީ ބާޒާރުގައި ތަކެތީގެ އަގު ހުރި ވަރަށް ވުރެ ގާތްގަނޑަކަށް 114 ޕަސެންޓަށް ވުރެ މަތިކޮށްކަން ވެސް ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.

"މީގެ އިތުރުން ކޭބަލާއި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ އެހެނިހެން ސާމާނު ވެސް އެ ވަގުތަކަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބޮޑު އަގުގައި ކޮންޓްރެކްޓުކޮށް، އެޑްވާންސްގެ ގޮތުގައި 15 އާއި 20 ޕަސެންޓް ދީފައިވާކަން ވެސް ފާހަގަކޮށްލަން. މި ޕްރޮކިއުމަންޓްތަކުގެ ވެސް ބާކީ ހުރި ފައިސާ ދައްކަން ޖެހެނީ މި ސަރުކާރުން. އެ މަސައްކަތް މިހާރު މި ދަނީ ނިންމަމުން."

މީގެ ސަބަބުން އެކަށީގެންވާ އަގެއްގައި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިތަކާ ވެސް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކައިގެ ބޮޑެތި އޮފީސް އިމާރާތްތަކާއި އިންޖީނުގެތައް އެކި ރަށްރަށުގައި އަޅާފައިވެ އެވެ. މިދިޔަ ސަރުކާރު ނިމުނުއިރު ފެނަކަ އަކީ ދައުލަތުގެ ކުންފުނިތަކުގެ އެންމެ ދަރަނި ވެސް ބޮޑު އެއް ކުންފުންޏެވެ. އަދި އެ ކުންފުނިން ވަނީ އިންތިހާބު ދުވަސްވަރާ ދިމާކޮށް ވަރަށް ގިނަ މީހުންނަށް ވަގުތީ ވަޒީފާތައް ވެސް ދީފަ އެވެ.