Roadha Mihaaru
މި މަހުގެ ކަރަންޓު ބިލު ވެސް ބޮޑުވާނެ: ސްޓެލްކޯ

ޔޫސޭޖަކަށް ބަދަލެއް ނާދޭ، މި މަހުގެ ބިލު ވެސް ބޮޑުވާނެ: ސްޓެލްކޯ

20 ޖުލައި 2020

މިދިޔަ މަހާ އަޅާބަލާއިރު މި މަހު ކަރަންޓު ބޭނުންކުރާ މިންވަރަށް ބަދަލެއް ނާންނަ ކަމަށާއި، އެކަމުގެ ސަބަބުން މި މަހުގެ ބިލް ވެސް ބޮޑުވާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ މަހާ އަޅާބަލާއިރު މި މަހު ކަރަންޓު ބޭނުންކުރާ މިންވަރަށް ބަދަލެއް ނާންނަ ކަމަށާއި، އެކަމުގެ ސަބަބުން މި މަހުގެ ބިލް ވެސް ބޮޑުވާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ކަރަންޓުގެ ހިދުމަތްތަކާ ގުޅޭގޮތުން ފެނަކަ އާއި ސްޓެލްކޯ އާއި މޯލްޑިވްސް އެނާޖީ އޮތޯރިޓީ އަދި އެންވަޔަރަމަންޓު މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ވިދާޅުވީ މިދިޔަ މަހު ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އެ ކުންފުނިން ސާވޭއެއް ހަދާފައިވާ ކަމަށެވެ. އެ ސާވޭއިން ދައްކާ ގޮތުގައި ގިނަ ގެތަކުގައި ބޭނުންވާ ވަރަށް ވުރެ އިތުރަށް ކަރަންޓު ބޭނުން ކުރަމުން އަންނަ ކަން ފާހަގަ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިން ފަހުމީ ވިދާޅުވީ ހުސްކޮށް ހުރި ބައެއް އެޕާޓްމަންޓުތަކުގެ ބިލު ބޮޑުވުމުގެ ޝަކުވާތައް ވެސް އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އެ ތަންތަނަށް ޒިޔާރަތްކޮށް ބެލި ބެލުމުން ކަރަންޓު ހޭދަވާ ގޮތަށް، އޮޅިގެން ނަމަވެސް އޭސީ އާއި ސްވިޗުތައް ޖައްސާފައި ހުންނަކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން 700 އަށް ވުރެ ގިނަ ގޭބިސިތަކާއި ވިޔަފާރިތަކުގެ ކަރަންޓު ހޭދަވާ ގޮތް ބަލައިލިން. މި ސާވޭއަށް ބަލާއިރު މެއި ޖޫން، ގައި ކަރަންޓު ބޭނުންކުރި ޕެޓާން އަދިވެސް މިހިރީ. އެހެންވީމާ އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ ޖުލައި މަހުގައި ލިބޭ ބިލު ވެސް ބޮޑުވާނެ ކަމަށް." ހުސައިން ފަހުމީ ވިދާޅުވި އެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ ލޮކްޑައުންގެ ތެރޭގައި ދެމުން އައި 40 ޕަސެންޓުގެ ޑިސްކައުންޓު މިދިޔަ މަހުގެ ބިލުން ވެސް ދީފަ އެވެ. ނަމަވެސް މި މަހުގެ ބިލުން އެ ޑިސްކައުންޓު ދޭނެ ކަމެއް އަދި ނާންގަ އެވެ.

ކަރަންޓުގެ ހިދުމަތާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކި އިދާރާތަކުގެ ބޭފުޅުން މީޑިއާއާ މައުލޫމާތު ހިއްސާ ކުރަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކަރަންޓުގެ ހިދުމަތާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކި އިދާރާތަކުގެ ބޭފުޅުން މީޑިއާއާ މައުލޫމާތު ހިއްސާ ކުރަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އާއްމުކޮށް މާޗު، އޭޕްރިލް އަދި މެއި މަހަކީ ހޫނު ގަދަ ދުވަސްވަރަކަށްވުމުން ކަރަންޓު ބިލު ބޮޑުވެ އެވެ. ނަމަވެސް މިއަހަރު އެ ބިލުތައް ބޮޑު ނޫން ކަމަށް ފާހަގަކުރެވުނީ ސަރުކާރުން ޑިސްކައުންޓު ދިނުމާ ގުޅިގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ނަޖާހު ވިދާޅުވީ އެ ކުންފުނީގެ ވެސް މި މަހުގެ ބިލްތަކަށް އަރާ މިންވަރު މިދިޔަ މަހާ އަޅާ ބަލާއިރު މަދުވި ނަމަވެސް ދައްކަން ޖެހޭ މިންވަރު އިތުރުވާނެ ކަމަށެވެ. އެއީ ކުރިން ދެމުން އައި ޑިސްކައުންޓު މި މަހުގައި ދޭން މިހާތަނަށް ނިންމާފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭޕްރިލް މަހުގަ އެބަހުރި 21.1 މިލިއަން ޔުނިޓު ކަސްޓަމަރުން ބޭނުންކޮށްފައި. އެއީ ޖެނުއަރީއާ އަޅާބަލާއިރު 34 ޕަސެންޓުގެ ބޮޑުވުމެއް. ހާއްސަކޮށް ހުރިހާ އަހަރަކު ވެސް އޭޕްރިލް މަހުގެ ބިލް އެންމެ ބޮޑުވާނީ. އެކަމަކު އެވަރަށް ބިޑުވި އިރުވެސް ކަރަންޓުން 40 ޕަސެންޓު ޑިސްކައުންޓު ލިބުނީމަ ކަސްޓަމަރުންނަށް އެ ބޮޑުވުމެއް ފާހަގައެއް ނުކުރެވުނު." އަހުމަދު ނަޖާހު ވިދާޅުވި އެވެ.

ކަރަންޓު ބިލު ބޮޑުވުމަށް އޮތް ހަމައެކަނި ހައްލެއްގެ ގޮތުގައި ކަރަންޓާއި ހަކަތައާ ބެހޭ ހުރިހާ އިދާރާއަކުން ވެސް ފާހަގަކޮށްފައިވަނީ ބޭކާރު ގޮތުގައި ބޭނުން ކުރާ ކަރަންޓުގެ މިންވަރު ދަށް ކުރުމެވެ. އެގޮތުން، އޭސީ 16ގައި ބެހެއްޓުމުގެ ބަދަލުގައި 25 ގައު ބެހެއްޓުމާއި ބޭނުންކޮށް ނިމުމުން ސްވިޗުތައް އޮފް ކުރުމާއި އޭސީ ކޮށްފައި ހުންނަ ކޮޓަރިތަކުގެ ކުޑަ ދޮރުތައް ހުޅުވާފައި ނުބެހެއްޓުން ހިމެނެ އެވެ.