23 ޖެނުއަރީ 2017
ކަރަންޓުގެ އަގު ބޮޑުވަމުންދާ ވަރަކަށް އެންމެންގެ ޖީބަށް ވެސް ބާރު ބޮޑުވެ އެވެ. މިފަދަ އަސާސީ ޚިދުމަތެއްގެ އަގުތައް ބޮޑުވަމުންދާ ނަމަ އެކަމާ އެންމެން ވެސް ކަންބޮޑުވެ އެވެ.
ކަރަންޓުގެ އަގު ބޮޑުވަމުންދާ ވަރަކަށް އެންމެންގެ ޖީބަށް ވެސް ބާރު ބޮޑުވެ އެވެ. މިފަދަ އަސާސީ ޚިދުމަތެއްގެ އަގުތައް ބޮޑުވަމުންދާ ނަމަ އެކަމާ އެންމެން ވެސް ކަންބޮޑުވެ އެވެ.
ރާއްޖޭގައި ކަރަންޓުގެ ހިދުމަތަށް ބިލްކުރާ އުސޫލް އޮންނަ ގޮތުން ހިދުމަތް ދޭ ކުންފުނިތަކަށް ބޭނުން އަގެއްގައި ޗާޖެއް ނުކުރެވެ އެވެ. ޚިދުމަތުގެ އަގަށް ބަދަލު ނުގެވުނު ނަމަވެސް ކަރަންޓު އުފައްދަން ޑީސަލް ގަންނަ އަގަށް އަންނަ ބަދަލު ނެގޭނެ އުސޫލެއް މޯލްޑިވްސް އެނާޖީ އޮތޯރިޓީން އޮންނަނީ ހަމަޖައްސައިދީފަ އެވެ.
އެ އޮތޯރިޓީން އެ ހުއްދަ ދީފައި އޮތުމުން ޑީސަލްގެ އަގު ލީޓަރެއް 8ރ. އަށް ވުރެ ބޮޑުވާ ނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ދަނީ ނަގަމުންނެވެ. ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އާއި ފެނަކައިން މި މަހުން ފެށިގެން ފިއުލް ސާޗާޖަށް ޔުނިޓަކަށް 38 ލާރި ނަގަ އެވެ.
ކަރަންޓުގެ އަގަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބަދަލު ގެނައިއިރު ސްޓެލްކޯ އިން ޔުނިޓަކަށް 30 ލާރި ނެގި އެވެ. އަދި އޭގެ ފަހުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވަމުން ދިއުމާ ގުޅިގެން ތިން ފަހަރެއްގެ މަތިން ފިއުލް ސާޗާޖު ނުނަގައި ދޫ ވެސް ކޮށްލި އެވެ. ނަމަވެސް ތެލުގެ ބޮޑު ވަމުން ދާތީ ވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަހު ފިއުލް ސާޗާޖުގެ މިންވަރު ވަނީ އެތައް ގުނައެއް އުފުލިފަ އެވެ.
ކަރަންޓުގެ ޚިދުމަތް ދޭ އެންމެ ބޮޑު ކުންފުނި، ސްޓެލްކޯގެ އިސް އޮފިޝަލަކު ވިދާޅުވީ ތެލުގެ އަގު ކޮންޓްރޯލްކުރުމަކީ އެ ކުންފުންޏަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ކުންފުނިން ޑީސަލް ގަންނަނީ އެސްޓީއޯ އިން އެކަންޏެވެ. އިތުރު ބައެއްގެ އަތުން ގަނެވޭނެ އުސޫލެއް ހަމަޖެހިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ދުނިޔޭގެ ބާޒާރުގައި ޓްރެންޑް ހުރި ގޮތުން ޑީސަލްގެ އަގު ދާނީ މަތިވަމުން. އޭގެ ސަބަބުން ކަރަންޓް އުފެއްދުމަށް ކުރާ ހަރަދު ބޮޑުވެގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މާލެ އާއި މާލެ ކައިރި ބައެއް ރަށްތަކަށް ސްޓެލްކޯއިން ކަރަންޓު އުފައްދަން ދުވާލަކު 260،000 ލީޓަރުގެ ޑީސަލް ބޭނުންކުރެ އެވެ. ފެނަކަ އިން ކަރަންޓުގެ ހިދުމަތް ދޭ 152 ރަށުގައި ކަރަންޓް އުފައްދަން ތެލަށް މަހަކު 60 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.
"މިހާރު މި އޮންނަ އުސޫލާ ގުޅިގެން އާއްމުންނަށް ހީވަނީ ސްޓެލްކޯ އިން ކަމަށް ކަރަންޓުގެ އަގު ކޮންޓްރޯލްކުރަނީ. އެކަމަކު އަޅުގަނޑުމެންނަށް އެ ބާރެއް ނޯވޭ. މިތަނުން ކަރަންޓުގެ ހިދުމަތަށް ޗާޖުކުރަނީ ސަރުކާރުން ކަނޑައަޅާ ރޭޓަކަށް. އަދި އެސްޓީއޯ އިން ތެޔޮ ވިއްކާ އަގުން އަޅުގަނޑުމެން ފިއުލް ސާޗާޖު ވެސް ނަގަނީ،" ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ހަތަރު މަސް ދުވަހު ހޫނު ގަދަވާނެތީ ކަރަންޓް ބޭނުންކުރާ މިންވަރު ވެސް ވަރަށް ބޮޑު ތަން މައްޗަށް ދާނެ ކަމަށެވެ. އެއާއެކު އަނެއްކާވެސް ކަރަންޓު ބިލު ބޮޑުވާނެ އެވެ.
"މާލޭގައި އިމާރާތްތައް ވެސް މިދަނީ ހެސްކިޔާއި އުސްވަމުން. އެއާއެކު ކަރަންޓްގެ ޑިމާންޑް އިތުރުވުން އިތުރު ޖަނަރޭޓަރު ބޭނުންވޭ. އެހެންވުމުން ވެސް ޑީސަލް ބޭނުންކުރަން ޖެހޭ މިންވަރު އިތުރުވެގެންދާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ކަރަންޓުގެ އަގަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގެނައި ބަދަލާ ގުޅިގެން ވަރަށް ގިނަ ބަޔަކު ބިލު ބޮޑުވާ ކަމުގެ ޝަކުވާކުރި އެވެ. އޭގެ ފަހުން ސަރުކާރުން ވަނީ 500 ޔުނިޓުން ފެށިގެން ދަށުގެ ޔުނިޓްތަކުގެ އަގު ހެޔޮކޮށްފަ އެވެ. އަދި ކަރަންޓް ބިލު ބޮޑުވާތީ އެ ޓެރިފް ރޭޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެބަދަލެއް ފެންނަވަރެއް ނުވެ އެވެ.
ފިއުލް ސާޗާޖު ނެގުމުގެ އުސޫލް މިހާރު އޮތް ގޮތުން ތެލުގެ އަގު މައްޗަށް ދާ މިންވަރަކަށް ޖުމްލަ ޗާޖުކުރާ މިންވަރު ވެސް ދާނީ ބޮޑުވަމުންނެވެ.
ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން ބިލު ބޮޑުވާތީ އެކަމަށް ލުޔެއް ހޯދައިދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ފެނަކައިން ދާދި ފަހުން ބުނެފައިވެ އެވެ.
"އަޅުގަނޑުމެން އެސްޓީއޯއާ އެބަ މަޝްވަރާކުރަން ކަރަންޓުގެ އަގު ހެޔޮކުރެވޭނެ އެހެން ގޮތްތަކެއް ހޯދަން. އެ ކަންތައް ހަމަޖެހުމުން އޭގެ ތަފުސީލްތައް އާއްމުކުރާނަން،" ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ ހަމަޖެހިފައި އޮންނަނީ އެސްޓީއޯ އިން ރަށްރަށަށް ތެޔޮ ސަޕްލައި ކޮށްދޭ ގޮތަށް ކަމަށެވެ. ނަމަވެސް އެ ކުންފުނިން އަމިއްލަ އަށް ސަޕްލައި ކުރީމަ ތެލަށް ކުރާ ހަރަދު ކުޑަވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މިކަމަށް ހައްލެއް ގެނެވޭނެ ގޮތެއް ނޭނގެ. އެސްޓީއޯއިން ޑީސަލްގެ އަގު ކޮންޓްރޯލްކުރަނީ. އެއަށް ވުރެ އަގު ހެޔޮކޮށް ވިއްކާ ބައެއްގެ އަތުން ގަނެވޭނެ އުސޫލެއް ނެތި ހައްލެއް ހޯދޭނެ ގޮތެއް މިވަގުތު ނެތް --ސްޓެލްކޯ
ތެލަށް ކުރާ ހަރަދު ކުޑަކުރާނެ ކަމަށް ފެނަކައިން ބުނިއިރު ސްޓެލްކޯ އިން ބުނީ އެކަމަށް ހައްލެއް ގެނެވޭނެ ގޮތެއް ނެތް ކަމަށެވެ.
"މިކަމަށް ހައްލެއް ގެނެވޭނެ ގޮތެއް ނޭނގެ. އެސްޓީއޯއިން ޑީސަލްގެ އަގު ކޮންޓްރޯލްކުރަނީ. އެއަށް ވުރެ އަގު ހެޔޮކޮށް ވިއްކާ ބައެއްގެ އަތުން ގަނެވޭނެ އުސޫލެއް ނެތި ހައްލެއް ހޯދޭނެ ގޮތެއް މި ވަގުތު ނެތް،" ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި އެވެ.
ސްޓެލްކޯ އާއި ފެނަކައިން ފިއުލް ސާޗާޖު ބޮޑުކުރަމުން ދާއިރު އެ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރަން އެއްވެސް ފިޔަވަޅެއް އަޅާތަނެއް ނުފެނެ އެވެ. ސިޔާސީ ބޭނުމަށް އެކި މަގާމުތައް އުފައްދައި ބޭކާރު އެތައް ބަޔަކަށް ވަޒީފާ ދެ އެވެ. އަދި ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމުގެ ގޮތުން އަމިއްލަ ވަކި ކުންފުނިތަކުން ބޮޑު އަގުގައި ފެނަކައިން ތެޔޮ ގަންނަމުންދާ ކަމުގެ އަޑުތައް ވެސް އިވެ އެވެ.
ކަރަންޓްގެ އަގު ބޮޑުވާ މައްސަލައަށް އަދި ހައްލެއް ފެންނާކަށް ނެތެވެ. އެހެންކަމުން އާންމުންނަށް އޮތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާ މިންވަރަކަށް ކަރަންޓްގެ އަގު ވެސް ބޮޑުވާނެކަން ދެނެގަނެގެން ތިބުމެވެ.
މި މަހުގެ ކަރަންޓު ބިލު ވެސް ބޮޑުވާނެ: ސްޓެލްކޯ
ރަށްރަށުގެ ކަރަންޓާއި ފެން މާލެއެކޭ އެއް އަގަކަށް
ފިއުލް ސާޗާޖު އުނިކުރުމުން ކަރަންޓުގެ އަގު ހެޔޮވަނީ
ތެލުގެ އަގު ބޮޑުވަނީ ލިބޭ އަގު ވެސް ބޮޑުވާތީ:އެސްޓީއޯ
ކަރަންޓު ހެޔޮ ކުރުމުގެ ވައުދު ދަނީ ފުލުން: އެމްޑީޕީ
ރޯދަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދެނީ
މިސްކިތްތަކުގެ ކަރަންޓް ބިލް ކުޑަކުރަނީ
ސްޓެލްކޯއިން ފެނަކަ އަށް ފަންނީ އެހީ ދެނީ
ކަރަންޓު ބިލް ގުޑުވާލުން: ވުމަށްވުރެ ނުވުން ގާތް!
ކަރަންޓު އަގު ހެޔޮކުރަން ޓެރިފް ރޭޓް އެއްހަމަކުރަނީ