Roadha Mihaaru
ބިލުތަކުން ބޮޑު ލުޔެއް ދޭން ސަރުކާރުން ނިންމައިފި

ފެން ބިލުން 30 ޕަސެންޓު، ކަރަންޓުން 40 ޕަސެންޓްގެ ޑިސްކައުންޓެއް

25 މެއި 2021

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވާތީ ރައްޔިތުން ދައްކަން ޖެހޭ ބައެއް ބިލުތަކަށް ބޮޑެތި ޑިސްކައުންްޓްތަކެއް ދޭން ސަރުކާރުން ނިންމާފައިވާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ އިއުލާނު ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވާތީ ރައްޔިތުން ދައްކަން ޖެހޭ ބައެއް ބިލުތަކަށް ބޮޑެތި ޑިސްކައުންްޓްތަކެއް ދޭން ސަރުކާރުން ނިންމާފައިވާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ އިއުލާނު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ހުރިހާ ގެއެއްގެ ފެން ބިިލުން 30 ޕަސެންޓް، އަދި ކަރަންޓު ބިލުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި، ގޭބިސީތަކަށް އެވަރުގެ ޑިސްކައުންޓެއް ދޭ އިރު، ވިޔަފާރިތަކަށް ވެސް ޑިސްކައުންޓް ދޭނެ އެވެ. ވިޔަވާރިތަކުގެ ފެން ބިލާއި ކަރަންޓް ބިލުން ވެސް 20 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ހުރިހާ ކަމެއް މި ކުރަނީ ހަމަ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި. ސަަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން އިތުރު އެހީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ކޮވިޑުން ސަލާމަތްވުމަށްޓަކައި ދެމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ ކޮވިޑްގެ ރިލީފް ލޯނުގެ ގޮތުގައި ދެމުން އައި ލޯނު ދޫކުރުން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ދޫކުރަން ފަށާނެ ކަމަށެވެ. ދޫކުރާ ލޯނު، ކެފޭ ރެސްޓޯރެންޓްތަކާއި ކުދި އެހެން ވިޔަފާރިތަކަށް ވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދެމުން އައި އިކޮނޮމިކް ރިކަވަރީ ލޯނުތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮންމެވެސް ވަރަކަށް ކޮވިޑް ކޮންޓްރޯލްވެފައި އޮތުމަށް ފަހު، އެ ބަލި ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް ވަރަށް ބޮޑަށް އިތުރުވީ ރައީސް ވިދާޅުވި ގޮތުގައި ގިނަ ސަބަބުތަކެއް މެދުވެރިވެގެންނެވެ.

ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކަށް މިދިޔަ މަހު ދިން ލުއިތަކަކީ ރައީސް ވިދާޅުވި ގޮތުގައި އޭގެ އެއް ސަބަބެވެ. އެ ލުއިތަކުގެ ސަބަބުން މީހުން އެއްތަނުން އަނެއްތަނަށް ދިއުން ފަސޭހަވެ، ކުރިން ބަލި ނުފެތުރި އޮތް އެތައް ރަށަކަށް ވަނީ ބަލި ފެތުރިފަ އެވެ. ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް އޮތުމުން މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގެ އަދަދަކީ މިހާރު 75 އެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު 50،000 އަށް ވުރެ މަތިވެފައި ވާއިރު އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 130 އަށް ވުރެ އިތުރު ވެފަ އެވެ.