Roadha Mihaaru
ކޮވިޑް ކޭސްތަކެއް ފެނުމުން ތިނަދޫ ބަންދުކޮށްފި

ކޮވިޑް ކޭސްތަކެއް ފެނުމުން ތިނަދު އަށް އަރައިފޭބުން މަނާކޮށްފި

27 މާޗް 2021

ގދ، ތިނަދޫން ކޮވިޑް-19 އަށް ޓެސްޓްކުރި ފަސް މީހަކު އެ ބައްޔަށް ޕޮޒިޓިވްވުމުން އެ ރަށަށް އަރައިފޭބުން އެޗްޕީއޭ އިން މިއަދު މަނާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގދ، ތިނަދޫން ކޮވިޑް-19 އަށް ޓެސްޓްކުރި ފަސް މީހަކު އެ ބައްޔަށް ޕޮޒިޓިވްވުމުން އެ ރަށަށް އަރައިފޭބުން އެޗްޕީއޭ އިން މިއަދު މަނާކޮށްފި އެވެ.

އެ އިދާރާ އިން މިރޭ ބުނީ ތިނަދޫން ފަސް މީހަކު ކޮވިޑަށް ޓެސްޓްކުރީ ރޯގާގެ އަލާމާތްތައް ހުރުމުން ކަމަށެވެ. އެ މީހުން ބައްޔަށް ޕޮޒިޓިވްވުމުން، ކޮންޓެކްޓްވެފައިވާ އެހެން މީހުން ދެނެގަތުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބޮޑު އާބާދީއެއް އޮންނަ ތިނަދޫން ކޮވިޑް ކޭސްތަކެއް ފެނިފައި މިވަނީ މާލެ ފިޔަވައި އެހެން ގިނަ ރަށްތަކަކަށް އެ ބަލި ފެތުރި، އަރައިފޭބުން މަނާކޮށްފައިވާ ވަގުތެއްގަ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެއް ފެށުނީ މާލޭގަ އެވެ. މާލޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު އެތައް ހާހަކަށް އެރި އިރުވެސް އަތޮޅު ތެރެއަށް އެ ބަލި ނުފެތުރި ގިނަ ދުވަސްތަކެއް ވަންދެން ކޮންޓްރޯލް ކުރެވުނުވެ.

ކޮވިޑުގެ ކޭސްތައް ތިނަދޫގެ އިތުރުން އެންމެ ފަހުން ފެނުނީ ޅ. އަތޮޅުގެ ތިން ރަށަކުންނެވެ. އެއީ ނައިފަރާއި ހިންނަވަރު އަދި މަސް ފެކްޓަރީ ހިންގާ ފެލިވަރުންނެވެ. ފެލިވަރުން އެކަނިވެސް 60 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ރާއްްޖޭން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލައަކީ މިހާރު 23،237 އެވެ. އޭގެ ތެރެއިން 66 މީހަކު އެ ބަލީގައި ވަނީ މަރުވެފަ އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ މިހާރު 100 އެވެ.