Roadha Mihaaru
ހޯޑެއްދޫން 100 އަށް ވުރެ ގިނަ ކޮންޓެކްޓުން ފެނިއްޖެ

ހޯޑެއްދޫގެ ކްލަސްޓާ ބޮޑުވަނީ، ކޮންޓެކްޓުންގެ އަދަދު 100 އަށް ވުރެ ގިނަ

08 ސެޕްޓެމްބަރ 2020

ގދ. ހޯޑެއްދޫ އިން ފެނުނު ކޮވިޑް-19ގެ ކޭސްތަކުގެ ކްލަސްޓާ ބޮޑުވެ ކޮންޓެކްޓުންގެ އަދަދު 100 އަށް ވުރެ އިތުރުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގދ. ހޯޑެއްދޫ އިން ފެނުނު ކޮވިޑް-19ގެ ކޭސްތަކުގެ ކްލަސްޓާ ބޮޑުވެ ކޮންޓެކްޓުންގެ އަދަދު 100 އަށް ވުރެ އިތުރުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހޯޑެއްދޫން މިހާތަނަށް 111 ކޮންޓެކްޓުން ފެނިފައިވާ އިރު އޭގެ ތެރެއިން ބަލީގެ އަަލާމާތްތައް ހުރި 60 މީހަކު އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި 50 އަހަރުން މަތީގެ ފަސްމީހަކާއި އަހަރު ނުވާ ދެ ކުދިން ހިމެނެ އެވެ.

ހޯޑެއްދޫން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އޭގެ ފަހުން އެ މީހުންނާ ގުޅުމެއް ނެތް އިތުރު ދެ ކޭސް ފެނުނެވެ. އެ ރަށުގެ ގިނަ ކޭޭސްތައް ފެނުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު 19 ކޭސް ފެނުނެވެ. އެ އެންމެންނަކީ ވެސް އެރަށުގެ ހަތަރު ގެއަަކާ ގުޅިފައިވާ މީހުންނެވެ. ނަޒްލާ ވިދާޅުވި ގޮތުގައި އެ ރަށުން ފާހަގަވި 111 ކޮންޓެކްޓުންނަކީ ވެސް ފުރަަތަމަ ޕޮޒިޓިވްވި 21 މީހުންގެ ކޮންޓެކްޓުންނެވެ.

ހޯޑެއްދޫން މިހާ ގިނަ ކޭސްތަކާއި ކޮންޓެކްޓުން ފެނުނު އިރު އަދިވެސް އެރަށަށް ބަލި ދިޔަގޮ ތް އޮތީ ނުހޯދި އެވެ.

"އެރަށަށް ބަލި ދިޔައީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް، ކޭސް އިންވެސްޓިގޭޝަން މިހާރު ވެސް އަދިވެސް ކުރިއަށް އެބަދޭ. އަދި ސީދާ އަޅުގަނޑުމެންނަކަށް ފުރިހަމަައަކަށް އެނގޭކަށް ނެތް ކިހިނެއް ކަމެއް ބަލި ދިޔައީކީއެއް،" ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހޯޑެއްދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުން މިހާރު ވަނީ ކަަރަންޓީނުކޮށްފަ އެވެ. އެ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމުގެ މަަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެެވެ. އެ މީހުންގެ ޓެސްޓްތަކުގެ ނަތީޖާއެއް އަދި ނުލިބެ އެވެ.

ހޯޑެއްދު އާއި މަޑަވެއްޔަކީ ކޯޒްވޭއަކުން ގުޅާލާފައިވާ ދެ ރަށަށް ވާތީ ހޯޑެއްދޫގެ ކޭސްތަކާ ގުޅުންހުރި މީހުން މަޑަވެލީގައި ވެސް ތިބިތޯ އެޗްޕީއޭ އިން އަންނަނީ ބަލަމުންނެވެ. އެ މަސައްކަތްތައް ކުރަނީ ދެރަށުގެ ޓާސްކްފޯހާއި ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފިޝަލުން ގުޅިގެންނެވެ.

ޑރ. ނަޒްލާ، މިރޭގެ މީޑިއާ ބްރީފިންއެެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

ޑރ. ނަޒްލާ، މިރޭގެ މީޑިއާ ބްރީފިންއެެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

"ދެރަށުގައި ވެސް ތިބި ބަލީގެ އަލާމާތްތައް ހުރި ހުރިހާ އެންމެން ހޯދައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދަނީ. މިހާރުވެސް ވަރަށް ބައިވަރު ސާމްޕަލް ވަނީ ނެގިފައި. އަދި ހެލްތު ސެންޓަރުގައި ޓްރަޔޭޖް މިހާރު ވަނީ ގާއިމް ކުރެވިފައި،" ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ކޮވިޑްޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންނާއި އެ ނޫން މީހުންނަށް ވަކިން ސިއްހީ ފަރުވާ ދެވޭނެ އިންތިޒާމް ދެ ރަށުގައި ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ހޯޑެއްދޫގައި އެޅި އެހެން ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލާއި ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރުން ހިމެނެ އެވެ. އަދި މާސްކް އެޅުމަކީ މަޖުބޫރުކަމަކަށް ވެސް ވަނީ ހަދައިފަ އެވެ.

އެ ދެރަށަށް އަރައި ފޭބުން މިހާރު މަނާކޮށްފައި ވާތީ ކާޑާއި ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އެސްޓީއޯ އިން އަންނަނީ ކުރަމުންނެވެ. ނަޒްލާ ވިދާޅުވީ މާސްކާއި ސެނިޓައިޒާ ވެސް އެސްޓީއޯ އިން އެ ދެރަށަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ އިއްޔެ އަށް ހަ މަސް ދުވަސް ވީއިރު މާލެ ފިޔަވައި އެހެން ރަށެއްގައި އާއްމުންގެ ތެރޭގައި ބަލި ފެތުރިފައެއް ނުވެ އެވެ. ހޯޑެއްދޫގައި ވެސް އާއްމުންގެ ތެރޭގައި ބަލި ފެތުރޭ ކަމަކަށް އެޗްޕީއޭ އިން އަދި ނުނިންމަ އެވެ.