Roadha Mihaaru
ކޮވިޑް-19: ތިނަދު އާއި ނިލަންދޫގައި ކާފިއު ހިންގަނީ

ކޮވިޑް-19: ގދ. ތިނަދު އާއި ފ. ނިލަންދޫގައި ރޭގަނޑު 9:00 އިން ފަތިހު 4 އަށް ކާފިއު

12 މެއި 2021

ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާ ގދ. ތިނަދު އާއި ފ.ނިލަންދޫގައި މާދަމާ އިން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމައި، އިތުރު ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާ ގދ. ތިނަދު އާއި ފ.ނިލަންދޫގައި މާދަމާ އިން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމައި، އިތުރު ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނިންމައިފި އެވެ.

އެ އިދާރާ އިން ގެޒެޓްކުރި އެންގުމުގައި، މި ދެ ރަށުގައި ކާފިއު ހިންގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމުގެ އިތުރުން އެހެން ބައެއް ކަންކަން ވެސް ކަނޑައަޅާފައިވެ އެވެ. އެއީ؛

- ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.

- އެއް ގެއިން އަނެއް ގެ އަށް ޒިޔާރަތް ކުރުން ހުއްޓައިލުން.

- އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުން.

- ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން.

- ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓައިލުން.

- ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން.

- ފިހާރާތަކުން ޚިދުމަތް ދޭއިރު އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުން.

- ހޮޓާ/ކެފޭ/ރެސްޓޯރަންޓްތަކާއި ކާބޯތަކެތި ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެދާ ޚިދުމަތްތައް ހުއްޓައިލުން. (މީގެ ތެރޭގައި ޑެލިވަރީ އާއި ޓޭކްއަވޭ ނުހިމެނޭ)

- ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރު ވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓައިލުން.

މާލެ ސަރަހައްދުގެ އިތުރުން އެހެން ރަށްރަށަށް ވެސް ކޮވިޑް ފެތުރި މިހާރު އެ ރަށްރަށަށް އަރައިފޭބުން ވެސް ދަނީ މަނާކުރަމުންނެވެ.

ބެކްލޮގުގައި ހުރި ގިނަ ސާމްޕަލްތަކާ އެކު ޓެސްޓުކޮށް، ކޮވިޑަށް އިއްޔެ 1،204 މީހަކު ޕޮޒިޓީވްވެފައިވެ އެވެ. އެއީ މާލެ ސަރަހައްދުން 961 މީހަކާއި ރަށްރަށުން ބަލިޖެހުނު 235 މީހެކެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭން މި ބަލި ޖެހިގެން 87 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭން މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 10،376 އަށް އަރައިފަ އެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް 244 އަށް ވަނީ މައްޗަށް ގޮސްފަ އެވެ.