Roadha Mihaaru
އައްޑޫ، ފުވައްމުލައް، ގަމުގެ ކާފިއު ވަގުތު އިތުރު

އައްޑޫ، ފުވައްމުލައް، ގަމުގެ ކާފިއުގެ ވަގުތު އިތުރުކޮށްފި

20 މެއި 2021

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އައްޑު އާއި ފުވައްމުލަކާއި ލ. ގަމުގައި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތު މާދަމާ އިން ފެށިގެން އެޗްޕީއޭ އިން އިތުރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އައްޑު އާއި ފުވައްމުލަކާއި ލ. ގަމުގައި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތު މާދަމާ އިން ފެށިގެން އެޗްޕީއޭ އިން އިތުރުކޮށްފި އެވެ.

ކޮވިޑް ފެތުރޭތީ، އަރައިފޭބުން މަނާކޮށްފައިވާ އައްޑު އާއި ފުވައްމުލަކުގައި މިހާރު ކާފިއު ހިންގަނީ ކޮންމެ ދުވަހެއްގެ ހަވީރު 6 އިން ފަތިހު ހަތަރަކަށެވެ. ގަމުގައި ކާފިއު ގަޑިއަކީ ރޭގަނޑު 9 އިން ފަތިހު 4 އަށެވެ.

ނަމަވެސް އެޗްޕީއޭ އިން މިރޭ ނެރުނު އިއުލާނެއްްގައި ބުނީ މާދަމާ އިން ފެށިގެން މި މަހު 26 އާ ހަމައަށް އައްޑު އާއި ފުވައްމުލައް އަދި ގަމުގައި ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުމަކީ މަނާކަމެއް ކަމަށެވެ. ކޮވިޑް އެންމެ ބާރަށް ފެތުރޭ މާލެ ސަރަހައްދުގައި ވެސް މިހާރު ކާފިއު ހިންގަނީ އެ ގަޑިތަކުގަ އެވެ.

އައްޑު އާއި ފުވައްމުލަކާއި ގަމުގައި ކާފިއުގެ އިތުރުން ވެސް އެހެން ފިޔަވަޅުތައް އަޅަން އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ. އެއީ:

- ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.

- އައްޑޫގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުން ހުއްޓައިލުން.

- ފުވައްމުލަކާއި ގަމުގައި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުން.

- އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓައިލުން.

- އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުން.

- ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން.

- ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓައިލުން.

- ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން.

- ފިހާރާތަކުން ޚިދުމަތް ދޭއިރު އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުން.

- ހޮޓާ/ކެފޭ/ރެސްޓޯރަންޓްތަކާއި ކާބޯތަކެތި ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެދާ ޚިދުމަތްތައް ހުއްޓައިލުން. (މީގެ ތެރޭގައި ޑެލިވަރީ އާއި ޓޭކްއަވޭ ނުހިމެނޭ، ކާފިއު ގަޑީގައި ޓޭކްއަވޭ ޚިދުމަތް ނުދެވޭނެ)

- ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރު ވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓައިލުން.

މާލެ ސަރަހައްދުގެ އިތުރުން ވަރަށް ގިނަ ރަށްރަށުގައި ވެސް ކޮވިޑް ފެތުރުން ގިނަވެ، އެ ރަށްރަށަށް އަރައިފޭބުން މަނާކޮށް އަދި ހަރުކަށި ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

މިއަދަކީ ކޮވިޑްގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މި ބަލީގައި މިއަދު ހަތް މީހަކު މަރުވެފައިވެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުލުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކުރީ ދުވަހުގެ ސާމްޕަލްތަކާއެކު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑު-19 އަށް އިތުރު 1،187 މީހަކު ރާއްޖެ އިން ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 430 މީހުންނަކީ އިއްޔެ 6 އިން މިއަދު 6 ނެގި ސާމްޕަލްތަކުން ޕޮޒިޓީވްވި މީހުންނެވެ.

އެކްޓިވް ކޭސްތައް ވެސް 18،843 އަށް މިހާރު އަރާފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 274 މީހަކަށް ފަރުވާ ދެ އެވެ.