Roadha Mihaaru
ގަމާއި ފޮނަދޫ 80 ދުވަސް ފަހުން ހުޅުވާލައިފި

ގަމާއި ފޮނަދޫ 80 ދުވަސް ފަހުން ހުޅުވާލައިފި

13 ޖުލައި 2021

ކޮވިޑް ފެތުރޭތީ ބަންދުކޮށްފައި އޮންނަތާ 80 ދުވަސް ފަހުން ލ. ގަމާއި ފޮނަދޫ އާންމުކޮށް އިއްޔެ ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް ފެތުރޭތީ ބަންދުކޮށްފައި އޮންނަތާ 80 ދުވަސް ފަހުން ލ. ގަމާއި ފޮނަދޫ އާންމުކޮށް އިއްޔެ ހުޅުވާލައިފި އެވެ.

އެ ދެ ރަށުގެ ކައުންސިލުން މިއަދު ބުނީ، ގަމާއި ފޮނަދު އަށް އަރައިފޭބުން ހުއްދަކުރުމަށް އެޗްޕީއޭ އިން ނިންމައި ރޭ އެކަން އަންގާފައިވާ ކަމަށެވެ.

ލ. އަތޮޅުގައި ކޯޒްވޭތަކުން ގުޅާލާފައިވާ ރަށްތަކުގެ ތެރެއިން ސިނާއީ ރަށެއް ކަމަށްވާ މާންދޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމުން ގަމާއި ފޮނަދު އަށް ވެސް އަރައިފޭބުން ވަގުތީ ގޮތުން މަނާކުރީ އޭޕްރީލް 24 ގަ އެވެ.

އޭގެ ފަހުން ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ މި ރަށްތަކުގައި ވަނީ ކާފިއު ވެސް ހިންގައިފަ އެވެ.

ހަނިމާދޫ ވެސް 33 ދުވަސް ފަހުން ހުޅުވާލައިފި

ކޮވިޑްގެ ހާލަތު ގޯސްވެ ހދ. ހަނިމާދޫ ބަންދުކޮށްފައި އޮންނަތާ 33 ދުވަސް ފަހުން އިއްޔެ އެ ރަށް ވެސް ވަނީ އަލުން ހުޅުވާލައިފަ އެވެ.

ބަލީގެ އަލާމާތްތައް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒަށް ދެއްކި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވެ، އެ ރަށް ބަންދުކުރީ މިދިޔަ މަހުގެ 9 ގަ އެވެ. އޭގެ ފަހުން އެ ރަށުން 77 މީހަކަށް ކޮވިޑް ޖެހުނެވެ. އަދި އަލުން ރަށް ހުޅުވައިލިއިރު، ބަލިން ރަނގަޅު ނުވާ 10 މީހުން އެބަތިއްބެވެ.

މިދިޔަ ދެ މަހެއްހާ ދުވަހު ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވުމަށް ފަހު، މިހާރު ވަނީ ކޭސްތައް ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެހެންވެ، ސަރުކާރުން މިހާރު ވަނީ ވަރަށް ބޮޑެތި ލުއިތައް ވެސް ދީފަ އެވެ.

ވެކްސިން ފުރިހަމަކުރި މީހުންނަށް ސަރުކާރުން ދިން ލުއިތަކުގެ ދަށުން، ވެކްސިން ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ ނަމަ، މޮނިޓަރިންގައި ނެތް ރަށްތަކަށް ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ދަތުރުކުރަން މިހާރު ވަނީ ހުއްދަ ދީފަ އެވެ.

ވެކްސިން ފުރިހަމަކުރި ނަމަވެސް އެ މީހުންނަށް ކަރަންޓީނު ނުވެ، ދަތުރު ކުރެވޭނީ އެ މީހަކު ހުރި ރަށެއްގެ ޕޮޒިޓިވިޓީ ރޭޓް ފަހަކުން ދަށް ނަމަ އެވެ. މި ވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ފަހަކުން ދަށުގައި ކަމަށް ވާތީ، މާލޭގައި އުޅޭ މީހުންނަށް ކަރަންޓީނު ނުވެ، މޮނިޓަރިންގައި ނެތް ރަށްރަށަށް ދެވޭނެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިތާ 60 ދުވަސް ނުވާ މީހުންނަށް ވެސް ކަަރަންޓީނު ވުމެއް ނެތި، ރަށްރަށަށް ދަތުރުކުރެވޭނެ އެވެ. ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންނަށް ވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ނަތީޖާއަކާ އެކު ކަރަންޓީނުވުމެއް ނެތި ރަށްރަށަށް ދެވޭނެ އެވެ.