Roadha Mihaaru
ލ. އަތޮޅުން ދެ މީހަކު ކޮވިޑްގައި މަރުވެއްޖެ

ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދެ މީހަކު މަރުވެއްޖެ

19 މެއި 2021

ލ. ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދެ މީހަކު ކޮވިޑް-19 ގައި މިއަދު މަރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލ. ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދެ މީހަކު ކޮވިޑް-19 ގައި މިއަދު މަރުވެއްޖެ އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު، އަލީ ނަޝީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަރުވެފައި ވަނީ އުމުރުން 87 އަހަރުގެ ފިރިހެނަކާއި 66 އަހަރުގެ އަންހެނެކެވެ. ދެ ރަށަކަށް ނިސްބަތްވާ އެ ދެ މީހުން ވެސް ގަމު ފެސިލިޓީއަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެއިން އިތުރު ދެ މީހަކު ކޮވިޑް-19 ގައި މަަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާތަނަށް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

މިއަދު މަރުވި ދެ މީހުންނާ އެކު ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު 107 އަށް އަރަ އެވެ. މިއާ އެކު މިމަހުގެ ތެރޭގައި ކޮވިޑްގައި މަރުވި މީހުންގެ އަދަދު 33 އަށް އަރަ އެވެ.

ކޮވިޑްގައި ހާލު ބޮޑުވާ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް މި ފަހުން އިތުރުވެފައިވާއިރު ކޮވިޑް ޖެހޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މިހެންވެ ބަލި ކޮންޓްރޯލްކުރަން ފިޔަވަޅުތައް ހަރުކަށިކޮށްފައިވެ އެވެ.

މާލޭ ސަރަަހައްދުގައި ހަވީރު ހަތަރަކުން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގަމުން އަންނައިރު ކެފޭ، ރެސްޓޯރަންޓުތަކާއި ވިޔަފާރިތައް ވެސް އެ ވަގުތަށް ބަންދުކުރެ އެވެ.