Roadha Mihaaru

ރާއްޖެއިން މެނިންގޯކޮކަލް ބަލީގައި މީހަކު މަރުވުމުން ފިޔަވަޅުތައް އަޅަނީ

މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މެނިންގޯކޮކަލް ބަލީގައި މީހަކު މަރުވުމުން ފިޔަވަޅުއަޅަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

07 ޖޫން 2025

މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މެނިންގޯކޮކަލް ބައްޔަކީ ނޭވާލާ ނިޒާމުގެ ޒަރިއްޔާ އިން ފެތުރޭ ގައިންގަޔަށް އަރާ ބައްޔެކެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ބަލީގައި މާލޭގައި ނިޔާވެފައި ވަނީ އުމުރުން 24 އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާ ނިޔާވީ މެލޭޝިއާ އަށް ކުރި ދަތުރަކަށް ފަހު ރާއްޖެ އައި ތަނާ އެވެ.

އެޗްޕީއޭއިން ބުނީ އެ ކޭސް ފެނުމާ ގުޅިގެން ކަމާބެހޭ މައުލޫމާތު އެއްކޮށް ކޮންޓެކްޓް ޓްރޭސިން ހަދައި، ހައިރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ ސީރިއަސް ބައްޔެކެވެ.

ރާއްޖޭގައި އެ ބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމު ގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ މީހުންނެވެ. އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި:

- ހުން އައުން

- ހަމުގައި ރަތް ބިހިތަކެއް ނެގުން

- ބޮލުގައި ރިއްސުން

ބަލީގައި ބޮޑުވަރުވުމުން ސިކުނޑި އަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެ އެވެ.

މެނިންގޯކޮކަލް ބަލި ޖެހިފައިވާ މީހަކާ އެކު، ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1-10 ދުވަހާ ދެމެދު އެވެ.