Roadha Mihaaru
ދެއްވަދޫން ފުރި މީހުން ކަރަންޓީނު ވާން އަންގައިފި

ނޮވެމްބަރު 30 ގެ ފަހުން ދެއްވަދޫން ފުރި އެންމެން ކަރަންޓީން ވާން އެޗުޕީއޭ އިން އަންގައިފިި

09 ޖެނުއަރީ 2021

ގއ. ދެއްވަދޫން ލ. ގަމަށް ދިޔަ ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގެ ފަހުން ދެއްވަދޫން އެހެން ރަށްރަށަށް ފުރި މީހުން ކަރަންޓީނު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އަންގައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގއ. ދެއްވަދޫން ލ. ގަމަށް ދިޔަ ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގެ ފަހުން ދެއްވަދޫން އެހެން ރަށްރަށަށް ފުރި މީހުން ކަރަންޓީނު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އަންގައިފި އެވެ.

އެ އިދާރާ އިން ބުނީ، ނޮވެމްބަރު ތިނެއްގެ ފަހުން، ދެއްވަދޫން ފުރާފައިވާ މީހެއް ނަމަ ވީ އެންމެ އަވަހަކަށް އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށް އެންގުމަށް އެދޭ ކަމަށާއި ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީންގައި ތިބެން ވާނެ ކަމަށެވެ.

އެ މުއްދަތުގައި ދެއްވަދޫން މާލެ އައިސްފައިވާ މީހެއް ނަމަ މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭ ފްލޫ ކްލިނިކުން ސާމްޕަލް ނަގައި، ނަތީޖާ ލިބެންދެން ކަރަންޓީނުވެ ތިބުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސް ކުރި އެވެ.

"ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނިކުންނެވުމަށް ހާއްސަ ސަމާލުކަން ދެއްވުމަށް ދަންނަވަން،" އެޗްޕީއޭ އިން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގެ ފަހުން ދެއްވަދޫން އައިސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަ ނުވާ މީހެއް ނަމަ ކޮވިޑު ޓެސްޓު ހެދުމަށް ވެސް އެޗުޕީއޭ އިން އެދެ އެވެ. ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު، އަލުން ޓެސްޓު ކުރަން ޖެހޭނެ ކަމަށާއި އެ ޓެސްޓުގެ ނަތީޖާ ލިބެންދެން ވެސް ކަރަންޓީނުގައި ތިބެން ޖެހޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިދިޔަ މަހު 24 ގައި މާލެ އިން ދެއްވަދު އަށް ދިޔަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެ ރަށުން ލ. އަތޮޅަށް ފުރި ހަތަރު މީހަކު ވެސް މިހާރު ވަނީ ޕޮޒިޓިވްވެފަ އެވެ. ދެއްވަދޫގައި ކޮވިޑް ފެތުރުނީ، އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންނަށް ނެގެޓިވް ނަތީޖާ ދިނުމާ އެކު، ރަށުތެރެއަށް އެ މީހުން ނުކުމެ އުޅުމުގެ ސަބަބުން އެޗުޕީއޭ އިން ވެސް ބުނެފަ އެވެ.

އެޗްޕީއޭ އިން އަންނަނީ ދެއްވަދޫ ކޮވިޑް ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ.