Roadha Mihaaru
ދެއްވަދޫ ކްލަސްޓާގައި ހައިރިސްކުމީހުން ވަރަށް ގިނަ

ދެއްވަދޫ ކްލަަސްޓާގައި ހައި ރިސްކު 100 އަށް ވުރެ ގިނަ މީހުން

14 ޖެނުއަރީ 2021

ގއ. ދެއްވަދޫގައި ކޮވިޑް-19 ފެތުރި އެ ރަށުގެ ކޭސްތަކުން އުފެދުނު ބޮޑު ކްލަސްޓާގައި ހައި ރިސްކު 100 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގއ. ދެއްވަދޫގައި ކޮވިޑް-19 ފެތުރި އެ ރަށުގެ ކޭސްތަކުން އުފެދުނު ބޮޑު ކްލަސްޓާގައި ހައި ރިސްކު 100 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން މިރޭ ބުނެފި އެވެ.

އެ އިދާރާ އިން ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ގެ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އައިމިނަތު އަރޫޝާ ވިދާޅުވީ، ދެއްވަދޫ ކްލަސްޓާއާ އިން މިހާތަނަށް ހޯދިފައި ވަނީ 250 ކޮންޓެކްޓުން ކަމަށާއި އޭގެ ތެރޭގައި ހައި ރިސްކު 101 މީހަކު ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 750 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެއީ އެކި ރަށްރަށުން ނެގި ރެންޑަމް ސާމްޕަލްތައް ވެސް ހިމެނޭ ގޮތުންނެވެ.

އެ ކްލަސްޓާ އިން މިހާތަނަށް ކޮވިޑް ޖެހުނީ 52 މީހަކަށެވެ. އެއީ ދެއްވަދޫން 43 މީހަކާއި ލ. ފޮނަދޫން ހަތަރު މީހުން، ގއ. ދާންދޫން ދެ މީހުން، ގއ. ވިލިނގިލިން އެކެކެވެ. ކްލަސްޓާގައި ހިމެނޭ، ކޮވިޑް ބައްޔަށް ޕޮޒިޓިވް ދެ މީހަކު ހުޅުމާލޭގައި ވެސް އެބަތިއްބެވެ.

ދެއްވަދޫ ކްލަސްޓާގައި ހިމެނޭ ދެ މީހަކު ގއ. އަތޮޅު ފެރީ "ކޮއިމަލާ 4" އިން ދަތުރުކޮށްފައި ވުުމުން އެ ފެރީން ދަތުރުކުރި މީހުން ވެސް ކަރަންޓީނުވާން އެޗުޕީއޭ އިން މިހާރު ވަނީ އަންގައިފަ އެވެ.

އަރޫޝާ ވިދާޅުވިގޮތުގައި، ފެރީން ދަތުރުކުރި މީހުން ކަރަންޓީނު ކުރަން ޖެހުނީ ދަތުރުފަތުރު ކުރުމުގައި އަމަލުކުރަން ޖެހޭ ގައިޑްލައިނާ އެއްގޮތަށް ކަންކަން ކޮށްފައި ނުވާތީ އެވެ.

"ކޮއިމަލާ ހަތަރަކާ ގުޅިގެން އަަޅުގަނޑުމެންނަށް އަތޮޅުތެރޭގައި ވަރަށް ގިނަ ފަރާތްތަކެއް ކަރަންޓީނުކުރަން ޖެހިފައި ވަނީ. މި ގޮތަށް މި ދިމާވަނީ ދަތުރުފަތުރު ކުރުމަށްޓަކައި ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތަށް އެޅިފައި ނުވުމާ ގުޅިގެން. އެހެންކަމުން ކުރިއަށް އޮތްތާނގައި ވެސް އެހެން ފަރާތްތަކުން ވެސް ދަތުރުފަތުރު ކުރުމުގައި މި ގޮތަށް ކަނޑައެޅިފައި އޮންނަ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަކީ ވަރަށް މުހިއްމު ކަމެއް،" އަރޫޝާ ވިދާޅުވި އެވެ.

ދެއްވަދޫ ކްލަަސްޓާއާއި ގުޅޭ ކޭސްތަކާ ހެދި ގއ. އަތޮޅާއި ލ. އަތޮޅުން ފަސް ރަށެއް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ. އެއީ ދާންދޫގެ އިތުރުން ވިލިނގިލި، ދެއްވަދޫ، ލ. ގަން އަދި ފޮނަދު އެވެ.

އެ ރަށްތަކުގައި އަމަލުކުރަން ޖެހޭ އުސޫލުތަކެއް އެޗުޕީއޭ އިން މިހާރު ވަނީ އަންގައިފަ އެވެ. އެގޮތުން އެ ރަށްތަކުގެ ސްކޫލުތައް ބަންދު ކުރުމަށާއި ޑެލިވަރީ ހިދުމަތް ފިޔަވައި ކެފޭ ރެސްޓޯރެންޓްތަކުގެ ހިދުމަތް ދިނުން ވެސް މި ވަގުތަށް އޮތީ މަނާކޮށްފަ އެވެ.

އެ ރަށްތަކުގައި ކޮވިޑުގެ އަލާމާތްތައް ހުރި މީހުން ދެނެގަނެ ޓެސްޓު ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ގއ. އަތޮޅުގެ ބައެެއް ރަށްތަކުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަަތް ވެސް ކުރަމުން އަންނަ ކަމަށް އެޗުއީއޯސީން މިރޭ ބުންޏެވެ. ރެންޑަމް ސާމްޕަލް ނަގަމުން އަންނަނީ ދާންދޫ، ގެމަނަފުށި، ކަނޑުހުޅުދޫ، އަދި ކޮލަމާފުށިންނެވެ.