Roadha Mihaaru
އާ ވޭރިއަންޓުތޯ ބަލަން ބައެއް ސާމްޕަލްތައް ބޭރަށް

ކައިވެނި ޕާޓީ ކްލަސްޓާ: އާ ވޭރިއަންޓުތޯ ބަލަން ބައެއް ސާމްޕަލްތައް ބޭރަށް ފޮނުވައިފި

28 ޑިސެމްބަރ 2020

ކޮވިޑް-19 ގެ އާ ވޭރިއަންޓު އެންމެ ފުރަތަމަ ފެނުނު އަދި ވައިރަހުގެ އެ ބާވަތް އެންމެ ބާރަށް ފެތުރޭ އިނގިރޭސި ވިލާތުން ރާއްޖެ އައި މީހަކު އެ ބައްޔަށް ޕޮޒިޓިވް ވުމުން، އެއީ އާ ވޭރިއަންޓުތޯ ބަލަން ޖެނޯޓައިޕިން ޓެސްޓު ހަދަން ބައެއް ސާމްޕަލްތައް ރާއްޖެ އިން ބޭރަށް ފޮނުވަން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ އާ ވޭރިއަންޓު އެންމެ ފުރަތަމަ ފެނުނު އަދި ވައިރަހުގެ އެ ބާވަތް އެންމެ ބާރަށް ފެތުރޭ އިނގިރޭސި ވިލާތުން ރާއްޖެ އައި މީހަކު އެ ބައްޔަށް ޕޮޒިޓިވް ވުމުން، އެއީ އާ ވޭރިއަންޓުތޯ ބަލަން ޖެނޯޓައިޕިން ޓެސްޓު ހަދަން ބައެއް ސާމްޕަލްތައް ރާއްޖެ އިން ބޭރަށް ފޮނުވަން ފަށައިފި އެވެ.

ކޮވިޑްގެ އާ ވޭރިއަންޓު ރާއްޖެ އަށް ފޯރާފައިވުމުގެ ކަންބޮޑުވުން އުފެދުނީ މާލޭގައި މި މަހުގެ 20 ގައި ބޭއްވި ކައިވެނި ޕާޓީއަކަށް ދިޔަ ބަޔަކަށް ކޮވިޑް ޖެހިގެން، ކޮންޓެކްޓް ޓްރޭސިން ހެދި އިިރު އިނގިރޭސި ވިލާތުން އައި މީހަކު އޭގެ ތެރޭގައި ހިމެނުމުންނެވެ. ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރި ފަހުން އައި އެ ދިވެހި މީހާ ކޮވިޑަށް ޕޮޒިޓިވްް ކަން އެނގުނީ އެ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުންނެވެ. އެކަމަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނި ގޮތުގައި އެއީ ޝީ ބިލްޑިންގްގައި އޮތް ކައިވެނި ޕާޓީގެ ފަހުން ރާއްޖެ އައި މީހެކެވެ.

އެ އިދާރާއިން ބުނީ އޭނާ އަށް ޖެހިފައި ހުރީ ކޮވިޑްގެ އާ ވޭރިއަންޓުކަން ނުވަތަ ނޫންކަން ރާއްޖެ އިން އަދި ބެލެން ނެތް ކަމަށެވެ. ސާމްޕަލްތައް ރާއްޖެ އިން ބޭރަށް ފޮނުވަން ފެށީ އެހެންވެ އެވެ.

"އެއާ އެކު ވޭރިއަންޓު ކަމަށް ވެދާނެ ކޭސްތައް ދެނެގަތުމަށް ލެބޯޓްރީތަކާ އެކު މި އަންނަނީ މަސައްކަތް ކުރަމުން،" އެޗްޕީއޭ އިން ބުންޏެވެ.

ކައިވެނި ޕާޓީގައި ގާތްގަނޑަކަށް 120 މީހަކު ބައިވެރިވި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މީގެ ތެރެއިން 41 މީހަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހައި ރިސްކް މީހުން ވެސް ހިމެނޭކަން ފާހަގަކޮށް އެޗްޕީއޭ އިން އިލްތިމާސްކުރީ ހަފުލާތައް ބާއްވަން ހުއްދަ ދީފައި ވިޔަސް އެކަމުގައި އަމަލުކުރަން އެކުލަވާލާފައިވާ މިންގަނޑުތަކަށް ތަބާވުމަށެވެ.

ކައިވެނި ޕާޓީތަކާއި ޖަލްސާތައް މާލެ ސަރަހައްދުގައި ވެސް ބޭއްވޭ ގޮތަށް އުސޫލުތައް ބަދަލުކުރީ މިދިޔަ މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ކޭސްތަކުގެ އަދަދު ދަށްވެ، ބަލިމަޑުކަމުގެ ހާލަތު ވަޒަންކުރާ މިންގަނޑުތަކުން ބަލާއިރު ހާލަތު ރަނގަޅުވުމުންނެވެ.