Roadha Mihaaru
އައްޑޫގެ ކާފިއު އިތުރު އެއް ހަފުތާއަށް ދަންމާލައިފި

ކޮވިޑް ފެތުރޭތީ އައްޑޫގެ ކާފިއު އިތުރު އެއް ހަފުތާ އަށް ދަންމާލައިފި

12 ސެޕްޓެމްބަރ 2021

ކޮވިޑް ފެތުރޭތީ، މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އައްޑޫގެ އަވަށްތަކުގައި އިއުލާނު ކޮށްފައިވާ ކާފިއު އިތުރު އެއް ހަފުތާ އަށް ދަންމާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް ފެތުރޭތީ، މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އައްޑޫގެ އަވަށްތަކުގައި އިއުލާނު ކޮށްފައިވާ ކާފިއު އިތުރު އެއް ހަފުތާ އަށް ދަންމާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ރޭ ބުނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އާއި ފޭދޫގައި ކޮންމެ ރެއެއްގެ 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށާއި އެ ވަގުތުގައި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ނަމަ، އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ހުއްދައާ އެކު ބޭރަށް ދެވޭނެ ކަމަށެވެ.

އެ އަވަށްތަކުގައި އާންމު އެއްވުންތަކާއި ޕާޓީތައް ބޭއްވުން ހަފުތާއަކަށް މެދުކަނޑާލާފައިވާއިރު ސްކޫލުތައް ވެސް ބަންދުވާނެ އެވެ. އެކަމަކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެޑިއުކޭޝަން މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ގްރޭޑް 9 އިން މަތީގެ ކުދިންގެ ކިޔެވުން ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

މޮނިޓަރިންގައި އޮތް އަވަށްތަކުގައި ގާޑިޔާ، ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ރޭގަނޑު 9:00 އާ ހަމައަށް ހިދުމަތް ދެވޭ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް ރޭގަނޑު 12:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ. އެކަމަކު ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 10 ޖެހުމާ ހަމައަށެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ފުރާ އެންމެންގެ ކޮވިޑް ޕީސީއާރު ނެގެޓިވް ނަތީޖާއާ އެކު ފުރުމުގެ ހުއްދަ ދިނުމާއި ޒަރޫރީ ބޭނުމަށް ދަތުރުކުރާ މީހުން އެޗްޕީއޭގެ ފިޔަވަޅުތަކާ އެއްގޮތަށް އުޅުމަށް އިލްތިމާސްކުރެ އެވެ. މޮނިޓަރިންގައި އޮތުމުން އައްޑޫން ފުރުމުގެ ކުރިން އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ހުއްދަ ވެސް ހޯދަން ޖެހެ އެވެ.

އައްޑޫގެ ކޮވިޑް ހާލަތު އަނެއްކާ ވެސް ގޯސްވެފައިވާއިރު އެ ސިޓީން މިހާތަނަށް 1،134 މީހަކަށް ބަލި ޖެހިފައިވެ އެވެ. އޭގެ ތެރެއިން 823 މީހަކު ބަލިން ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތައް އުޅެނީ 308 ގަ އެވެ. އައްޑޫން މިހާތަނަށް ތިން މީހަކު ބަލީގައި މަރުވެފައިވެ އެވެ.