Roadha Mihaaru
ހިތަދޫގެ ކާފިއު ވަގުތު އިތުރުކުރަން ނިންމައިފި

ކޮވިޑް ކޭސްތައް އިތުރުވާތީ ހިތަދޫގެ ކާފިއު ވަގުތު އިތުރުކުރަން ނިންމައިފި

15 ޖޫން 2021

އައްޑޫ ހިތަދޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާތީ، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކާފިއުގެ ވަގުތު އިތުރުކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ހިތަދޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާތީ، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކާފިއުގެ ވަގުތު އިތުރުކުރަން ނިންމައިފި އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ބުރާސްފަތި ދުވަހުން ފެށިފެން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން އަނެއް ދުވަހުގެ ފަތިހު 4 އާ ހަމައަށް ހިތަދޫގައި ބޭރަށް ނުކުމެވޭނީ ހާއްސަ ހާލަތުތަކެއްގައި އެކަނި ކަމަށާއި އަދި އެކަމަށް ހާއްސަ ފާހެއް ވެސް ބޭނުން ވާނެ ކަމަށެވެ.

ހިތަދޫގެ ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރަން ވަނީ ނިންމައިފަ އެވެ.

މި ފާސްތައް ދޫކުރާނީ އީއޯސީ އަށް ހުށަހަޅައިގެން ފުލުހުން މެދުވެރިކޮށެވެ. ގޭބިސީތަކަށް ދޫކުރާ ފާސްތަކުގެ ތެރެއިން އެއް ފާހުގައި އެކަކަށް ހެނދުނު 8:00 އިން މެންދުރު 12:00 އަދި އަނެއް ޕާމިޓްގައި މެންދުރު 12:00 އިން ހަވީރު 4:00 އަށް ބޭރުގައި އެކަކަށް އުޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ހިތަދޫގެ ކާފިއު ވަގުތު އިތުރުކުރަން ނިންމި އިިރު އައްޑޫގެ އެހެން އަވަށްތަކުގައި މިދިޔަ މަހުން ފެށިގެން ކާފިއު ހިންގަމުން އަންނަނީ ހަވީރު 4:00 އިން ފަތިހު 4:00 އަށެވެ.

ހިތަދޫގެ ކޮވިޑް ކޭސްތައް އިތުރުވާތީ އައްޑޫގެ ގުޅިފައިވާ އެހެން އަވަށްތަކުން ވެސް ދެން ހިތަދު އަށް ވަރަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދިއުމަށް މޭޔަރު އެދިވަޑައިގަތެވެ. މިހާރު ވެސް އެއް އަވަށުން އަނެއް އަވަަށަށް ދަތުރުކުރެވެނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.

ހިތަދޫގައި ކޮވިޑްކޭސްތައް އިތުރުވަމުންދާ އިރު މިއަދު ވެސް އައްޑޫން ކޮވިޑްގެ ކޭސްތައް ފެނިފައި ވަނީ ހިތަދޫން އެކަންޏެވެ. އެ 15 މީހުންގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓުންގެ 11 މީހަކާއި ރޭންޑަމް ސަވައިލަންސްގެ 4 މީހެކެވެ.

ހިތަދޫގައި ކޮވިޑްގެ އެކްޓިވް ޖުމުލަ ކޭސްތަކުގެ އަދަދު މިހާރު 77 އަށް އަރަ އެވެ. މީގެ ތެރޭގައި ބިދޭސީންގެ އަދަދު ގިނަ އެވެ. ހިތަދޫގެ ބިދޭސީ ކްލަސްޓާ ބޮޑުވަމުންދާތީ ބަލީގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށްޓަކައި ބަލި ޖެހޭ މީހުން ކަރަންޓީނުކުރަން މިހާރު ވަނީ ގަމުގެ ދޫގަސް ހަމަޖައްސާފައި ކަމަށް މޭޔަރު ވިދާޅުވި އެވެ. އެގޮތުން އެތަނުގައި 60 ވަރަކަށް މީހުން ބޭތިއްބޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް ވިދާޅުވި އެވެ.

އައްޑޫގައި މި ވަގުތު ކޮވިޑްގެ ހާލަތަށް ބަލާއިރު މީދު އާއި މަރަދޫފޭދޫގައި އެއްވެސް ކޭހެއް ނެތެވެ. ނަމަވެސް ހުޅުދު އާއި މަރަދޫން ކޮންމެ އަވަށެއްގައި ދޭއް އަދި ފޭދޫގައި އެއް ކޭހެވެ.

މިހާރު މުޅި އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 82 އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 298 އެވެ. މި ވަގުތު އެކަކު އެޑްމިޓްކޮށްގެން ފަރުވާދޭ އިރު، މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް އައްޑޫން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 382 އެވެ.

އަދި ބަލީގައި ދެ މީހަކު އައްޑޫން މަރުވެފައިވެ އެވެ.