Roadha Mihaaru
މުޅި އައްޑޫ ލޮކްޑައުން ކުރަން ޖެހިދާނެ: މޭޔަރު

މުޅި އައްޑޫ އަލުން ލޮކްޑައުން ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް މޭޔަރު ދެއްވައިފި

18 މެއި 2021

އައްޑޫގައި ކޮވިޑް-19 ގެ ހާލަތު މިހާރު އޮތީ ކަންބޮޑުވާން ޖެހެހޭ ސީރިއަސް ހާލަތެއްގައި ކަމަށާއި އެހެންވެ، އެ ބަލި ކޮންޓްރޯލް ކުރަން ފުލް ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ކޮވިޑް-19 ގެ ހާލަތު މިހާރު އޮތީ ކަންބޮޑުވާން ޖެހެހޭ ސީރިއަސް ހާލަތެއްގައި ކަމަށާއި އެހެންވެ، އެ ބަލި ކޮންޓްރޯލް ކުރަން ފުލް ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އާ ކައުންސިލަރުންނާއެކު ކައުންސިލުން ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި، އިއްޔެ މަގާމުގެ ހުވާކުރެއްވި އާ މޭޔަރު އަލީ އަލީ ނިޒާރު ވިދާޅުވީ، ހާލަތު މިހާރު އޮތް ގޮތުން އައްޑޫ ލޮކްޑައުންކަށް ދާން ގިނަ ބަޔަކު ލަފާ ވެސް ދެމުން އަންނަ ކަމަށެވެ. އެކަމަކު ލޮކްޑައުންއަކަށް ދިއުމަކީ އެންމެ އުނދަގޫ ނިންމުން ކަމަށް ވާތީ މި ވަގުތު އޮތް ގޮތަކީ ބަލިން ރައްކާތެރިކަން ހޯދަން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ވީހާ ވެސް ބޮޑަށް ބޯލެނބުން ކަމަށް ވިދާޅުވި އެވެެ.

ނިޒާރު ވިދާޅުވިގޮތުގައި، އާ ކައުންސިލަރުން މިއަދު އޮފީހަށް ނުކުމެވަޑައިގެން މިހާތަނަށް ކުރެއްވި މަސައްކަތުގެ ތެރޭގައި ވެސް ކޮވިޑާ ގުޅުން ހުރި ގިނަ ކަންކަމާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ފުލުހުންނާއި ސިފައިންނާއި ރެޑް ކްރޮސް ފަދަ ތަންތަން ހިމެނެ އެވެ.

"އެހެންވެ ކުރިއަށް އޮތް ސައުވީސް ގަޑިއިރުގެ ތެރޭގައި އައްޑޫގައި އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ. ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކެއް މަޝްވަރާ ކޮށްފައި ނިންމާ ގޮތްތަކެއް ވަރަށް އަވަހަށް އާންމުކުރާނެ،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އައްޑޫގައި މިހާރު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ 118 މީހަކު ތިބުމަކީ ވަރަށް ސީރިއަސް ކަމެކެވެ. އެހެންވެ، އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުން ލުއިކޮށް ނުނެގުމަށް އިލްތިމާސް ކުރެއްވި އެވެ. އެގޮތުން ކާފިއު އިއުލާން ކޮށްފައިވާ ގަޑިތައް ފިޔަވައި އެހެން ވަގުތުތަކުގައި ވެސް ރަށުތެރޭގައި ނޫޅުމަށާއި ފިނިބުރު ޖެހުމާއި ސައި/ކޮފީ ބޯން ނުދިއުމާއި ކުރިއެކޭ އެއްގޮތަށް އާންމު އުސޫލުން ވިޔަފާރު ކުރަން ނުދިއުމަށް މޭޔަރު އެދިވަޑައިގަތެވެ.

މި މަހުގެ 1 އިން ފެށިގެން އައްޑޫ މޮނިޓަރިންގައި އޮތް އިރު ކާފިއު ހިންގަނީ ހަވީރު 6:00 އިން ފަތިހު 4:00 އަށެވެ. އެއާ އެކު ގިނަ ފިޔަވަޅުތަކެއް މިހާތަނަށް އަޅާފައިވެ އެވެ.

މޭޔަރު ވިދާޅުވިގޮތުގައި، އެންމެ ބޮޑު އެއް މައްސަލައަކީ ކޮވިޑް ކަމަށް ވާތީ ބަލިން ކޮންޓްރޯލްކޮށް، އައްޑޫ މިކަމުން އަރައިގަނެވޭނީ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ދީގެންނެވެ. ބަލި ކޮންޓްރޯލްކުރުމަށްޓަކައި މާލެ އާއި އައްޑުއާ ދެމެދު ދަތުރުކުރާ ބޯޓްފަހަރުތައް ބަނދަރުކުުރުމުގައި ވެސް ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ، ބަލި ކޮންޓްރޯލް ނުވެ އަތުން ދޫވެއްޖެ ނަމަ އައްޑޫގެ ހާލަތު ބޮއްސުންލައި، ބަލިޖެހޭ މީހުންނަށް ފަރުވާ ދިނުމާއި އެކަމަށް ބޭނުންވާ ވަސީލަތްތަކުގެ ދަތިކަމަށް ވެސް ޖެހިދާނެ ކަމަށެވެ.

"އެހެންވީމާ މި ހުރިހާ ކަމަކަށް އެބަޖެހޭ ވިސްނަން. މުޅި އައްޑޫ ބަންދުކޮށްގެން ތިބުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އޭގެ ސަބަބުން އެތައް ދައްޗެއް ރައްޔިތުންނަށް ކުރިމަތިވާނެ،" މޭޔަރު ވިދާޅުވި އެވެ.

"އެހެންވީމާ ލޮކްޑައުންއަކަށް ނުގޮސް ފަރުޖެއްސޭނީ ވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ބޯލަނބައިގެން. އެހެން ނޫން ކަމަށްވާ ނަމަ [މުޅި އައްޑޫ] ބަންދުކޮށްގެން ނޫން ގޮތަކަށް މިކަން ކޮންޓްރޯލެއް ނުވާނެ."