Roadha Mihaaru
އައްޑޫ ހޮސްޕިޓަލް ބޮޑުކުރަން 100 މިލިއަން ހަރަދުވޭ

އައްޑޫ ހޮސްޕިޓަލް ބޮޑުކުރަން 100 މިލިއަން ހަރަދުވޭ: ނިޒާރު

25 ޖެނުއަރީ 2023

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ޖާގަ ބޮޑުކުރަން 100 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ޖާގަ ބޮޑުކުރަން 100 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އައްޑޫގައި ސާކް ސަމިޓް ބާއްވަން ހެދި ކޮންވެންޝަން ސެންޓަރު، ހޮސްޕިޓަލަކަށް ބަަދަލުކުރުމަކީ އެ ސިޓީގެ މީހުންނަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.

"އާ ހޮސްޕިޓަލަކަށް ބިން ހަމަޖެހި، ފަންޑު ހަމަޖެހިފައި އޮއްވައި ކޮންވެންޝަން ސެންޓަރު އެ ގޮތަށް [ހޮސްޕިޓަލަކަށް] ބަދަލުކުރުމުގެ ސަބަބުން މިހާރު ސަރުކާރުން މި ޖެހުނީ އާ އިމާރާތެއް ހަދަން. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން މިހާރު ހުރި ހޮސްޕިޓަލްގެ އާ އެކްސްޓެންޝަން އިމާރާތަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރަންޖެހޭ،" ނިޒާރު ވިދާޅުވި އެވެ.

ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވަން ހާއްސަކުރި އައްޑޫ ކޮންވެންޝަން ސެންޓަރު، ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމައި އޭގެ އަމަލީ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އައްޑޫ ސިޓީ ކައުންސިލުން އޭރު ވެސް އެދުނީ އޭރުގެ ސަރުކާރުން ނިންމާފައިވާ ގޮތަށް އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އެ ކަމަށް ކަނޑައެޅި ބިމުގައި ހެދުމަށެވެ. އެ ކަމަށް އެ ބިން ސާފު ވެސް ކުރި އެވެ.

އެ މައްސަލާގައި ޔާމީންގެ ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އޭރު ބޮޑު ކޯޅުމަކަށް ގޮސް ދެ ފަރާތުން ބަހުގެ ހަމަލާތައް ބަދަލުކުރި އެވެ.

މޭޔަރު ވިދާޅުވީ، ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ފަންޑާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރި ތަނުގައި ޕްރައިވެޓް ކޮޓަރިއެއް ވެސް ނެތް ކަމަށެވެ. އެއީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ވާއިރު ދޭން ޖެހޭ އެތައް ހިދުމަތެއް އަދިވެސް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގެ މޭޔަރު ނިޒާރު: އައްޑޫ ހޮސްޕިޓަލްގެ ޖާގައިގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި.

އައްޑޫގެ މޭޔަރު ނިޒާރު: އައްޑޫ ހޮސްޕިޓަލްގެ ޖާގައިގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި.

"އެހެންވީމާ ރައީސް ޔާމީންގެ ވެރިކަމުގައި އައްޑޫގައި ކުރެވުނު ތަރައްގީއެއް، ހަރުދަނާ ކުރެވުނު ކަމެއް ފެންނާކަށް ނެތް. ތަރައްގީއަށްޓަކައި އައްޑޫގެ އިންފްރާސްޓްރަކްޗަރަށް ކަމެއް ނުކޮށްދެވޭ ހިނދު އިގްތިސާދަ ވެސް ފައިދާ ވާނެ އެއްވެސް ކަމެއް މިދިޔަ ދައުރުގައި ކުރެވިފައެއް ނެތް،" ނިޒާރު ވިދާޅުވި އެވެ.

ނަމަވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްޑު އަށް ގެންނަނީ ޖުމުލަ ތަރައްގީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި މުޅި އައްޑޫގައި 100 ކިލޯމީޓަރުގެ މަގު ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމާއި ބައެއް ރަށްރަށުގެ ބިން ހިިއްކުން ފަދަ ކަންކަން ހިމެނެ އެވެ.