Roadha Mihaaru
ހޮސްޕިޓަލު ކައިރިން ގޯތިތައް ނަގައި ބަދަލުދޭން ފަށައިފި

އައްޑޫ ހޮސްޕިޓަލް ކައިރިން ނެގި ގޯތީގެ ބަދަލުގައި ބިންތައް ދޫކުރަން ފަށައިފި

28 ސެޕްޓެމްބަރ 2021

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ކުރިން ގޯތި ދޫކުރި މީހުންނަށް ބަދަލު ދިނުމަށް ފަހު، ގޯތިތައް ނަގަން އައްޑޫ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ކުރިން ގޯތި ދޫކުރި މީހުންނަށް ބަދަލު ދިނުމަށް ފަހު، ގޯތިތައް ނަގަން އައްޑޫ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައިވާ 35 ގޯއްޗެއް އަނބުރާ ދައުލަތަށް ނަގައި، އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމްގެ ހުޅަނގަށް އޮންނަ ބިމުން ބަދަލުގައި ގޯތި ދޭން ކައުންސިލުން ނިންމީ މުޅި އެ ސިޓީގެ މަސްލަހަތަށް ކަމަށް ބުނެ އެވެ.

އެ މައްސަލަ ހޫނުވެ 14 މީހަކު ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާކުރި ނަމަވެސް ދައުވާ ނުކުރާ މީހުންގެ ތެރެއިން ބައެއް މީހުންނަށް ގޯތިތައް ދޭން މިހާރު ވަނީ ފަށައިފަ އެވެ.

މޭޔަރު އަލީ ނިޒާރު "މިހާރު" އަށް ވިދާޅުވީ، ހަތަރު މީހަކަށް އެ އަވަށު ސްޓޭޑިއަމް ސަރަހައްދުން މިހާތަނަށް ބަދަލުގައި ގޯތި ދީފައިވާ ކަމަށެވެ.

ގޯތީގެ މައްސަލައިގައި ދައުވާކުރި 14 މީހުންގެ ތެރެއިން ހަތް މީހެއްގެ މައްސަލަ ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ބެއްލެވި އިރު ބާކީ ހަތް މައްސަލަ ކުރިއަށް ގެންދެވީ އެ ކޯޓަށް ޒިޔާރަތް ކުރެއްވި ރަތަފަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު ނިހާމް ރަޝީދެވެ. ދެ މެޖިސްޓްރޭޓުންގެ ވެސް ހުކުމުގައި ވަނީ އަދުލުވެރި ބަދަލެއް ދީފައި ބިންތައް ނެގުމުގެ ބާރު ކައުންސިލަށް އޮންނާނެ ކަމަށާއި ބިންތައް ނެގޭނީ ކޯޓު މެދުވެރިކޮށް ކަމަށެވެ.

އެކަމަކު، ގާޒީ ނިހާމުގެ ހުކުމުގައި ކައުންސިލުން ގޯތިތައް ނަގަން ކުރި އިއުލާނު ބާތިލު ކޮށްފައިވެ އެވެ. އެއީ އަދުލުވެރި ބަދަލެއް ދީފައި ބިންތައް ނަގަން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ބިމެއް ނަގަން އަންގާ އެންގުމެއްގައި، އެ ބިމެއް ނެގުން އާންމު މަންފާއާ ގުޅިފައިވާ ސަބަބާއި ބިން ނެގޭ ބޭނުން ވެސް ބަޔާންކޮށްފައި އޮންނަން ޖެހޭ އިރު ސިޓީ ކައުންސިލުގެ އިއުލާނުގައި އެކަން ނެތް ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން ނިޒާރު ވިދާޅުވީ، ކައުންސިލުގެ އިއުލާނު ކޯޓުން ބާތިލު ކުރިޔަސް އެއީ އިދާރީ ގޯހެއް ރަނގަޅު ކުރުން ކަމަށެވެ. އަދި ގޯތިތައް ނަގައި ބަދަލު ދޭން ކައުންސިލުން ނިންމި ނިންމުން ދެމިއޮންނާނެ ކަމަށާއި ގޯތިތައް ދޫކުރަން އެ ހުކުމުން ހުރަހެއް ނެތް ކަމަށް ވިދާޅުވި އެވެ.

ބާކީ ހަތް މައްސަލައިގައި މެޖިސްޓްރޭޓު ރަފީއުއްދީން ކުރެއްވި ހުކުމުގައި ވަނީ އައްޑޫ ކައުންސިލުގެ އިއުލާނު ނުވަތަ ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. ބަންޑާރަ ބިމަކުން ގޯތި ދޫކުރުމަށް ފަހު، އެ ގޯތިތައް ނަގަން ބޭނުން ނަމަ ގޯތީގެ ވެރިފަރާތާ މަޝްވަރާކޮށް، އަދުލުވެރި ބަދަލެއް ދިނުމަށް އެއްބަސްވެ، ބިން ނެގުމުގެ ބާރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް އޮންނަ ކަމަށާއި އެ ކަން ކުރަން ޖެހޭނީ ކޯޓު މެދުވެރިކޮށް ކަމަށް އެ ހުކުމުގައި ވެސް ވެ އެވެ.

އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުވާ ކުރި ހަތް މީހުންގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، މެޖިސްޓްރޭޓު ކޯޓުން ލިޔުންތަކެއް ނުލިބިގެން މައްސަލަ އަދި އޮތީ ހުއްޓިފަ އެވެ.

ކައުންސިލުން އެ ބިންތައް ނަގަން ނިންމީ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ބޭނުމަށް މުސްތަގުބަލުގައި އެ ބިންތައް ބޭނުންވާނެތީ އެވެ. އެކަން އަންގައި ހޮސްޕިޓަލުން ސިޓީ ކައުންސިލަށް ސިޓީއެއް ވެސް ފޮނުވާފައިވެ އެވެ.