ލާމަރުކަޒީ ނިޒާމު ނެތި ރަށްތައް ތަރައްގީ ނުވާނެ ކަމަށާއި ކައުންސިލަރުންގެ އަދަދު މަދުކޮށް ލާމަރުކަޒީ ނިޒާމު ފުނޑާލަން މި ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅުވާންޖެހޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
17 ޖޫން 2025
ލާމަރުކަޒީ ނިޒާމު ނެތި ރަށްތައް ތަރައްގީ ނުވާނެ ކަމަށާއި ކައުންސިލަރުންގެ އަދަދު މަދުކޮށް ލާމަރުކަޒީ ނިޒާމު ފުނޑާލަން މި ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅުވާންޖެހޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވަނީ ކައުންސިލްތަކުން މަސައްކަތްނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރެއިން، ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިިމް ދީދީ (އައިބީ) ވަނީ އައްޑޫ ކައުންސިލަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން، މާލެ ފިޔަވައި އާބާދީ އެންމެ ބޮޑު ސިޓީ ނިސްބަތްވާ ކައުންސިލުން އޮންލައިންކޮށް ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ މަޖިލީހުގެ މެމްބަރުން ވާހަކަ ދެއްކެވީ ކައުންސިލްތަކުގެ އަގު ވެއްޓޭ ގޮތަށް ކަމަށެވެ. އެހެންވެ، އެކަމާ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ކައުންސިލަށް ހޯދިފައިވާ ކުރިއެރުންތަކާއި ކުރެވިފައިވާ ކަންކަން އެބަހުއްޓެވެ. އޭގެ ތެރެއިން، ލާމަރުކަޒީ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހު މައިގަނޑު ގޮތެއްގައި އޮތީ އާމްދަނީ ހޯދައިގެން ކަންކަން ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑު ސިޓީގެ މުނިސިޕަލް ހިދުމަތްތައް ދިނުމާއި ރަސްމީ ދަތުރުތަކަށް ވެސް ކައުންސިލަރުން ބޭނުން ކުރުމަށް މި ފަހަކާ ޖެހެންދެން އެއްވެސް ވެހިކަލެއް ނެތް ކަމަށް ނިޒާރު ވިދާޅުވި އެވެ. އެކަމަކު، އާމްދަނީން ފަސް މިލިއަން ރުފިޔާ ހަރަދުކޮށް ވެހިކަލް ހޯދައި ކައުންސިލް އިދާރާތަކުގައި ސޯލާ ހަރުކޮށް، މިސްކިތްތަކުގައި ވެސް ސޯލާ ހަރުކުރަން ފަށާފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
"މި ރާއްޖޭގެ ކައުންސިލަކުން އެންމެ ބޮޑު އާމްދަނީގެ ކުރިއެރުން ހޯދައި އަދި އެންމެ ބޮޑު ހަރަދު ސަލާމަތްކުރި ކައުންސިލަކީ މި ކައުންސިލް، ހިސާބުތަކުން މި ދަންނަވަނީ. އެހެންވީމަ، މި ހުރިހާ ކަމަކަށް ބަލާއިރު އާމްދަނީން ކުރިއެރުން ހޯދިފައި ހުރި ކަމަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ހިތަދޫ ކޮރޮވައުގެ ކައުންސިލަރު އިބްރާހިމް ޝިނާޒު ވިދާޅުވީ ދައުލަތުގެ ފިސްކަލް ސިޔާސަތަށް ގެނައި ބަަލުތަކާއެކު އާއްމުންނަށް ކަމެއް ކޮށްދެވެން ފެށީ މި ފަހުން ކަމަށެވެ. ނަމަވެސް، ސަރުކާރުގައި ތިބެ އެއްވެސް މަޝްވަރާއެއް ނެތި ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެންނަނީ، އެ ނިޒާމާ ދޭތެރޭ ހިތްހަމަނުޖެހޭ ބަޔަކު އަޑީގައި ތިބެގެން ކަމަށް ވެސް ޝިނާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭގެ ބޭނުމަކީ ރައްޔިތުން އިންތިހާބު ކޮށްފައި ތިބި ބަޔަކު ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ފުރުސަތު ނުދިނުމެވެ.
ރާއްޖޭގެ މާލީ ހާލަތު އޮތީ ގޯސްކޮށް ކަމަށާއި އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ވެސް ގަބޫލުކުރައްވާ ކަމަށް ޝިނާޒު ވިދާޅުވި އެވެ. އެކަމަކު، އައްޑޫގައި އެކަނި ވެސް ސިޔާސީ މަގާމުތަކަށް އެތައް ބަޔަކު އައްޔަން ކޮށްފައި، ކުރާނެ މަސައްކަތެއް ނެތި ގޭގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި 13 ކައުންސިލަރުން ތިބެގެން، އެކަމާ ކަންބޮޑުވެގެން ވާހަކަ ދައްކަވާ ނަމަ އައްޑުއަށް ބަލާ ނަމަ ވެސް ފަންސާހަކަށް ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައި އެބަތިބި. ކޮން ކަމެއްތޯ ކުރަނީ؟ މި ވާހަކަ ވެސް އަޅުގަނޑުމެން ދައްކަންޖެހޭ. ކަންކަން ރަނގަޅު ކުރަން ވާހަކަ ދައްކާ ނަމަ މި ތިބަ ކަންކަމަކީ ފުރަތަމަ ރަނގަޅު ކުރަންޖެހޭ ކަންކަން އެއީ އެންމެ ފުރަތަމަ،" ޝިނާޒު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ފެންނަނީ އެ ނިޒާމު ފުނޑުފުނޑުކުރުމުގެ މަސައްކަތް ކަމަށް ވެސް އައްޑޫ ކައުންސިލުން ބުންޏެވެ.
"އެއްގޮތަކަށް ވެސް ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން. އަޅުގަނޑު މިއަދު މި ވާހަކަ ދައްކަނީ މި ނިޒާމުގެ ދިފާއުގައި، މި ނިޒާމުގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން. ރައްޔިތުން ބަލައިގެންފައިވާ ނިޒާމެއް، މި ނިޒާމު ފުނޑުފުނޑުކޮށްލާނެ ޖާގައަކަށް އަޅުގަނޑުމެން ބަލައިގެން ނުތިބޭނަން،" ޝިނާޒު ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ފާއިޒު ރަހުމާން ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ އަތުން އެ ބާރުތައް ނަގައި، ސީދާ ރައީސް އައްޔަންކުރައްވާ ކައުންސިލަރުން ހަމަޖެއްސުމަށެވެ. އެހެންވެ، އެކަމާ ދެކޮޅަށް ހުރިހާ ކައުންސިލްތަކުން ތެދުވުމަށް އޭނާ ގޮވައިލެއްވި އެވެ.
ފާއިޒު ވިދާޅުވި ގޮތުގައި ކައުންސިލްތައް ނެތި ރަށްތައް ތަރައްގީނުވާނެ ކަމަކީ ފެންނަން އޮތް ހަގީގަތެކެވެ.
މަރަދޫ ދާއިރާގެ ކައުންސިލަރު އަހުމަދު ނާދިރު ވިދާޅުވީ 2023 ގެ ފަހުން އައްޑޫގައި މިހާތަނަށް ކުރިއަށް ގެންދިޔައީ ސާވޭ އެކަނި ކަމަށެވެ. ޓެކްސް ފައިސާ ވެސް ބަރާބަރަށް ދައްކާ ކަމަށާއި އެކަމަކު އެއްވެސް ކަމެއް ނުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި ދެ އަހަރު އައްޑުއަށް އެއްވެސް ކަމެއް ނުވެ އެވެ. ކައުންސިލަރަކު ވަނީ އައްޑޫ ކައުންސިލަށް މިހާތަނަށް ލިބުނީ ބަންކަރިންނަށް އެ ތަނަށް ގެންދިޔަ ކަޅު ހަމެއް އެކަނި ކަމަށް ވެސް ވިދާޅުވެފަ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިމާދު ސޯލިހު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހަށް ފަހު 2021 ވަނަ އަހަރު ކައުންސިލްގެ އާމްދަނީ 13 މިލިއަނަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތަށް، އެއް އަހަރުން އަނެއް އަހަރަށް ކައުންސިލްގެ އާމްދަނީ އިތުރުވަމުން އަންނަ ކަމަށް އިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2020 ވަނަ ބްލޮކް ގްރާންޓުގެ ގޮތުގައި 60.6 މިލިއަން ރުފިޔާ، 2021 ވަނަ އަހަރު 62.5 މިލިއަން ރުފިޔާ، 2022 ވަނަ އަހަރު 68.7 މިލިއަން، 2023 ގައި 82.2 މިލިއަން، 2024 ގައި 95.3 މިލިއަން، އަދި މި އަހަރަށް 100.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
އައްޑޫގައި ބޭއްވި ބައްދަލުވުމެއްގައި މޭޔަރު ނިޒާރު ވާހަކަ ދައްކަވަނީ. --ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
އޭނާ ވިދާޅުވީ 2020 ވަނަ އަހަރު ކައުންސިލްގެ ސީދާ އާމްދަނީ ހުރީ 7.3 މިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް، ގާނޫނަށް ގެނައި ބަދަލުތަކާއެކު އާ ކައުންސިލުން އިންތިހާބުކޮށް، އެ އާމްދަނީ އިތުރުވާން ފެށި ކަމަށް އިމާދު ވިދާޅުވި އެވެ.
އެ ކައުންސިލުން ބުނީ 2021 ވަނަ އަހަރު 13.4 މިލިއަން ރުފިޔާ، 2022 ވަނަ އަހަރު 17 މިލިއަން ރުފިޔާ، 2023 ވަނަ އަހަރު 26.6 މިލިއަން ރުފިޔާ، 2024 ވަނަ އަހަރު 35.4 މިލިއަން އަދި މިއަދާ ހަމައަށް 24 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މި އަހަރު ނިމޭއިރު އެ އަދަދު 40-42 މިލިއަނަަށް އަރާނެ ކަމަށް އަދި އަންނަ އަހަރު އެ އަދަދު 50 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލަށް ލިބޭ އާމްދަނީން ކުރަނީ ކޮން ކަމެއްތޯ މީހުން ސުވާލު ކުރާ ކަމަށެވެ. އެ އާމްދަނީން 183 ޕްރޮޖެކްޓު ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ 15 މިލިއަން ރުފިޔާ އަށް ވުރެ އަގު ކުޑަވުމުން ކައުންސިލާ ހަވާލު ކޮށްގެން ހިންގާ ޕްރޮޖެކްޓުތެކެވެ. އޭގެ ތެރެއިން 73 ޕްރޮޖެކްޓު ނިންމައި މި ވަގުތު ވެސް 110 ޕްރޮޖެކްޓު ކުރިއަށް ގެންދާ ކަމަށާއި އެއީ ކައުންސިލްގެ އާމްދަނީން ހިންގާ ގިނަ ޕްރޮޖެކްޓުތައް ކަމަށް އިމާދު ވިދާޅުވި އެވެ.
ކައުންސިލަށް ލިބޭ ގްރާންޓުގެ ބޮޑު ބައެއް ހޭދަކުރަނީ މުވައްޒަފުންނާއި ބިލްތަކަށް ކަމަށާއި ކަރަންޓު ބިލަށް އެކަނި ވެސް އަހަރެއްގެ މައްޗަށް 12-15 މިލިއަން ރުފިޔާ ހޭދަކުރާ ކަމަށް އިމާދު ވިދާޅުވި އެވެ. މި ފަހުން ވެސް ދެ މިލިއަން ރުފިޔާގެ ކަރަންޓު ބިލެއް އައިސްފައިވާ ކަމަށް އިމާދު ވިދާޅުވި އެވެ.
ކައުންސިލްގެ މުސާރައަށް 2020 ވަނަ އަހަރު 38.5 މިލިއަން ރުފިޔާ، 2021 ގައި 51.5 މިލިއަން ރުފިޔާ، 2022 ވަނަ އަހަރު 60.4 މިލިއަން ރުފިޔާ، 2023 ވަނަ އަހަރު 61.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ ދައުލަތުގެ ހަރަދު ބޮޑުވެ، އިގުތިސޯދު ކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި، ކޮންމެ ރަށަކަށް ފަސް ކައުންސިލަރުން ކޮންމެހެން ތިބުން ލާޒިމްކޮށްފައި އޮތުމަކީ އެންމެ ރަނގަޅު ގޮތްތޯ އާންމުން ސުވާލުކުރާ ކަމަށެވެ.
ކައުންސިލަރުންނަށް އެތައް ހޭދައެއް ކުރިޔަސް، އެތަންތަނުގެ ސަބަބުން ފައިދާއެއް ކުރާތަން ނުފެންނަ ކަމަށް ބުނެ ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ޝުޖާއުގެ ގަރާރުގައި ހުށަހަޅާފައިވެ އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާފައިވާ ނިޒާރު ވިދާޅުވި ގޮތުގައި އާބާދީގެ ނިސްބަތުން ކައުންސިލަރުންގެ އަދަދު ގިނައެއް ނޫން ކަމަށެވެ. މިއީ، ސިޔާސީ ގޮތުން އާއްމުންގެ ފޯކަސް ބަދަލުކުރަން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ 180 އަށް ވުރެ ގިނަ ރަށްރަށުގައި މީހުން ދިރިއުޅޭކަން އެ ރަށްރަށް ހިންގަން ޖެހޭކަން. އެހެން ނަމަވެސް، ކިހިނެއްތޯ އަބަދު މާލޭގައި ތިއްބަވާ ބޭފުޅުންނަށް ހިންގޭނީ. އެހެންވުމުގެ ސަބަބުން އަޅުގަނޑުމެން ފަހަތަށް ދެމިގަތީ، އަޅުގަނޑުމެންނަށް ތަރައްގީ ނުލިބި މި ހިސާބަށް ދިޔައީ. ފެނާއި ނަރުދަމާ ނެތި މި ހިސާބަށް ތިބެންޖެހުނީ. އަސާސީ ހިދުމަތްތަކުން އަޅުގަނޑުމެން އަތޮޅުތައް ބޭކާރުވެފައި ތިބެން ޖެހުނު ސަބަބަކީ މިހެންވެ،" ނިޒާރު ވިދާޅުވި އެވެ.
"އެ ޑިމާންޑުތަކާއެކު އެ ކަންކަން ރަނގަޅުކުރަން އަޅުގަނޑުމެން މި ފަށަނީ ކައުންސިލްތައް ދެމިއޮތީތީ، ކައުންސިލަރުން ތިބީތީ. ކައުންސިލަރުން އޮފީހަކަށް ނާދެއޭ، ކައުންސިލަރުން ކުރާނެ މަސައްކަތެއް ނެތޭ، ކައުންސިލަރުންނަކީ ދަނޑުވެރިންނޭ، މި ގޮތަށް މި ބަސް ބޭނުންކުރަނީ ކައުންސިލްތައް ނިކަމެތިކުރަން."
އައްޑޫ ކައުންސިލުން ވަކިވާ ޕެޓިޝަން އޮންލައިންކޮށްފި
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
އާމްދަނީގެ ހިއްސާ ލިބޭ ނަމަ އައްޑޫގެ ބްރިޖު އެޅޭނެ
އައްޑޫގައި ވެސް މޭޔަރުގެ މަގާމް މިފަހަރު ވާދަވެރި!
އައްޑޫ މޭޔަރަކަަށް މި ފަހަރު ވެސް ސޯބެ
"ވަރުބައްޔެއް ނުވޭ، ބޭނުމީ އައްޑޫ މީހުންގެ ހިއްސާ"
އައްޑޫގެ އާ އިންޖީނުގެ އަޅަން ބިން ހަމަޖައްސަނީ
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ
އައްޑޫގައި 6،000 އެނދު ތަރައްގީ ކުރަން ޕްލޭނެއް
އައްޑޫ ލިންކް ރޯޑް ފުރަތަމަ ފަހަރަށް ދިއްލާލަނީ