Roadha Mihaaru
ގޯތިތައް ބަދަލުކުރާނީ ހިތަދޫ ސްޓޭޑިއަމް ސަރަހައްދަށް

ގޯތިތައް ބަދަލުކުރާނީ ހޮސްޕިޓަލަށް ކުރިން ކަނޑައެޅި ސަރަހައްދަށް: އައްޑޫ ސިޓީ ކައުންސިލް

19 ޖުލައި 2021

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ދޫކުރި ގޯތިތައް ނަގަން އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާއިރު އެ ގޯތިތައް ބަދަލުކުރާނީ، ކުރިން އެ ހޮސްޕިޓަލް އަޅަން ކަނޑައެޅި ސަރަހައްދަށް ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ދޫކުރި ގޯތިތައް ނަގަން އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާއިރު އެ ގޯތިތައް ބަދަލުކުރާނީ، ކުރިން އެ ހޮސްޕިޓަލް އަޅަން ކަނޑައެޅި ސަރަހައްދަށް ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

އައްޑޫ އާ ހޮސްޕިޓަލް ކުރިން އިމާރާތް ކުރަން އުޅުނީ ހިތަދޫ ސްޓޭޑިއަމްގެ ދެކުނަށް އޮންނަ ބިމުގަ އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައިވާ ގޯތިތައް އަނބުރާ ނަގަން ސިޓީ ކައުންސިލުން ނިންމީ މިދިޔަ ހަފުތާގަ އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މި ގޯތިތަން ނަގަން ނިންމީ އައްޑޫ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި އެ ސިޓީގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެތީ ކަމަށެވެ.

"މި ސަރަހައްދު ތަރައްގީ ކުރެވޭ އިރު ހޮސްޕިޓަލާ ގުޅުން ހުރި ބޭނުންތަކަށާއި އާއްމު އެހެން ބޭނުންތަކަށް މި ސަރަހައްދުން ބިން ބޭނުންވާ ކަން ފާހަގަކުރެވިފައި ވާތީ، މި ސަރަހައްދުން ބިން ލިބެން އޮތީ، މިހާރު ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކޮށްގެން ކަމުގައި ވާތީ، އާއްމު ވެގެންވާ މަންފާއަކަށްޓަކައި މި ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް ހުސްކުރުމުގެ ގޮތުންނެވެ،" އިއުލާނުގައި ވެ އެވެ.

މި ގޯތިތައް ބަދަލުކުރާނީ ގޯތީގެ ވެރިފަރާތަށް އަދުލުވެރި ބަދަލު ދިނުމަށް ފަހު ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

ބަދަލުކުރަން ނިންމާފައިވާ ގޯތިތަކުގެ ޗާޓާއި ގޯތިތައް ބަދަލުކުރެވޭ ސަރަހައްދުގެ ޗާޓު މި އިއުލާނާ އެކު އާންމުކޮށްފައި ވެ އެވެ. މި ސަރަހައްދުން 40 ގޯތި ބަދަލުކުރަން ނިންމާފައިވާ އިރު، ބާކީ ހުރި ގޯތި ލިބިފައިވާ ކަމަށް ބެލެވޭ މީހުންގެ ގޯއްޗާ ގުޅޭ ލިޔެކިޔުންތަކުގައި މައްސަލަތަކެއް ހުރުމުން، އެ ގޯތިތަކާ މެދު ނިންމާ ގޮތެއް ފަހުން އަންގާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އިމާރާތްކުރުމުގެ މަސައްކަތް ކޮށްފައިވާ މީހުންގެ ގޯތިތައް ކަނޑައެޅިފައިވާ ސަރަހައްދަށް ބަދަލުކުރުމުގެ ކުރިން، އެ މީހުންނާ އެކު އެކަމާ މެދު މަޝްވަރާކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށާއި ވަރަށް އަވަހަށް އެކަން ވެސް ކުރާނެ ކަމަށް އިއުލާނުގައި ވެ އެވެ.

ކައުންސިލްގެ ހުއްދަ ނެތި މި ގޯތިތަކުގައި އިތުރު އެއްވެސް މަސައްކަތެއް ނުކުރަން ވެސް މިހާރު ވަނީ އަންގައިފަ އެވެ. އަދި ގޯތިތަކުގައި މަސައްކަތެއް ކުރާ ނަމަ އެ މީހަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވެފައި ވަނީ ހޮސްޕިޓަލް ކައިރިން ބިންތައް ދޫކޮށްފައި ހުރީ ޕްލޭނެއް ނެތި ތޮއްޖެހޭ ގޮތަކަށް ކަމަށާއި އެއީ އެކި ރަށްރަށުން ގިނަ ބަޔަކު އަންނަ ތަނަކަށް ވުމުން އެތާ ކައިރީގައި މީހުން ދިރިއުޅޭ ގެތައް ހުރުން ރައްކާތެރި ނޫން ކަމަށެވެ.

"މިހާރު އިޖުތިމާއީ ކަންކަމަށް ބިމެއް ނުހުރޭ. ވަރަށް ކޮންޖެސްޓްކޮށް ގޯތި ދޫކޮށްފައި ހުރީ. މި ނަގާ ގޯތީގެ ބަދަލުގައި ހަމަ ހޮސްޕިޓަލު ކައިރިން މާ ރަނގަޅު ބްލޮކަކުން ގޯތި ދޭނެ،" ނިޒާރު ވިދާޅުވެފައި ވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 17 ވަނަ ސާކް ސަމިޓު ބޭއްވުމަށް ހިތަދޫގެ އީދިގަލި ކިޅީގައި އިކުއަޓޯރިއަލް ސެންޓަރެއް ހުޅުވި އެވެ. އަދި އެ ތަން ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މިހާރުގެ ސަރުކާރު އައި ފަހުން، އެ ހޮސްޕިޓަލުގެ މަސައްކަތް އެއްކޮށް ނިންމައި، ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ އަހަރު ޖެނުއަރީ އެކެއްގަ އެވެ.

އިކުއަޓޯރިއަލް ސެންޓަރު އެޅުމަށްޓަކައި ކުރިން ވެސް ބަދަލު ދޭ ގޮތަށް އެ ތަނުން ބައެއް މީހުންގެ ގޯތިތައް ނަގާފައި ވެ އެވެ. އެ ގޯތިތަކަށް ބަދަލު ނުދެވި އަހަރުތަކެއް ފާއިތުވި ފަހުން، ޔާމީންގެ ވެރިކަމުގައި ގިނަ ބަޔަކަށް ބަދަލު ދީފައި ވެ އެވެ.