Roadha Mihaaru
އައްޑޫގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގަނީ

އައްޑޫގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއްގައި ސޮއިކޮށްފި

14 ޖެނުއަރީ 2022

އައްޑޫގައި ބޯހިޔާވަކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ރާއްޖެ އިން ބޭރުގެ ދެ ކުންފުންޏަކާއެކު އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ބޯހިޔާވަކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ރާއްޖެ އިން ބޭރުގެ ދެ ކުންފުންޏަކާއެކު އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ސޮއިކޮށްފި އެވެ.

ކައުންސިލްގެ އިރާދާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި ސޮއިކުރީ ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާއި ޗައިނާގެ ބީޔޫސީއެންޖީއާއެކު އެވެ.

މި އެއްބަސްވުންތަކުގެ ދަށުން، ޗައިނާގެ ކުންފުނިން އައްޑޫގައި 1،000-2،000 އާ ދެމެދުގެ އަދަދަކަށް ސޯޝަލް ހައުސިން ޔުނިޓްތަކެއް އަޅަން ހަމަޖެހިފައިވާ އިރު، ތުރުކީގެ ކުންފުނި ރެޒިޑެންޝަލް ހައުސިން ޔުނިޓްތަކެއް އިމާރާތްކުރާނެ އެވެ.

މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑޫގައި ގޯތި ލިބި އެކަމަކު ގެދޮރު އިމާރާތް ނުކުރެވިފައި ތިބި މީހުންނަށް، ތުރުކީގެ ކުންފުންޏާއެކު ވި އެއްބަސްވުމުގެ ދަށުން ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ތަނަވަސްވާނެ ކަމަށެވެ.

ތިން މޮޑެލަކަށް ގެތަކެއް ހަދަން ނިންމާފައިވާ ކަމަށާއި އޭގެ ނަމޫނާ ގެތަކެއް ހަދައި، އެ ބަޔަކު ބޭނުންވާ މޮޑެލަކަށް ގެތައް އަޅައިދޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"މި ވަގުތު މަޝްވަރާ ކުރެވިފައި އޮތީ ތިން މޮޑެލެއްގެ ގެތަކެއް އަޅަން. އެ މޮޑެލްތަކަށް ހެދުމަށް ފަހު، ރައްޔިތުންނަށް އޭގެ ކޮލިޓީ ހުންނަ ގޮތް ބަލައިލެވިގެން ދާނެ. އަދި އެ އަށް ފަހު ރައްޔިތުން ހިތްހަމަޖެހޭ ގެތަކެއް ރަނގަޅު އަގުތަކެއްގައި އެޅުމުގެ ފުރުސަތު ލިބޭނެ،" ނިޒާރު ވިދާޅުވި އެވެ.

"މި ވަގުތު މަޝްވަރާ ކުރެވިފައި ހުރި ގޮތަށް ބަލާއިރު، ރާއްޖޭގެ މާކެޓްގައި މިހާރު ގެތައް ލިބެން ހުރި އަގުތަކަށް ބަލައި އިތުރު ވަރަށް ހެޔޮ އަގުތަކެއް ލިބިފައި ހުރީ. އެހެންވީމާ މިކަމުން ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ."

ނިޒާރު ވިދާޅުވިގޮތުގައި، އައްޑޫން ގޯތި ލިބި، ގެތައް އެޅޭނެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

"އެހެންވީމާ މިއީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ވެސް ލިބިފގެން ދާނެ ކަމެއް."

ހައުސިން ޔުނިޓްތަކެއް ހަދަން އެމްއޯޔޫއެއްގައި ސޮއިކުރި ނަމަވެސް މިއީ އަދި މަޝްރޫއުގެ އެންމެ ފަހުގެ އެއްބަސްވުމެއް ނޫނެވެ.

"އައްޑޫގައި ފައިނަލް އެއްބަސްވުމަކަށް ދެވި މަސައްކަތް ކުރެވިއްޖެ ނަމަ އައްޑު އަށް ކުންފުނިން ހިލޭ ފަޔާ ޓްރެކްތަކެއް ހަދިޔާކުރަން ވަނީ ނިންމާފައި،" ނިޒާރު ވިދާޅުވި އެވެ.

ވިޒްޔޮން ވިލާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އައްޑޫގައި ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ނިންމީ ކުރިން އެކަމާ ގުޅޭ ދިރާސާތަކެއް ވެސް ހަދައި، މާކެޓް ވެސް ބެލުމަށް ފަހު އެވެ. އެހެންވެ، ރާއްޖޭގެ އެންމެ ދެކުނުގައި މިފަދަ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ.

ވިޒްޔޮން ވިލާ އިން ބުނީ، މިހާރު މަސައްކަތް ރޭވިފައިވާ ގޮތަށް ބަލާއިރު، ނަމޫނާ ގެތަކަށް ބޭނުންވާ ސާމާނު އަންނަ މަހުގެ ތެރޭގައި އައްޑު އަށް އަށް ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

"މިއީ ހަމަ ޔަގީނުން ވެސް މަތީ ފެންވަރުގެ ލައިފްސްޓައިލަކަށް އައްޑޫ ރައްޔިތުންނަށް ހުޅުވިދާނެ ދޮރެއް ވެސް މެ،" އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫގައި މީގެ ކުރިން ބޯހިވަހިކަމުގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައި ވަނީ ސަރުކާރުންނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޭދޫގައި ހައުސިން ޔުނިޓްތަކެއް އަޅާފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދު އާއި ހުޅުމީދޫގައި ފްލެޓްތަކެއް އަޅާފައިވެ އެވެ.

ދާދި ފަހުން ކައުންސިލުން ބުނިގޮތުގައި ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރެއިންބޯ އިން ވެސް އައްޑޫގައި ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.