Roadha Mihaaru
އައްޑޫ ގޯތިތައް އަތުލުން ހުއްޓުވުމުގެ އަމުރެއް ނުދިން

އައްޑޫ ގޯތިތައް އަތުލުން ހުއްޓުވުމުގެ އަމުރެއް ނެރެދެވޭކަށް ނެތް: ހައި ކޯޓް

03 ޑިސެމްބަރ 2021

އައްޑޫ ސިޓީގެ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތައް އަތުލުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައްޑޫ ސިޓީގެ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތައް އަތުލުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކޮށްފައިވާ 35 ބިމެއް ދައުލަތަށް ނެގުމަށްފަހު އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން ބިން ދޫކުރަން އައްޑޫ ސިިޓީ ކައުންސިލުން ނިންމި މައްސަލާގައި 14 މީހަކު ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އޭގެ ތެރެއިން ހަތް މައްސަލައެއްގައި ހިތަދޫ ކޯޓުން ނިންމާފައި އޮތީ ސިޓީ ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށެވެ. އަނެއް ހަތް މައްސަލާގައި އެ ކޯޓުން ނިންމީ ކައުންސިލްގެ ނިންމުން ގޯސް ކަމަށެވެ. އެހެންވެ، އެ މައްސަލަތައް ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.

ދަށު ކޯޓުގައި މައްސަލަ ކާމިޔާބުނުވި ހަތް މީހުންގެ ފަރާތުން ހައި ކޯޓުގައި އެދުނީ ހައި ކޯޓުން މައްސަލަ ނިމެންދެން ގޯތިތައް ދައުލަތަށް ނެގުން މަޑުޖައްސާލުމުގެ އަމުރެއް ނެރެ ދިނުމަށެވެ. އެކަމަކު ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ނިންމީ އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިހާރު ނިންމާލާފައިވާތީ އާއި އަދި ދެ ފަރާތުގެ ވާހަކަތަކަށް ބަލާއިރު ވެސް ވަގުތީ އަމުރު ނުނެރުމުން އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންވެ، ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ހާތިފެވެ.

ގޯތިތަކުގެ މައްސަލާގައި ދަށު ކޯޓުން ކާމިޔާބު ނުވި ހަތް މައްސަލައެއް ހަތް މީހެއްގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާއިރު، ސިޓީ ކައުންސިލަށް ކާމިޔާބު ނުވި ހަތް މައްސަލަ އެ ކައުންސިލްގެ ފަރާތުން ވެސް ވަނީ އިސްތިއުނާފްކޮށްފަ އެވެ.