Roadha Mihaaru

އައްޑޫގެ އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އަޅަން ފުރުސަތު ހުޅުވާލައިފި

އައްޑޫގެ އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންނަށް އެކަމަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އައްޑޫ އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އަޅައިދެނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

10 ސެޕްޓެމްބަރ 2025

އައްޑޫގެ އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންނަށް އެކަމަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅައިދޭން އެ ސިޓީގެ ގިނަ ބަޔަކު އެދެމުން އަންނަ ކަމަށެވެ. އެހެންވެ، ސަރުކާރުން ވަނީ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައި ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ އައްޑޫގެ ހުރިހާ އަވަށެއްގައި ދިރިއުޅޭ މީހުން މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ވަނީ އެދިފަ އެވެ.

ހައުސިން ޔުނިޓް ހަދަން ސަރުކާރުން ވައުދުވެފައިވާ ރަށްރަށުގައި، ރައްޔިތުން ބޭނުން ނަމަ އެ މީހެއްގެ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅައިދޭނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެއީ އަމިއްލަ ގޯއްޗެއް އޮވެ، އެތަނުގައި އިމާރާތެއް އެޅުމުގެ ތަނަވަސްކަން ނެތް ނަމަ އެވެ.

ސަރުކާރުގެ އެ ސިޔާސަތުގެ ދަށުން ހދ. ކުޅުދުއްފުށްޓާއި އެ އަތޮޅު ނޮޅިވަރަންފަރުގައި، އެ ރަށްރަށުގެ މީހުންގެ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅައިދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެ ދެ ރަށުގައި އެ މަސައްކަތް ކުރަނީ އެޗްޑީސީއާ ހަވާލުކޮށްގެންނެވެ.

ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ މި ދައުރު ނިމެންވާއިރަށް ހައްލުވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.