Roadha Mihaaru
އައްޑޫ ގޯތިތައް އަތުލަން ނިންމީ ރަނގަޅަށް: ހައި ކޯޓް

އައްޑޫ ގޯތިތައް އަތުލަން ނިންމި ނިންމުން ރަނގަޅު: ހައި ކޯޓް

23 ޑިސެމްބަރ 2021

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތައް އަތުލަން އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތައް އަތުލަން އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި 35 ގޯއްޗެއް ދައުލަތަށް ނެގުމަށްފަހު އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން ބިން ދޫކުރަން ސިޓީ ކައުންސިލުން ނިންމުމުން 14 މީހަކު އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ. އޭގެ ތެރެއިން ހަތް މައްސަލައެއްގައި ހިތަދޫ ކޯޓުން ނިންމީ ސިޓީ ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށެވެ. އަނެއް ހަތް މައްސަލާގައި އެ ކޯޓުން ނިންމީ ކައުންސިލްގެ އެ ނިންމުން ގޯސް ކަމަށެވެ. އެ މައްސަލަތައް ދައުލަތުން ވަނީ އިސްތިއުނާފްކޮށްފަ އެވެ.

އެ މައްސަލަތަކުގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ މީހުންގެ މުދާ އަތުލުން ގާނޫނު އަސާސީން މަނާ ކުރިޔަސް، އާންމު ފައިދާއަކަށްޓަކައި ޝަރީއަތް މެދުވެރިކޮށް ބަދަލު ދިނުމަށްފަހު މުދަލެއް ދައުލަތަށް ނެގިދާނެ ކަމަށް ގާނޫނުު އަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި ގޯތިތައް އަތުލަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުމުގައި ވެސް އޮތީ ގޯތިތަކުގެ ވެރިފަރާތްތަކަށް ގާނޫނާ އެއްގޮތަށް ދޭންޖެހޭ ބަދަލެއް ދިނުމަށްފަހު ގޯތިތައް އަތުލުން ކަމަށާއި އެހެންވެ، އެއީ ގާނޫނާ ޚިލާފް ނިންމުމެއް ނިިންމުމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށް ހިތަދޫ ކޯޓުން ނިންމާފައި ވަނިކޮށް އެއާ ތަފާތުކޮށް އަނެއް ހަތް މައްސަލާގައި ހަމަ އެ ކޯޓުން ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި އެއް ކޯޓަކުން ދެގޮތަށް އެ މައްސަލަތައް ނިންމީ ދެ ފަނޑިޔާރަކު އެ މައްސަލަތައް ބެލުމުން ކަމަށާއި އެކަމަކު ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ގޮތުން އެފަދަ ހާލަތްތަކުގައި އެ ހުރިހާ މައްސަލަތަކެއް ބަލަން ޖެހޭނީ އެއް ފަނޑިޔާރަކު ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ގޯތިތައް އަތުލަން ކައުންސިލުން ނިންމި ނިންމުން ބާތިލް ކުރަން ހިތަދޫ ކޯޓުން ކުރި ހުކުމްތައް ބާތިލް ކުރުމާ އެކު، ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށް ކުރި ހުކުމްތަކަށް ތާއީދުކުރާ ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ހާތިފެވެ.

އެ މައްސަލަތައް ހައި ކޯޓުގައި އޮތުމުން ގޯތިތައް އަތުލުން ހުއްޓުވުމުގެ އަމުރަކަށް ވެސް ކުރިން އެ ކޯޓުގައި އެދުނެވެ. އެކަމަކު މިމަހު ކުރީކޮޅު ހައި ކޯޓުން ނިންމީ ގޯތިތައް އަތުލުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.