Roadha Mihaaru
ހިތަދު އާއި ފޭދޫގެ ޗަސްބިންތައް ހިއްކަން ފަށައިފި

ހިތަދު އާއި ފޭދޫން ކުރިން ދޫކޮށްފައި ހުރި ގޯތިތަކުގެ ޗަސްބިން ހިއްކަން ފަށައިފި

30 ޖެނުއަރީ 2023

ސ. ހިތަދު އާއި ފޭދޫން ކުރިން ދޫކޮށްފައި ހުރި ގޯތިތަކުގެ ޗަސްބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސ. ހިތަދު އާއި ފޭދޫން ކުރިން ދޫކޮށްފައި ހުރި ގޯތިތަކުގެ ޗަސްބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު މިއަދު "މިހާރު" އަށް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ހިތަދު އާއި ފޭދޫން 24 ހެކްޓަރުގެ ޗަސްބިން ހިއްކުމަށް ނިންމާފައިވާ ކަމަށެވެ. ޗަސްބިން ހިއްކުމުގެ އަމަލީ މަސައްކަތް މިދިޔަ ހުކުރު ދުވަހު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެއީ ދިރިއުޅުމުގެ ބޭނުމަށް މީގެ ކުރިން މީހުންނަށް ދޫކޮށްފައި ހުރި ބިންތަކެކެވެ. ނަމަވެސް އެއީ ޗަސްބިންތަކަކަށް ވުމުން އެ ބިމުގެ ބޭނުމެއް ނުކުރެވެ އެވެ.

ހިތަދު އާއި ފޭދޫން ކުރިން ދޫކޮށްފައި ހުރި ގޯތިތަކުގެ ޗަސްބިން ހިއްކުމުގެ މަސައްކަތް އައްޑޫ މޭޔަރު އަލީ ނިޒާރު އާއި ކައުންސިލުގެ އެހެން ބައެއް މެމްބަރުން ބައްލަވާލައްވަނީ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

"އައްޑޫ ކޮންވެންޝަން ސެންޓަރު އަޅަން ރިލޮކޭޓްކުރި ބައެއް ގޯތިތައް ވެސް އުޅޭނެ މި ޗަސްބިންތަކުގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

އެ ޗަސްބިން ހިއްކުމަށް ދައުލަތުގެ ބެޖެޓުން 8 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ހިތަދޫން 500 ގޯތި ދޫކުރުމަށް މިދިޔަ ހަފުތާގައި އިއުލާންކޮށްފަ އެވެ. ގޯއްޗަށް އެދުމުގެ ފުރުސަތު އަންނަ މަހު 23 އާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ.

ހިތަދޫން ދޫކުރަން ނިންމާފައި ވަނީ 1،500 އަކަފޫޓްގެ ގޯއްޗެކެވެ. ހިތަދޫން ދޫކުރާ 500 ގޯތީގެ ތެރެއިން އެ ރަށު ރައްޔިތުންނަށް 450 ގޯތި ހާއްސަކޮށްފައިވާއިރު، ބާކީ 50 ގޯތި ހާއްސަކޮށްފައި ވަނީ އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.

ހިތަދު އާއި ފޭދޫން ކުރިން ދޫކޮށްފައި ހުރި ގޯތިތަކުގެ ޗަސްބިން ހިއްކުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ހިތަދު އާއި ފޭދޫން ކުރިން ދޫކޮށްފައި ހުރި ގޯތިތަކުގެ ޗަސްބިން ހިއްކުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވާ ގޮތުގައި އާބާދީ އެންމެ ބޮޑު ހިތަދޫން ގޯތި ދޫކުރަން މި އިއުލާނުކުރީ 22 އަހަރު ފަހުންނެވެ.

އައްޑޫގެ އިތުރު ތިން ރަށަކުން 500 ގޯތި ދޫކުރަން ވެސް ކުރިން އޮތީ އިއުލާނުކޮށްފަ އެވެ. އެ ފަހަރު އިއުލާނުކުރީ ފޭދޫން 1،500 އަކަފޫޓުގެ 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 2،000 އަކަފޫޓުގެ 100 ގޯއްޗެވެ.