Roadha Mihaaru
އަންނަ ހަފްތާ އައްޑޫ ގޯތިތައް ދޭން ފަށަނީ

ލިސްޓު އާންމުކުރިތާ އަށް މަސް ފަހުން، އަންނަ ހަފުތާގައި އައްޑޫ ގޯތިތައް ދެނީ

15 މެއި 2024

އައްޑޫން ގޯތި ލިބުނު މީހުންނަށް އަންނަ ހަފުތާގައި ގޯތިތައް ދޫކުރަން ފަށާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އައްޑޫން ގޯތި ލިބުނު މީހުންނަށް އަންނަ ހަފުތާގައި ގޯތިތައް ދޫކުރަން ފަށާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންގެ ލިސްޓް އާންމުކުރީ މިދިޔަ އަހަރުގެ އޮގަސްޓް 17ގަ އެވެ. އަދި ޝަރުތު ހަމަވި މީހުންގެ ތެރެއިން މިހާތަނަށް 500 މީހުންގެ މެދުގައި ވަނީ މިދިޔަ ފެބްރުއަރީ މަހު ގުރު ނަގައިފަ އެވެ.

އެ ގޯތިތައް ދިނުން ލަސްވާ ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން ނިޒާރު ވިދާޅުވީ އެކަމަށް ވާން ޖެހޭ ތައްޔާރީތައްވެ ނިމިފައިވާ ކަމަށެވެ. އަންނަ ހަފްތާ އެ ގޯތިތައް ދޫކުރަން ފަށާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"އެކި ކަހަލަ ކަންކަން އައިސްގެން މި ލަސްވީ ގޯތިތައް ދިނުން. އެއީ ރިޔާސީ އިންތިހާބު އައުމާއި، މަޖިލިސް އިންތިހާބު އައުމާއި، ކައުންސިލްގެ ވަރަށް ގިނަ މެމްބަރުން ވެސް މަޖިލީހަށް ކުރިމަތިލުމާއި އެކަހަލަ ވަރަށް ގިނަ ކަންކަން އައިސްގެން މި ލަސްވީ،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޯތި ދޫކުރާ ބިން ސާފުކޮށް، އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ވެސް ވެ ނިމިފައިވާ ކަމަށެވެ.

އައްޑޫން ގޯއްޗަށް އެދި 4،160 ފޯމު ހުށަހަޅާފައި ވާއިރު، އޭގެ ތެރެއިން 3،972 މީހެއްގެ ޝަރުތު ހަމަވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. ކައުންސިލުން ވަނީ އެ އެންމެންނަށް ގޯތި ދޭން ނިންމައިފަ އެވެ.

އައްޑޫން ގޯތި ދޫކުރަން ނިންމައި، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެންމެ ފުރަތަމަ އިއުލާނުކުރީ 1،000 ގޯތި ދޫކުރާށެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯއްޗެވެ.

މީދު އާއި ހުޅުދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯއްޗެވެ. ނަމަވެސް އަނެއް ދެ އަވަށުން ދޫކުރަން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެވެ.