Roadha Mihaaru
އައްޑޫ ހޮސްޕިޓަލުން ވެއިޓް-ލިސްޓްކުރުން ހުއްޓާލައިފި

އައްޑޫ ހޮސްޕިޓަލުގައި ވެއިޓް-ލިސްޓްކުރުން ހުއްޓާލަން ނިންމައިފި

17 އޮކްޓޯބަރ 2021

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ހާއްސަ ޑޮކްޓަރުންނަށް ދައްކަން އެޕޮއިންޓްމަންޓް ހަދާ އުސޫލަށް ބަދަލު ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ހާއްސަ ޑޮކްޓަރުންނަށް ދައްކަން އެޕޮއިންޓްމަންޓް ހަދާ އުސޫލަށް ބަދަލު ގެންނަން ނިންމައިފި އެވެ.

އެޕޮއިންޓްމަންޓް ހޯދަން އުނދަގޫވުމާއި ވެއިޓިން-ލިސްޓްގައި ކިއު ޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހޭތީ އާންމުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާ ގުޅިގެން ހޮސްޕިޓަލުން އަލަށް ގެންނަން ނިންމި ބަދަލާ އެކު ވެއިޓް-ލިސްޓްކުރުން ހުއްޓައިލަން ވަނީ ނިންމައިފަ އެވެ.

އޭގެ ބަދަލުގައި މިހާރު ނިންމާފައި އޮތީ ކޮންމެ ހަފުތާއަކަށް ނުވަތަ ކުރިއަށް އޮތް ހަތް ދުވަހަށް އެޕޮއިންޓްމަންޓަށް ހުޅުވައިލުން ކަމަށް އޭއީއެޗުން ބުންޏެވެ. މި ގެނައި ބަދަލާއެކު، ދެން އެޕޮއިންޓްމަންޓް ހަދާ ދުވަސްތައް އިތުރު ކުރާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ އާއި ހޮނިހިރު ދުވަހު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އަތޮޅެއްގައި ހުރި އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލުން ބުނިގޮތުގައި، އެޕޮއިންޓްމަންޓް ހެދުމުގެ އާ އުސޫލަށް އަމަލުކުރަން ފަށާނީ އަންގާރަ ދުވަހުން ފެށިގެންނެވެ.

ކުރިން އައްޑޫން ނުލިބޭ ސިއްހީ އެތައް އާ ހިދުމަތްތަކަކާ އެކު 100 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި އޭއީއެޗުން ހިދުމަތް ދެމުން އަންނަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 15 އިން ފެށިގެންނެވެ. މި ހޮސްޕިޓަލަކީ ކުރީގެ އިކްއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކޮށްގެން ހިދުމަތް ދެމުން އަންނަ ތަނެކެވެ.

އޭއީއެޗަކީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ސިއްހީ ފަރުވާ ހޯދަން މީހުން ދާ ތަނެކެވެ.