Roadha Mihaaru
އައްޑޫގައި ކުރި މައިބަދައިގެ ދެ އޮޕަރޭޝަން ކާމިޔާބު

އައްޑޫގައި ކުރި މައިބަދައިގެ ފުރަތަމަ ދެ އޮޕަރޭޝަން ވެސް ކާމިޔާބު

14 އެޕްރީލް 2020

އައްޑޫގައި ފުރަތަމަ ފަހަރަށް ކުރި މައިބަދައިގެ ދެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް ކަމަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ފުރަތަމަ ފަހަރަށް ކުރި މައިބަދައިގެ ދެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް ކަމަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފި އެވެ.

އޭއީއެޗްގައި މިއަދު ކުރި އެ ދެ އޮޕަރޭޝަން ކުރިއަށް ގެންދެވީ މާލޭން އިއްޔެ އައްޑު އަށް ވަޑައިގެންނެވި ޑޮކްޓަރުންގެ ޓީމަކާ އެކީގަ އެވެ. އެ ޓީމްގައި އިސްކޮށް ހުންނެވީ ކަށީގެ މަޝްހޫރު ޑރ. ޔޫސުފް ޝާނެވެ.

އޭއީއެޗުން ބުނީ، މައިބަދައިގެ ދެ އޮޕަރޭޝަން ކުރީ އުމުރުން 64 އަހަރުގެ އަންހެނަކާއި 68 އަހަރުގެ ފިރިހެނެއްގެ ކަމަށެވެ. އެ ދެ އޮޕަރޭޝަން ވެސް ވަރަށް ކާމިޔާބުކަން ފާހަގަކޮށް ޑޮކްޓަރުންގެ ޓީމަށް ހޮސްޕިޓަލުން މަރުހަބާ ކިޔެވެ.

އައްޑޫ ހޮސްޕިޓަލްގެ ޓުވީޓް

ކުރީގެ އިކްއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ގާއިމްކޮށްފައިވާ އައްޑޫގެ އާ ހޮސްޕިޓަލުގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވެސް ވަނީ ބޮޑު އޮޕަރޭޝަނެއް ކޮށްފަ އެވެ. އެ ފަހަރު އޮޕަރޭޝަންކުރީ އުކުޅުވަޅުގެ ހުޅު ބިންދައިގެން ދިޔަ އުމުރުން 82 އަހަރުގެ އަންހެނެއްގެ ކަށިގަނޑު ތެދުކުރުމަށެވެ.

އެ ހޮސްޕިޓަލްގައި ކަށީގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ދާދި ފަހުން ކިޔަވައި ވިދާޅުވެގެން ވަޑައިގެން ޑރ. މުހައްމަދު މުންޝިދެވެ. އެއީ ފުވައްމުލަކަށް އުފަން އަދި މާލެ ފިޔަވައި އެހެން ރަށްރަށުގައި މަސައްކަތް ކުރުމަށް ހަތް އަހަރާއި ބައިގެ ބޮންޑެއްގައި ހުންނެވި ޑޮކްޓަރެކެވެ. މިދިޔަ ޖެނުއަރީ މަހުގެ 15 ގައި ރަސްމީކޮށް ހިދުމަތް ދޭން ފެށި، އޭއީއެޗަކީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ. ކުރިން އައްޑޫގައި އެންމެ ފުޅާކޮށް ހިދުމަތް ދިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި އޮޕަރޭޝަން ކުރަން ހުރީ އެންމެ ތިއޭޓަރެއް ނަމަވެސް، އާ ހޮސްޕިޓަލްގައި ހިދުމަތް ފެށީ ފަސް ތިއޭޓަރާ އެކީގަ އެވެ.

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާއިމްކޮށްދިން ތަނެކެވެ.