Roadha Mihaaru
އައްޑޫ ހޮސްޕިލަޓަލަށް އަނެއްކާ ވެސް ނަރުހުން ހޯދަނީ

އައްޑޫ ހޮސްޕިލަޓަލަށް އަނެއްކާ ވެސް ނަރުހުން ހޯދަނީ

14 ސެޕްޓެމްބަރ 2020

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް އަނެއްކާ ވެސް ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް އަނެއްކާ ވެސް ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.

އާ ހޮސްޕިޓަލް މި އަހަރުގެ ޖެނުއަރީ މަހުގެ 15 ގައި ހުޅުވައި ހިދުމަތް ދޭން ފެށި ފަހުން މިއީ ގިނަ އަދަދަކަށް ނަރުހުން ހޯދަން އިއުލާންކުރި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން ނަރުހުން ހޯދަން އިއުލާންކުރީ މިދިޔަ ޖޫން މަހުގެ ކުރީކޮޅު އެވެ. އެ ފަހަރު އިއުލާންކުރީ 18 ނަރުހުން ހޯދުމަށެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ކުރީކޮޅު 10 ނަރުހުން ހޯދަން އިއުލާންކުރި އެވެ.

ކުރީގެ ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ގާއިމުކޮށްފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް މި ފަހަރު ހޯދަން އިއުލާންކުރީ ދާއިމީ 15 ނަރުހުންނެވެ.

އޭއީއެޗުން ފުރުސަތު ހުޅުވައިލީ ތިން ކެޓަގަރީއަކުން ނަރުހުން ހޯދާށެވެ. އެއީ ރެޖިސްޓާޑް ނާސް/ސީނިއާ ރެޖިސްޓާޑް ނާސް އަދި ކްލިނިކަލް ނާސް އެވެ. މި މަގާމުތަކަށް މުސާރަ އުޅެނީ 9،060-10،940ރ. އާ ދެމެދުގަ އެވެ. އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު ސާވިސް އެލަވަންސްގެ ގޮތުގައި 188ރ. ލިބޭނެ އެވެ.

މަގާމުތަކަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އޭއީއެޗުން ބުނީ ނަރުހުންގެ މަގާމުތަކަށް ކުރިމަތިލާ މީހުން ޝޯޓްލިސްޓްކޮށް، އިންޓަވިއު އަށް ކިޔާނީ ފެންވަރަށް ބަލައި އެންމެ މަތިން މާކްސް ހޯދާ މީހުން ބަލައިގެން ކަމަށެވެ. އަދި އިންޓަވިއު ކުރިއަށް ގެންދާނީ މި މަހުގެ 24 އިން އަންނަ މަހުގެ 15 އާ ހަމައަށެވެ.