Roadha Mihaaru
މާލެެއެކޭ އެއްގޮތަށް ތިނަދޫގައި ކާފިއު ހިންގަނީ

ކޮވިޑް-19: މާލެެއެކޭ އެއްގޮތަށް ތިނަދޫގައި ކާފިއު ހިންގަނީ

19 ޖޫން 2021

ގދ. ތިނަދޫގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، އެ ރަށުގައި މާލެ ސަރަހައްދެކޭ އެއްގޮތަށް މިއަދުން ފެށިގެން ކާފިއު ހިންގަން އެޗްޕީއޭ އިން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ގދ. ތިނަދޫގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، އެ ރަށުގައި މާލެ ސަރަހައްދެކޭ އެއްގޮތަށް މިއަދުން ފެށިގެން ކާފިއު ހިންގަން އެޗްޕީއޭ އިން ނިންމައިފި އެވެ.

އެ އިދާރާ އިން ރޭ އަންގާފައިވާ ގޮތުން މިއަދުގެ ހަވީރު 4 އިން ފަތިހު 4 އަށް ތިނަދޫގައި ދެ ހަފުތާގެ މުއްދަތަށް ކާފިއު ހިންގާނެ އެވެ. އެ ނޫން ގަޑިތަކުގައި ތިނަދޫގައި ބޭރަށް ނުކުމެވޭނީ މާލެ ސަރަހައްދުގައި ވެސް މިހާރު އަމަލުކުރާ ގޮތަށް، ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ޕާމިޓު ނަގައިގެން ކަމަށް އެޗްޕީއޭގެ އެންގުމުގައި ވެ އެވެ.

ތިނަދޫން އިއްޔެ އެކަނި ވެސް 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އާ ހަމައަށް ތިނަދޫން 15 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާރު އެ ރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 189 އެވެ. ތިނަދޫން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 430 އެވެ.

ތިނަދޫގައި އެ ބަލި ފެތުރޭތީ ބަލި ކޮންޓްރޯލު ކުރުމަށް އެ ރަށުގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ)އިން އެދުނު ގޮތަށް ފިޔަވަޅު އެޅުން ލަސްވާތީ މައްސަލަ ވަނީ ހޫނުވެފަ އެވެ.

ތިނަދޫ އީއޯސީގައި މަސައްކަތް ކުރެއްވި އެ ރަށުގެ ކޮވިޑް ފެސިލިޓީގެ މެނޭޖަރު ޑރ. އާޒިމް އަބްދުއްޝަކޫރު "މިހާރު" އަށް އިއްޔެ ވިދާޅުވީ، އެ އިދާރާ އިން އެދުނު ފިޔަވަޅުތައް އެޅުމުގައި ކައުންސިލުގެ އެއްބާރުލުން ނުލިބުނު ކަމަށެވެ. އެހެންވެ، އޭނާ ވަނީ އީއީސޯން އަމިއްލަ އަށް ވަކިވެފަ އެވެ.

ތިނަދޫ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު އެޗްޕީއޭ އަށް ފޮނުވި ސިޓީއެއްގައި ވަނީ އީއޯސީން ރަށް ލޮކްޑައުން ކުރަން އެދިފައިވާ ކަމަަށެވެ. ނަމަވެސް، ތިނަދު އަކީ ސަރަހައްދީ ވިޔަފާރީގެ ހަބަކަށް ވާތީ ރަށް ލޮކްޑައުން ކޮށްފި ނަމަ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ދަތިވާނެ ކަމަށް ސިޓީގައިވެ އެވެ. އެހެންކަމުން، ލޮކްޑައުންގެ ބަދަލުގައި ކާފިއު ގަޑި އިތުރުކޮށް، އިތުރު ފިޔަވަޅުތައް އަޅަން އެދުނެވެ.

ނަމަވެސް، މިހާރު އެޗްޕީއޭ އިން ފިޔަވަޅު އަޅާފައި ވަނީ އީއޯސީން އެދުނު ގޮތަށް ކަމަށް ޑރ. އާޒިމް ވިދާޅުވި އެވެ.