Roadha Mihaaru
ލުއިތަކާ އެކު ވެސް ކޮވިޑް މައިތިރި؛ ސަބަބަކީ ކޮބާ؟

ލުއިތަކާ އެކު ވެސް ކޮވިޑް މައިތިރި؛ ސަބަބަކީ ކޮބާ؟

20 ސެޕްޓެމްބަރ 2021

މީގެ ފަސް މަސް ކުރިން ރާއްޖެއަށް ބީއްސާލި ކޮވިޑްގެ ހަތަރު ވަނަ ރާޅާ އެކު ކޮންމެ ދުވަހަކު ފެންނަ މި ބަލީގެ މީހުންގެ އަދަދު 1،000 އިން މައްޗަށް ވެސް އެރި އެވެ. އެޅި ފިޔަވަޅުތަކާ އެކު އޭގެ ދެ މަސް ފަހުން އަދަދުތައް ދަށްވިޔަސް އެ ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު އަނެއްކާ ވެސް އިތުރު ރާޅަކުން ނުރައްކާ ބޮޑުވެދާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު އެޗްޕީއޭގެ ތަފާސްހިސާބުތަކުންް ފެންނަނީ އެހެން މަންޒަރެކެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މީގެ ފަސް މަސް ކުރިން ރާއްޖެއަށް ބީއްސާލި ކޮވިޑްގެ ހަތަރު ވަނަ ރާޅާ އެކު ކޮންމެ ދުވަހަކު ފެންނަ މި ބަލީގެ މީހުންގެ އަދަދު 1،000 އިން މައްޗަށް ވެސް އެރި އެވެ. އެޅި ފިޔަވަޅުތަކާ އެކު އޭގެ ދެ މަސް ފަހުން އަދަދުތައް ދަށްވިޔަސް އެ ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު އަނެއްކާ ވެސް އިތުރު ރާޅަކުން ނުރައްކާ ބޮޑުވެދާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު އެޗްޕީއޭގެ ތަފާސްހިސާބުތަކުންް ފެންނަނީ އެހެން މަންޒަރެކެވެ.

މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ބޮޑު އީދު ބަންދާ ދިމާކޮށް ދިން ލުއިތަކާ އެކު އެތައް ބަޔަކު ރަށްރަށަށް ދަތުރުކުރަން ފެށި އެވެ. އެއީ ކޮވިޑް ފެތުރެން ފެށުމުން މާލެ ބަންދުކުރި ފަހުން އެހާ ލުއި ގޮތަކަށް ރަށްރަށަށް ދަތުރުކުރަން ލިބުނު ފުރަތަމަ ފަހަރެވެ. އުޅަނދުފަހަރު ބަރާކޮށްގެން މީހުން ރަށްރަށަށް ގޮސް ދެން އެނބުރި އައުމާ އެކު ކޮވިޑްގެ ހާލަތު އަނެއްކާ ވެސް ގޯސްވެދާނެ ކަމަށް ބެލެވުނެވެ. އެކަމަކު އެހެންނެއް ވެސް ނުވި އެވެ.

ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމުން، ބަލި ޖެހޭ އަދަދާއި ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު ދަށްވާތީ ރާއްޖޭގައި ވެސް މި ފެންނަނީ އެ ނަތީޖާ ކަމަށް ވެދާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު ވަނީ 330،000 އަށް ވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފަ އެވެ. މިއީ އާބާދީގެ 60 ޕަސެންޓަށް ވުރެ މަތީ ނިސްބަތެކެވެ. ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު 390،000 އަށްވުރެ ގިނަ އެވެ.

މާލޭގައި ކޮވިޑަށް ޓެސްޓްކުުރުމަށް ރޭންޑަމް ސާމްޕަލް ނަގަނީ.-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު

މާލޭގައި ކޮވިޑަށް ޓެސްޓްކުުރުމަށް ރޭންޑަމް ސާމްޕަލް ނަގަނީ.-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު

"ވެކްސިން ޖެހުމުން އިންފެކްޓްވުމުގެ ރިސްކް ދަށްކޮށްދޭނެ. އަނެއް ކަމަކީ ދެ ޑޯޒް ވެކްސިން ޖެހީމާ 90 ޕަސެންޓް ދަށްވާނެ އެޑްމިޓްކުރާ މީހުންގެ އަދަދު،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ވެކްސިން ޖަހަން ފެށިތާ އަދި މާގިނަ ދުވަސް ނުވާތީ ވެކްސިންގެ ބާރު ވެސް ދަށް ނުވެ އަދި ރަނގަޅަށް ހުންނާނެކަން ވެސް ނަޒްލާ ފާހަގަކުރެއްވި އެވެ.

ނަޒްލާ ފާހަގަކުރެއްވި އަނެއް ކަމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ދުވަސްވަރު އަރިދަފުސް ރޯގާ އިތުރެވެފައި ވާތީ، އާދައިގެ ރޯގާ ކަމަށް ގަބޫލުކޮށް ކޮވިޑަށް ޓެސްޓްކުރުން މަދުވުމެވެ.

"ޓެސްޓް ކުރާ މިންވަރު ދަށްވަންޏާ ވެސް ބަލި ޖެހޭ މީހުންގެ އަދަދުތައް ދަށްކަމަށް ދައްކަފާނެ. އަނެއްކާ ރޯގާ މިހާ ގިނައިރު ކޮވިޑު ނޫން ކަމަށް ހީކޮށް ޓެސްޓް ނުކޮށް ވެސް އެބަ ތިބޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެެ.

ކޮވިޑަށް ޓެސްޓުކުރި މީހުންގެ އަދަދުތަކާއި ޕޮޒިޓިވްވި މީހުންގެ އަދަދު އަދި ރޭޓް.

ކޮވިޑަށް ޓެސްޓުކުރި މީހުންގެ އަދަދުތަކާއި ޕޮޒިޓިވްވި މީހުންގެ އަދަދު އަދި ރޭޓް.

ނަމަވެސް އެޗްޕީއޭ އިން ކޮންމެ ރެއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އާންމުކޮށް ކޮވިޑަށް ސާމްޕަލް ނަގާ މިންވަރު ވެސް ދަށެއް ނުވެ އެވެ. މިދިޔަ އޭޕްރީލް މަހު، 94،261 ސާމްޕަލް ޓެސްޓްކޮށްފައިވާއިރު މެއި މަހު 145،921 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ. އަދި ޖޫން މަހުގެ ތެރޭގައި 142،432 ސާމްޕަލް ޓެސްޓްކުރި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާއިރު ޖުލައިގައި 177،863، ސާމްޕަލް ޓެސްޓްކުރި އެވެ. މި މަހު އިއްޔެގެ ނިޔަލަށް 97,831 ސާމްޕަލް ޓެސްޓްކޮށްފައިވެ އެވެ.

ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަށް ބަޔަކު ކިއުގައި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަށް ބަޔަކު ކިއުގައި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ޓެސްޓްކުރާ އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވާތީ އެންމެ ބޮޑަށް ބުރަވޭ ސަބަބެއް ކަމަށް ވާނީ އާބާދީ ބޮޑު ބައެއް ވެކްސިން ފުރިހަމަކޮށްގެން ތިބުމެވެ. ކޮވިޑްގެ ކޮންމެ ވެކްސިނެއް ޖެހުމުން ވެސް އެ މީހަކަށް ބަލި ޖެހުމުގެ ފުރުސަތާއި ބަލި ޖެހުނަސް އެ މީހެއްގެ ގައިން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އެތައް ގުނައެއް ކުޑަވެގެންދާކަން ދިރާސާތަކުން އެނގެ އެވެ.

ކޮވިޑް ވެކްސިން ޖެހުމަކީ އެ ބަލި ނުޖެހޭނެ ކަމުގެ ސައްތައިން ސައްތަ ޔަގީންކަމަކަށް ނުވިޔަސް ބަލި ފެތުރުން ލަސްކޮށްދޭކަން ދިރާސާތަކުން ކަށަވަރުވެ އެވެ. ބަލިން ރައްކާތެރިވުމުގައި އެންމެ ކުރިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް މިހާރު މާބޮޑު ބެލުމެއް ނެތެވެ. ހުރިހާ ކަމެއް އާދައިގެ ގޮތެއްގަ އެވެ. އެހެންވެ ވެކްސިން ޖެހުން އިތުރުވުން ނޫން ކަމެއް ބައްޔާ ދެކޮޅަކަށް މިވަގުތު ސާފުކޮށް ފެންނާކަށް ނެތެވެ.

އެހެންވެ ރާއްޖޭގައި ކޮވިޑަށް އައި މަޑުޖެހުމުން ވެސް ސާބިތުވަނީ އެންމެ ކަމެކެވެ. އަލަށް ފެތުރޭ މިކަހަލަ ބައްޔަކާ ދެކޮޅަށް ވެކްސިން ޖެހުމުގެ މުހިންމުކަމެވެ.

އަނެއް ސަބަބެއް ކަމަށް ވާނީ ނޭނގި ތިބެ އެތައް ބަޔަކަށް ކޮވިޑް ޖެހި ރަނގަޅުވެފައި ވުމުގެ ސަބަބުން ދިފާއީ ބާރު ވަރުގަދަވެފައި ވުމެވެ. މި ބަލި ރާއްޖޭގައި އެންމެ ބޮޑަށް ފެތުރުނު މާލެއަށް ބެލުމުން އެނގޭ ކަމަކީ ކޮވިޑް ފެތުރޭ އެހެން ރަށްރަށަށް ވުރެ ބަލި ޖެހޭ ރޭޓް ދަށްކަމެވެ.

އެކަމަކު މިއީ ބައްޔާ މެދު ފަރުވާ ކުޑަކޮށްލައިގެން އުޅެންޖެހޭ ސަބަބެއް ނޫނެވެ. މާސްކް އެޅުމާއި އަތް ސާފުކުރުމާއި ގިނަ މީހުން އެއްތަން ނުވުމާއި ގައިދުރުކަން ބެހެއްޓުމަކީ އަދިވެސް ކުރަންޖެހޭނެ ކަންކަމެވެ. އެހެން ނޫނީ އަނެއްކާވެސް ބިޔަ ރާޅަކާ އެކު ދިރިއުޅުން ހުއްޓުމަކަށް ގެނެސްފާނެ އެވެ.