Roadha Mihaaru
ކަރަންޓީނަށް 24 ދުވަސް ދެނީ އެންޓިބޮޑީ ޓެސްޓު ހަދާތީ

އެހެން ރަށްރަށުގައި ކަރަންޓީނަށް 24 ދުވަސް ދެނީ އެންޓިބޮޑީ ޓެސްޓު ކުރާތީ: ޓެގް

07 ޖޫން 2020

މާލޭގައި ތާށިވެފައި ތިބި މީހުން ސީދާ އެ މީހުންގެ ރަށަށް ގޮސް ކަރަންޓީން ވެވޭ ގޮތަށް އުސޫލު ބަދަލު ކޮށްފައިވާއިރު، އެ މީހުންނަށް 24 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ދެނީ އެންޓި ބޮޑީ ޓެސްޓު ހަދަން ނިންމާފައިވާތީ ކަމަށް ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މާލޭގައި ތާށިވެފައި ތިބި މީހުން ސީދާ އެ މީހުންގެ ރަށަށް ގޮސް ކަރަންޓީން ވެވޭ ގޮތަށް އުސޫލު ބަދަލު ކޮށްފައިވާއިރު، އެ މީހުންނަށް 24 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ދެނީ އެންޓި ބޮޑީ ޓެސްޓު ހަދަން ނިންމާފައިވާތީ ކަމަށް ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ބުނެފި އެވެ.

މާލެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން، އޭޕްރީލް 15 ގައި މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ހަމައަށް، މާލޭގައި ތިބި މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ މީހުން ފޮނުވަމުން އައީ ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަހު ބޭތިއްބުމަށް ފަހު އެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް، ސީދާ ރަށަށް ގޮސް ޝަރުތުތަކަކާ އެކު ހޯމް ކަރަންޓީން ވެވޭނެ އިންތިޒާމު އެޗްޕީއޭ އިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު، އެ މީހުންގެ ކަރަންޓީންގެ މުއްދަތަކީ އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން 14 ދުވަހުގެ ބަދަލުގައި 24 ދުވަހެވެ.

ރޭގެ މީޑިއާ ބްރީފިންގައި "މިހާރު" ން ކުރި ސުވާލަކާ ގުޅިގެން ޓެގްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، އެއްވެސް "ޓްރެވަލް ރިލޭޓެޑް ކަރަންޓީން" އެއް ނަމަ 24 ދުވަހުގެ މުއްދަތަކަށް ގޭގައި ނުވަތަ ކަރަންޓީން ފެސިލިޓީއެއްގައި މަޑުކުރަންޖެހޭ ކަމަށެވެ. އެއީ ރާއްޖެ އިން ބޭރުން އަންނަ މީހުންނާއި މާލެ އިން ރަށްރަށަށް ދާ މީހުންނެވެ.

ޑރ. ނަޒްލާ ވިދާޅުވީ ދަތުރުކުރާ މީހުން މީގެ ފަހުން ހަދާނީ އެންޓި ބޮޑީ ޓެސްޓު ކަމަށެވެ. މީގެ ކުރިން އެ މީހުންގެ ހަދަމުން އައީ ކޮވިޑް-19 ގައިގައި ހުރިތޯ ބެލުމަށް ކުރާ ޕީސީއާރު ޓެސްޓެވެ. އެކަމަކު، މި ބަދަލާ އެކު 24 ދުވަހުގެ ކަރަންޓީން މުއްދަތެއް ދެނީ އެންޓި ބޮޑީ ހަށިގަނޑުގައި އުފެދޭ މުއްދަތަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންޓިބޮޑީ އަށް ފުރަތަމަ ވެސް ޕޮޒިޓިވްވާން ފަށާނީ ގާތްގަނޑަކަށް 9-11 ދުވަސް ތެރޭގައި. އެހެންވެ، ޓްރެވަލް ރިލޭޓެޑް ކަރަންޓީންތަކުގައި އެންޓިބޮޑީ ޓެސްޓު ހަދާތީވެ 24 ދުވަސް މި ދެނީ" ރާއްޖޭގައި މިހާތަނަށް ހުންނެވި ހަމައެކަނި ޕީޑިއޮޓްރިކް އިންފެކްޝަސް ކޮންޓްރޯލްގެ އެކްސްޕާޓް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެންޓި ބޮޑީ ޓެސްޓުގައި ބަލަނީ 10 ވަރަކަށް ދުވަސް ކުރިން ކޮވިޑް-19 ޖެހިފައިވޭތޯ އާއި އެ ބަލި ޖެހިފައި ރަނގަޅުވެފައިވޭތޯ އެވެ.

މީގެ ކުރިން ރާއްޖެ އިން ބޭރުން އަންނަ މީހުން ވެސް ކަރަންޓީން ކުރަމުން އައީ ކަރަންޓީން ފެސިލިޓީތަކުގަ އެވެ. ރަށްރަށަށް ދާ މީހުން ވެސް ފެސިލިޓީތަކުގައި ކަރަންޓީންކޮށް ދޫކޮށްލަނީ ޕީސީއާރު ޓެސްޓު ހެދުމަށް ފަހު އެވެ.

ނަމަވެސް މި ބަދަލާ އެކު، ސީދާ ރަށަށް ދިއުމުގެ ހުއްދަ ލިބިފައިވާއިރު، އެކަން ކުރަން ޖެހެނީ އެ ރަށެއްގެ ކައުންސިލާއި އެލްޖީއޭ ގުޅިހެން އެޗްޕީއޭ އިން ކަނޑައަޅާފައި އޮންނަ އުސޫލެއްގެ ދަށުންނެވެ. މީހަކު ގޭގައި ކަރަންޓީން ވުމަށް ފަހު، އެ ގޭގައި ދެން ތިބި އެއްވެސް ބަޔަކަށް ބޭރަށް ދިއުމާއި ބޭރުން މީހަކު ގެއަށް ވަނުމުގެ ހުއްދައެއް ނޯންނާނެ އެވެ. މި ނޫން ވެސް ހަރުކަށި އުސޫލުތަކެއް އެޗްޕީއޭ އިން ވަނީ ހޯމް ކަރަންޓީން ވުމުގައި ކަނޑައަޅައިފަ އެވެ.

ހޯމް ކަރަންޓީން އަށް ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވައިލުމުން ގިނަ ބަޔަކު މިހާރު ވަނީ އޭގެ ބޭނުން ހިފަން ފަށައިފަ އެވެ.