Roadha Mihaaru
ފަތިސްނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރެވޭނެ

މިރޭ ފަތިސް ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރެވޭނެ، އެކަމަކު ގައިދުރުކުރަން ޖެހޭނެ

30 ޖޫން 2021

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރުމާ ގުޅިގެން މިރޭ ފަތިސް ނަމާދުން ފެށިގެން ގައިދުރުކޮށް، ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރުމާ ގުޅިގެން މިރޭ ފަތިސް ނަމާދުން ފެށިގެން ގައިދުރުކޮށް، ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މާލެ ސަރަހައްދުގައި ދެވަނަ ފަހަރަށް ކޮވިޑް ވަރަށް ބާރަށް ފެތުރެން ފެށުމުން ސަރުކާރުން ވަނީ ފުލުހުންގެ ހުއްދަ ނެތ ބޭރުގައި އުޅުން މަނާކޮށް، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް މަދުވުމާއެކު މާދަމާ އިން އަލުން ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އިއުލާން ކުރައްވައިފަ އެވެ.

އެގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުޅުވާލަން ނިންމާފައިވާއިރު، އިސްލާމިކް މިނިސްޓްރީން ބުނީ މިރޭ ފަތިސް ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށެވެ. މިސްކިތަށް ދިޔަ ނަމަވެސް ގައިދުރުކޮށް ނަމާދު ކުރުމާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ގޮތަށް ކޮވިޑުން ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"..މިސްކިތަށް ވަޑައިގަންނަވާއިރު މާސްކު އެޅުމަށާއި، މުސައްލަ ގެންނެވުމަށާއި ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ގައިދުރު ކަމާއެކު ޖަމާއަތް ހެދުމަށް ހަނދުމަފުޅުކޮށް އަރުވަން،" އެ މިނިސްޓްރީން ބުންޏެވެ.

މާދަމާ މިސްކިތްތައް ހުޅުވާލުމުގެ އިތުރުން ކާފިއު ވަގުތު ކުރުކޮށް، އެ ނޫން ގަޑިތަކުގައި ބޭރުގައި ނޔކުމެ އުޅެން ވެސް ވަނީ ހުއްދަ ދީފަ އެވެ. މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ހިންގާނީ ރޭގަނޑު 8 އިން ފަތިހު 4 އަށެވެ. އެ ނޫން ގަޑިތަކުގައި ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ހިދުމަތް ހޯދޭނެ އެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ފުލުހުންގެ ހުއްދަ ނެތި މާދަމާ އިން ފެށިގެން ބޭރުގައި ވެސް އުޅެވޭނެ އެވެ.