Roadha Mihaaru
މިހާރު މާލޭން ރަށަށް ގޮސް ކަރަންޓީނުވެވޭނެ

މިހާރު މާލޭން ރަށަށް ގޮސް ކަރަންޓީނުވެވޭނެ

06 ޖޫން 2020

ކޮވިޑް-19 ފެތުރިފައިވާ މާލޭގައި ތާށިވެފައި ތިބި މީހުން އެ މީހުންގެ އުފަން ރަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެން ތިބެވޭ ގޮތަށް އުސޫލު އެކުލަވާލައި ރަށްރަށަށް މީހުން ފޮނުވަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 ފެތުރިފައިވާ މާލޭގައި ތާށިވެފައި ތިބި މީހުން އެ މީހުންގެ އުފަން ރަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެން ތިބެވޭ ގޮތަށް އުސޫލު އެކުލަވާލައި ރަށްރަށަށް މީހުން ފޮނުވަން ފަށައިފި އެވެ.

ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި ރަށްރަށު މީހުން މިހާތަނަށް ރަށަށް ދެވެނީ ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަސް ހަމަކުރުމަށް ފަހު ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެ ނަމަ އެވެ. މިއީ އަތޮޅު ތެރޭގެ ރަށްރަށުގައި ބަލި ފެތުރުނަ ނުދިނުމަށް އަމަލުކުރާ ގޮތެކެވެ.

އެޗްޕީއޭ އިން މިއަދު އިއުލާން ކުރި އުސޫލުގައި ބުނަނީ އެ މީހަކު ދިރިއުޅޭ ރަށަކަށް ދިއުމަށް ފަހު ގޭގައި 24 ދުވަހަށް ކަރަންޓީން ވެފައި ހުންނަން ޖެހޭނެ ކަމަށެވެ. އޭނާ ކަރަންޓީން ނިމުމަކަށް އަންނާނީ 24 ދުވަސް ފަހުން ޓެސްޓް ހަދާ ނަތީޖާ ނެގަޓިވް ވުމުން ކަމަށް އުސޫލުގައިވެ އެވެ.

އޭގައިވާ ގޮތުން މާލޭގައި ތާށިވެފައި ތިބި މީހުން އެ މީހެއްގެ ރަށަށް ދިއުމަށް ދަތުރުގެ ކަންކަން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ. އަދި ރަށަށް ގެންދާއިރު އެ މީހެއްގެ ފަރާތުން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

އުސޫލުގައިވާ ގޮތުން، ރަށަށް ދާން ބޭނުންވެގެން އެ ރަށެއްގެ ކައުންސިލްގައި ރަޖިސްޓްރީ ކުރުމުން އެ މީހަކު ގޮސް ކަރަންޓީންވެގެން ހުންނަ ގެއަކީ އުސޫލަށް ފެތޭ ތަނެއްތޯ ބަލާނީ ޕަބްލިކް ހެލްތު ޔުނިޓާއި އެރަށެއްގެ ކައުންސިލާ ގުޅިގެންނެވެ. އަދި ކައުންސިލުން އެކަން ޔަގީން ކުރުމަށް ފަހު ފުރަންޖެހޭ ފޯމް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވުމުން، އެދޭ ތަރުތީބުން އެ ބަޔަކު ރަށްރަށަށް ގެންދިއުމުގެ އިންތިޒާމު ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަން ޖެހޭނެ އެވެ.

ކަރަންޓީން ކުރާއިރު އެ ގެއެއްގެ ވެރިފަރާތުން އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭއިރު ކަރަންޓީންވާ މީހާ ވެސް އިގުރާރެއްގައި ސޮއިކުރަން ޖެހެ އެވެ.

ކަރަންޓީންގައި ހުންނަ ގޭގެ ބައެއް ޝަރުތުތައް

- އެ ގެއެއްގައި 60 އަހަރުން މަތީގެ މީހަކު އުޅެގެން ނުވާނެ

- އެ ގެެއެއްގައި މާބަނޑު މީހުންނާއި ދާއިމީ ބޮޑު ބައްޔަކަށް ފަރުވާ ހޯދާ މީހަކު އުޅެގެން ނުވާނެ

- ކަރަންޓީނުވާ މީހާ ހުންނަންވާނީ ވަކި ކޮޓަރިއެއްގައި

- ކަރަންޓީން ކުރާ މީހާ ބޭނުންކުރަން ވަކި ފާހާނާއެއް ހުންނަން ވާނެ

- ތަށި، ސަމުސާ، ތުވާލި އަދި ބެޑްޝީޓާއި ބާލީސް ފަދަ ތަކެތި ވަކިން ގެންގުޅެންވާނެ

- ކަރަންޓީންގައި ހުރި މީހާއާ މުއާމަލާތް ކުރުމަށް މޯބައިލް ފޯން ނުވަތަ ޓެލެފޯން ހުންނަން ޖެހޭ

އުމުރުން 60 އަހަރުން މަތީ މީހުންނާއި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނާއި ދާއިމީ ބައްޔަށް ބޭސްކުރާ މީހުން ގޭގައި ކަރަންޓީނު ކުރެވޭނީ އެހީތެރިޔަކާ އެކުގައި ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފަ އެވެ. އެހީތެރިއެއް ނެތް ނަމަ އެމީހަކު ކަރަންޓީން ކުރަން ޖެހޭނީ ކައުންސިލުން ކަނޑައަޅާ ފެސިލިޓީއެއްގަ އެވެ.

ކަރަންޓީންގައި ހުންނައިރު ހުން ބެލޭނެ ގޮތެއް އޮތް ނަމަ ދުވާލަކު އެއްފަހަރު ހުންބަލައި ރަށުގެ ސިއްހީ ހިދުމަތް ދޭ ތަނުގެ ފޯކަލް ޕޮއިންޓަށް އަންގަންޖެހެ އެވެ. ކޮވިޑް-19 ގެ ނުވަތަ އެހެން ބައްޔެއްގެ އަލާމާތެއް ފެނިއްޖެ ނަމަ އެކަން ވެސް އެރަށެއްގެ ފޯކަލް ޕޮއިންޓަށް އަންގަން ޖެހޭނެ އެވެ.

ކަރަންޓީން ކުރުމުގެ އުސޫލު

އުސޫލު ބުނާ ގޮތުގައި މީހަކު އެ ގެއެއްގައި ކަރަންޓީނުކުރާ ދުވަހުން ފެށިގެން އެ މުއްދަތު ނިމެންދެން އެ ގެއަކަށް އެހެން މީހުން ގޮސް އުޅުމަކީ މަނާ ކަމެކެވެ. އަދި އެ ގޭގައި ދިރިއުޅޭ އެހެން މީހުންނަށް ވެސް އެ ގެއިން ބޭރަށް ނުދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެ ރަށެއްގެ ޓާސްކްފޯހާއި މުއައްސަސާތަކުން އެކަން ބަލަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެ އެވެ.

ކަރަންޓީންގެ މުއްދަތުގައި އެ ގެއަކަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ފޯރުކޮށްދޭން އާއިލާ މީހަކު ނުވަތަ އެކުވެރިއަކު ހަމަޖެއްސުމަށް އުސޫލުގައި ވަނީ ބުނެފަ އެވެ. އަދި އެފަދަ މީހެއް ނެތް ނަމަ އެރަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން ހިދުމަތް ދިނުމަށް އަންގާފައިވެ އެވެ.

ރަށްރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ޒިންމާތަކުގެ ތެރޭގައި ކަރަންޓީންކޮށްފައިވާ މީހުންގެ ހާލު މަދުވެގެން ދުވާލަކު އެއްފަހަރު ބެލުން ހިމެނެ އެވެ. އަދި ކަރަންޓީންކޮށްފައިވާ މީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް އެންއީއޯސީ އަށް އަންގަން ޖެހެ އެވެ.

ކަރަންޓީންގައި ހުންނަ ނުވަތަ އެ ގެއެއްގައި ހުރި މީހަކަށް ނަފްސާނީ ގޮތުން އުނދަގޫތަކެއް ކުރިމަތިވާނަމަ 1425 އަށް ގުޅައި އެހީތެރިކަން ހޯދަން އުސޫލުގައި އެދިފައިވެ އެވެ.