Roadha Mihaaru
ހަމަ ސުވާލެއް: މި ފެންނަނީ މާ ބޮޑު ދޫވުމެއް ނޫންތަ؟

ހަމަ ސުވާލެއް: މި ފެންނަނީ މާ ބޮޑު ދޫވުމެއް ނޫންތަ؟

06 ޖުލައި 2020

ކޮރޯނާވައިރަސް އިން ރައްކާތެރިވާން ހަރުކަށި ފިޔަވަޅުތަކެއްގައި ދެ މަހެއްހާ ދުވަހު މާލޭގެ ރައްޔިތުން ތިބުމަށް ފަހު، މި މަހު އެކަކުން ފެށިގެން ދިން ދޫތަކުގައި ފެންނަ މަންޒަރާ މެދު، އެތައް ބައެއްގެ ކަންބޮޑުވުން އެބަ އޮތެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ކޮރޯނާވައިރަސް އިން ރައްކާތެރިވާން ހަރުކަށި ފިޔަވަޅުތަކެއްގައި ދެ މަހެއްހާ ދުވަހު މާލޭގެ ރައްޔިތުން ތިބުމަށް ފަހު، މި މަހު އެކަކުން ފެށިގެން ދިން ދޫތަކުގައި ފެންނަ މަންޒަރާ މެދު، އެތައް ބައެއްގެ ކަންބޮޑުވުން އެބަ އޮތެވެ.

"މިވަރުން ހިފަހައްޓާލެވޭނެތަ އަނެއްކާ؟" މިއީ އާންމުންގެ އެކަކު ސުވާލެވެ.

"އަހަންނަށް ހީވަނީ މާ ބޮޑަށް ދޫދެވިގެންހެން މި އުޅެނީ. ހަމައެއްލަމެއް ނުފެނޭ."

އެ ވާހަކައަށް އެއްބަސްވެވޭ ހެއްޔެވެ؟ އެއްބަސްނުވެވޭ ނަމަ، ހޮޓަަލަކަށް، ރެސްޓޯރެންޓަކަށް ނުވަތަ ކެފޭއަކަށް ވަދެލުން ރަނގަޅުވާނެ އެވެ. ނުވަތަ މާލާގެ މަގުތަކާއި ހުޅުމާލޭގެ ބީޗު ސަރަހައްދުން ވެސް، އެކަން ފެނިދާނެ އެވެ.

އާ ލުއިތަކާ އެކު، އަދި ތަޖުރިބާކާރުންގެ އިންޒާރުގެ ބަސްތައް އަޑުއަހަމުން، ޖުލައި މަހު މާލޭ ސަރަހައްދުގެ ރައްޔިތުން ނުކުތީ، އާ ނޭވާއެއް ލަމުންނެވެ. ތެދެކެވެ. ގެއިން ނުނިކުމެ ދެ މަސް ވަންދެން ތިބުމަކީ، އެއްވެސް ޒަމާނެއްގައި، އިންސާނުންނަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަކު އެއްވެސް ޒަމާނެއްގައި އިންސާނުންނަށް ލިބެން ނެތް އެތައް ފަސޭހައެއް ވެސް، މިހާރު މި އޮތީ ދިރިއުޅުމުގެ ތެރެއަށް ވަދެފަ އެވެ. އެހެންކަމުން ބައެއް އެހެން ގައުމުތަކުގެ އާންމުން ތަޖުރިބާކުރި ގޮތަށް، ލޮކްޑައުން ކުރިމަތިވި ބައެއް ދިވެހިންނަށް ވެސް، ދެ މަސް ދިޔަ ގޮތް ވެސް ނޭނގެ އެވެ. މުނިފޫހިފިލުވުމުގެ ފަސޭހަ އެވެ. ގޭގައި ތިބެގެން އެކަކު އަނެކަކުގެ ހާލު ދެނަގަތުމުގެ ފަސޭހަ އެވެ. ދުރު ކައިރިވެފައި އޮތުމުގެ ފަސޭހަ އެވެ.

އެކަމަކު ދިރިއުޅުމަށް އާމްދަނީއެއް ނުލިބި، އެ ފަސޭހަތައް ހޯދޭކަށް ވެސް ނެތެވެ. ރާއްޖޭގެ ޓޫރިޒަމް ހުއްޓުމާއި މާލޭ ސަރަހައްދު ލޮކްޑައުންކުރުމުން، އެތައް ހާސް ބައެއްގެ ދިރިއުޅުމަށް އޭގެ ނުރަނގަޅު އަސަރު ވަރަށް ބޮޑަށް ކުރި އެވެ. ގޭގައި ތިބެގެން އާމްދަނީ ލިބޭ މީހުންނާ ހިލާފަށް، ގެއިން ބޭރުގައި ކޮންމެ ދުވަހަކު ކުރާ މަސައްކަތުން އާމްދަނީ ހޯދާ އާބާދީ ވެސް ކުޑައެއް ނޫނެވެ. އެހެންކަމުން ގެއިން ނުނިކުމެވި، މުޅި ސިޓީ ބަންދުވުމުގެ ބުރަ، އެތައް ހާސް ބަޔަކު އުފުލަން ޖެހުނީ، ހަޔާތުގައި ކުރިމަތިވި މާލީ އެންމެ ބޮޑު ވެއްޓުމުގެ ގޮތުގަ އެވެ.

މިދިއަ ތިން މަސް ދުވަހު އެތައް ބަޔަކު ފަގީރުވެއްޖެ އެވެ. މެދު ފަންތީގެ އާމްދަނީއެއް ލިބެމުން އައި މީހުން، އެންމެ އާދައިގެ ދަރަޖައަށް ވެއްޓިއްޖެ އެވެ. ރާއްޖޭގެ ނިސްބަތުން މަތީ މުސާރަތައް ލިބެމުން އައި މީހުން، މެދު ފަންތީގެ ފެންވަރަށް، އާމްދަނީ އަޑިއަޅާލައިފި އެވެ. އެހެންކަމުން މިއީ މުއްސަންޖެއް އިސްތިސްނާ ނުވެ، ހަމަ އެންމެންގެ އާމްދަނީ ވެސް ދަށަށް ވައްޓާލި ބަލިމަޑުކަމެކެވެ. މިކަމުން އަރައިގަތުމަށް ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކަށް ފަހު، އަލުން މަަޑުމަޑުން ހުޅުވާލަން ނިންމީ، ހާލަތު ވަޒަންކުރުމަށް ފަހު އެވެ. އަދި ހުޅުވާލަން ނިންމީ ވެސް އެކި މިންވަރަށް، އަމާޒުތަކެއް ކަނޑައަޅައިގެންނެވެ.

އެކަމަކު ޖޫން 15 އިން ފެށިގެން ދޭން ފެށި ލުއި، މި މަހު އެކެއްގެ ފަހުން މި ފެނުނީ، އެހެން ބައެއް ގައުމުތަކުން ދައްކަމުން އަންނަ ކެތްތެރިކަމާ ހިލާފަށެވެ. މިސާލަކަށް، އެޕްރީލް 15 ގައި ކުރިމަތިވި ލޮކްޑައުންއަށް ދެ މަސް ވީ ދުވަހު، ޖޫން 15ގައި އިއުލާންކުރި ލުއިތަކުގެ ތަފުސީލު ދެމުން، ޖުލައި 1ގެ ފަހަށް ދޫކޮށްލާނެ ބައެއް ކަންކަމުގެ ތެރޭގައި 10 މީހުންނަށް އެއްފަހަރާ އުޅެވޭނެ ގޮތް ހެދުން އޮތެވެ. ޖޫން 15 އިން ދެ ހަފުތާއަށް ކަނޑައަޅާފައި އޮތީ، ބޭރުގައި އުޅޭ ވަގުތުތަކުގައި، ތިން މީހުންނަށް ވުރެ ގިނައިން ގްރޫޕް ހަދައިގެން ނޫޅެވޭ ގޮތަށެވެ. އެ އަދަދު ޖުލައި 1 އިން ފެށިގެން 10 އަށް އިތުރުކުރަން އޭރު ނިންމާފައި އޮތަސް، އެ ސިޔާސަތަށް ކުއްލި ބަދަލެއް ގެނެސް މިހާރު މި އޮތީ 30 މީހުންނަށް އެއްވެވޭ ގޮތަށެވެ. މިއީ ރާއްޖޭގެ ނިސްބަތުން ނަމަ ކުޑަ ޕާޓީއެއް ބޭއްވުން ފަދަ ކަމެކެވެ.

ކޮވިޑް-19 އަށް ރެންޑަމްކޮށް ސާމްޕަލް ނަގަނީ: ބަލި ކޮންޓްރޯލްކުރެވުނީ އެތައް ބައެއްގެ ބުރަ އެތައް މަސައްކަތާއި އާންމުންގެ ވެސް އެއްބާރުލުމުން: މި ކޮންޓްރޯލް ދަމަހައްޓަން އިތުރު މަސައްކަތްތަކެއް ބޭނުންވޭ --ފޮޓޯ/އަހުމަދު އައުޝަން/މިހާރު

ކޮވިޑް-19 އަށް ރެންޑަމްކޮށް ސާމްޕަލް ނަގަނީ: ބަލި ކޮންޓްރޯލްކުރެވުނީ އެތައް ބައެއްގެ ބުރަ އެތައް މަސައްކަތާއި އާންމުންގެ ވެސް އެއްބާރުލުމުން: މި ކޮންޓްރޯލް ދަމަހައްޓަން އިތުރު މަސައްކަތްތަކެއް ބޭނުންވޭ --ފޮޓޯ/އަހުމަދު އައުޝަން/މިހާރު

ޒުވާން އާބާދީއަށްޓަކައި ސަރުކާރުތަކުން ހަރުކަށި މާ ބޮޑު ފިޔަވަޅެއް ނާޅާ ދޫކޮށްލާފައި އޮންނަ ދުންފަތުގެ އިސްތިއުމާލްކުރުމުގެ އުސޫލުތަކަށް ބަލައިލަމާ ހިނގާށެވެ. ފުރަތަމަ ނިންމީ، އަލުން ހޮޓާ/ރެސްޓޯރެންޓް/ކެފޭތަކުގައި އީ-ސިނގިރޭޓަރާއި ޝީޝާ ވެސް ހިމެނޭ ގޮތަށް، ދުންފަތުގެ އިސްތިއުމާލް ކުރުން ވެސް މަނާކުރާ ގޮތަށެވެ. ނަމަވެސް ބަންދުން ވީއްލިގެން އަލަށް ނުކުމެ، "ނިއު ނޯމަލް"ގެ އާދަތަކަށް ހޭނެން ފަށަން ޖެހޭ ފުރަތަމަ ދުވަސްވަރު ވެސް، މި އޮތީ، ހަމަ ކުރީގެ "ގޮތެއްފޮތެއް ނެތް" ދިރިއުޅުމަށް ފުރުސަތު ހުޅުވާލައިފަ އެވެ.

ތަންތަން ފުރިއްޖެ އެވެ. ހާސްކަމުން މިނިވަންކަމެއްގެ ތެރެއަށެވެ. ހަމައެހެން އަހަރެމެންނަށް ނުފެނި ކޮރޯނާވައިރަސް ވެސް ކުރިއަށް ވުރެ ބޮޑަށް "މިނިވަންވުމު"ގެ ފުރުސަތު އެބަ އޮތެވެ. ކައިރިން ނަމަ މެލޭޝިއާ ފަދަ ގައުމުތަކުގައި، ލޮކްޑައުން ރޫޅާލައި، ހަރަކާތްތެރިވުމުގެ މިނިވަންކަން ދެމުން އެ އަންނަނީ ބޮޑެތި ހިފެހެއްޓުންތަކާ އެކުގަ އެވެ. ޝޮޕިން މޯލްތަކާއި ރެސްޓޯރެންޓްތަކަށް ވަންނަ އިރު ވެސް، އެތައް ހިފެހެއްޓުމެކެވެ. ކެތްތެރިކަމާ އެކު، އުޅެން ދަސްކުރަން އެބަ ޖެހޭ ކަމުގެ ފިޔަވަޅުތަކެވެ.

ހަނދާން ނައްތާލަން އަދި ކައިރި ވެސް ނުވެ އެވެ. މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ގެ މީހަކު އެޕްރީލް 15 ގައި ފެނުނު އިރު އޭނާގެ ހަށިގަނޑަށް އެ ވައިރަސް އެރީ ކާކުގެ ފަރާތުން، ކޮން އިރަކުކަން އަދިވެސް ނުހޯދެ އެވެ. ނުވެސް ހޯދޭނެ އެވެ. އޭގެ ފަހުން އެންމެން ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަންގައި، ދޫނުދީ ހިފެހެއްޓި ހިފެހެއްޓުމުގެ ރަނގަޅު ނަތީޖާ ފެނުނެވެ. ހާލަތު ގޯސްވާ ބަލިމީހުން އެޑްމިޓްކޮށް ފަރުވާދޭނެ އިންތިޒާމް ހަމަޖެހި، ވެންޓިލޭޓަރުގެ އަދަދު ވެސް ގިނަކޮށްލެވުނެވެ.

މިހާރު ކަމާ ބެހޭ ފަރާތްތަކުން ބުނަނީ، އެންމެ ފުރަތަމަ ފެނުނު މިންވަރާ އެއްވަރަށް ދެން އަލުން ކޮވިޑް-19 ގެ ކޭސްތައް ފެނުން ދުރު ކަމަށެވެ. އެކަމަކު އެ ނިސްބަތަށް ރޮނގު މައްޗަށް އުފުލިގެން ނުދިޔައަސް، އާންމުން އާދައިގެ ދިރިއުޅުމަކަށް ދޫކޮށްލުމުން، ކޭސްތައް އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް، އޭރު ވެސް އަދި މިހާރު ވެސް ލަފާކުރެ އެވެ.

އެކަމަކު އާ ކޭސްތައް އިތުރުވުން މި އަންނަ ގޮތަށް ބަލައިލަމާ ހިނގާށެވެ: ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކޮށްލުމުން، އައިސީޔޫގެ ތެރެއިން މިހާރު އެ ފެށުނީ "އައިޖީއެމްއެޗުގެ ކްލަސްޓާ" އެވެ. ހޮސްޕިޓަލަށް ވަދެއުޅުމުގައި ވެސް މާ ބޮޑު ރައްކާތެރިކަމެއް ނެތެވެ. ހުން ހުރިތޯ ބަލަނީ، ހިތަށްއެރި ފަހަރަކު އެވެ.

މާލެ އަކީ ތޮއްޖެހުން އެންމެ ބޮޑު ސިޓީ އެވެ. އެހެންކަމުން ލޮކްޑައުން އުވާލުމާ އެކު ކޭސްތައް އިތުރުވާނެ ކަމަށް ބަލާފައި، ހިފެހެއްޓުންތައް މުޅިން ދޫކޮށްލުމުގެ ނަތީޖާއަކަށް ވާނީ، ބަލިމީހުން މިހާރު ވެސް ފެންނަ ވަރަށް ފެންނަމުން ދިއުމެވެ. އެގޮތަށް އަނެއް ދެ މަހާއި އޭގެ ފަހުން އަންނަ ދުވަސްތައް ވެސް ގުނާލަ ގުނާލާ ތިބެން ވީ ހެއްޔެވެ؟ އެއަށް ވުރެ ދަށްކުރެވިދާނެ ހެއްޔެވެ؟ ނުވަތަ އަނެއްކާވެސް ބޮޑެތި ކްލަސްޓާތަކެއް ފެންނާނީ ހެއްޔެވެ؟ ތިރީސް، ސާޅީސް މީހުންގެ ޕާޓީއެއްގެ ތެރެއަށް ވަންނަ، ބަލީގެ ނިޝާނެއް ނެތް "ސުޕަ ސްޕްރެޑާއެއް"ގެ ސަބަބުން، އެތައް ބަޔަކަށް ވައިރަސް ފޯރައި، އެވްރެޖް ނިސްބަތަކަށް ވުރެ މައްޗަށް ޖެހިލާނީ ހެއްޔެވެ؟ އެއީ ވެސް "ނިއު ނޯމަލްއެއް" ކަމަށް، އެންމެ ފަހުން ތަޖުރިބާކާރުން ބުނާނީ ހެއްޔެވެ؟

ނޭނގެ އެވެ. ބަލަން ތިބެމާ ހިނގާށެވެ. ރަނގަޅަށް ކަންކަން ހިނގައްޖެ ނަމަ، އެންމެންނަށް ވެސް ރަނގަޅެވެ. އެކަމަކު ހިފެހެއްޓުންތަކެއް ގެންގުޅެން ޖެހެނީ، ރަނގަޅަށް ކަންކަން ނުގޮސްފާނެކަމުގެ ބިރަށެވެ. އެހެންކަމުން އެ ފިޔަވަޅުތައް ކުއްލިއަކަށް ވެސް ދޫކޮށްލެވިގެން ނުވާނެ އެވެ. އާންމުންގެ ޒިންމާއަކަށް ހުރިހާ ކަމެއް ހަދައިގެން ވެސް ނުވާނެ އެވެ. ހަނދާންކުރަންވީ ސިޔާސަތު ކަނޑައަޅާ މީހުންނާ ހަވާލުވެފައި އޮތީ ވެސް ބޮޑު މަސްއޫލިއްޔަތެއް ކަމެވެ. ވަކި ބަޔަކު ރުޅިއަތުވެދާނެތީ، ނުވަތަ ހިތްހަމަނުޖެހިދާނެތީ، ބައެއް ފިޔަވަޅުތައް އަޅަން ޖެހިލުންވުމަކީ ގާބިލްކަމާ މެދު ސުވާލު އުފެދޭ ސިފައެކެވެ.