Roadha Mihaaru
ބައެއް މީހުންގެ އަމަލުތަކާ މެދު ޝިފާގެ ކަންބޮޑުވުން

ބައެއް މީހުންގެ އަމަލުތަކާ މެދު މޭޔަރު ޝިފާގެ ކަންބޮޑުވުން

18 ޖޫން 2020

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ދެ މަސްދުވަހުގެ ލޮކްޑައުންއަކަށް ފަހު ހުޅުވާލުމުން ބައެއް އާންމުންގެ އަމަލްތަކާ މެދު މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ދެ މަސްދުވަހުގެ ލޮކްޑައުންއަކަށް ފަހު ހުޅުވާލުމުން ބައެއް އާންމުންގެ އަމަލްތަކާ މެދު މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އޭޕްރިލް 15 ގައި އިއުލާންކުރި ލޮކްޑައުންއަށް މި މަހު 15 ގައި ބޮޑެތި ލުއިތަކެއް ދިނުމުން މާލެ މަގުތައް ތޮއްޖެހި ގިނަ މީހުން އެއްވެ އުޅޭ މަންޒަރު ފެނެ އެވެ. ލުއިދިނުމުގެ އުސޫލުގައިވާ ގޮތުން ތިން މީހުންނަށް ވުރެ ގިނައިން ގްރޫޕް ހަދައިގެންނެއް ނޫޅެވޭނެ އެވެ. އެކަމަކު ބައެއް ހިސާބުތަކުން ފެންނަނީ އެތައް ބަޔަކު ބޮނޑިވެގެން އުޅޭ ތަނެވެ.

އޭގެ މަންޒަރެއް ފެންނަ ފޮޓޯއަކާ އެކު ޝިފާކުރެއްވި ޓުވީޓުގައި ވިދާޅުވީ "ކޮވިޑް-19ގެ ސަބަބުން އަޅުގަނޑުމެންނަށް އެއްވެސް ފިލާވަޅެއް ދަސްވިކަމަށް ފެންނާކަށް ނެތް" ކަމަށެވެ.

ބައެއް މީހުން ބޭރުގައި އުޅޭ އިރާއި މީހުންނާ ބައްދަލުވާ އިރު މާސްކް އަޅަން ޖެހުނަސް، އެކަން ނުކުރާ ބަޔަކު ވެސް އުޅެ އެވެ. އަދި އެއް ތަނަކަށް އެތައް ބަޔަކު އެއްވެއުޅެ އެވެ.

ތަޖުރިބާކާރުންގެ ލަފާގެ މަތިން ލުއިތަކެއް ދިން ނަމަވެސް ރާއްޖެއިން ކޮވިޑް-19ގެ ބިރުވެރިކަން އަދިވެސް ފިލައިގެން ނުދާކަމަށް ތަކުރާރުކޮށް އަންނަނީ ހަނދާންކޮށްދެމުންނެވެ. އެގޮތުން މިހާރު ގިނައިން ޕޮޒިޓިވް ވަނީ އެހެން ކޭސްތަކާ ގުޅުމެއް ނެތް މީހުން ކަމަށް ވާތީ އޭގެ މާނައަކީ ކޮމިއުނިޓީ ސްޕްރެޑެއް އޮތުން ކަމަށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ މައްސަލަ އަކީ ބޭރަށް ނުކުތުން ނޫން ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުން ކަމަށެވެ.

މި ލުއިތަކުގެ ސަބަބުން ކޮވިޑް-19 ފެތުރުން އިތުރުވެއްޖެ ނަމަ، އަލުން ލޮކްޑައުންއަކަށް ދާން ޖެހިދާނެކަމުގެ އިންޒާރު ވެސް، ސިއްހީ ތަޖުރިބާކާރުން ދެ އެވެ.