Roadha Mihaaru
ކާފިއު ވަގުތު ހަވީރު 4 އިން ފަތިހު 4 އަށް ބަދަލުކޮށްފި

ކާފިއު ވަގުތު ހަވީރު 4 އިން ފަތިހު 4 އަށް ބަދަލުކޮށްފި، މާ ބޮޑު ލުޔެއް ނުދޭ

15 ޖޫން 2021

މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތު މާދަމާ އިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އަށް ދެ ހަފުތާގެ މުއްދަތަށް ބަދަލުކޮށްފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތު މާދަމާ އިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އަށް ދެ ހަފުތާގެ މުއްދަތަށް ބަދަލުކޮށްފި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް މިއަދަށް ހަމަވި ނަމަވެސް ކުރިއަށް އޮތް ދެ ހަފުތާއަކަށް މާ ބޮޑު ލުޔެއް ނުދެ އެވެ.

މާލެ ސަރަހައްދުގައި މިހާރު ކާފިއު ހިންގާފައި އޮންނަނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ހެނދުނު 8 އަށެވެ.

ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ފިޔަވަޅުތަކަށް މާ ބޮޑު ލުޔެއް ނުދިނީ، ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް މައްޗަށް ދިއުމުން ޓެސްޓު ކުރުން ހުއްޓާލުމުން ހަގީގީ މަންޒަރު ސާފު ނުވާނެތީ ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދުގައި މީގެ ދެ ހަފުތާ ކުރިން އިއުލާން ކޮށްފައިވާ ލޮކްޑައުންގައި ކޭސްތައް މަދުވުމުން އަނެއްކާ ވެސް ކޮވިޑަށް ސާމްޕަލް ނެގުމާއި އެކްޓިވް ސާވަޔަލެންސް ސާމަޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިން ވަނީ ކުރިއެކޭ އެއްގޮތަށް އަލުން ފަށާފައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މާލެ ސަރަަހައްދުގެ ކާފިއުގެ ވަގުތަށް ކުޑަ ލުޔެއް ދިން ނަމަވެސް އެހެން ގިނަ ކަންކަން ކުރިއަށް އޮތް ދެ ހަފުތާ އަށް އެޗްޕީއޭ އިން ވަނީ ހިފަހައްޓައިފަ އެވެ. އޭގެ ތެރޭގައި ފުލުހުންގެ ހުއްދައަކާ ނުލައި ބޭރުތެރޭގައި އުޅުމާއި ސްކޫލުތައް އަދި ކެފޭ/ރެސްޓޯރަންޓުތައް ހުޅުވައިގެން ކެއުންބުއިމުގެ ހިދުމަތް ދިނުން ހިމެނެ އެވެ. ނަމަވެސް އެޗްޕީއޭ އިން މިހާރު މާދަމާ އިން ފެށިގެން، އެކަނި ކުރާ ކަސްރަތުތަކަށް ހުއްދަ ދީފަ އެވެ. އެފަދަ މީހުން އެ ކަސްރަތަށް ނުކުތުމަށް ހުއްދަ ގަޑިއަކީ ކޮންމެ ދުވަހެއްގެ ފަތިހު 4 އިން ހެނދުނު 8 އަށެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިންތަކެއްގެ ދަށުން އެޕޮއިންޓްމަންޓް އުސޫލުން ހިދުމަތް ދިނުމަށް ސެލޫންތަައް ހުޅުވަން ހުއްދަ ދޭން އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.

މާލެ ސަރަހައްދުގައި އާދަޔާ ހިލާފަށް ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން ފިޔަވަޅުތައް ހަރުކަށިކޮށް، ލޮކްޑައުންއެއް އެންމެ ފަހުން އިއުލާން ކޮށްފައި ވަނީ މިދިޔަ މޭ 26 އިން ފެށިގެން ދެ ހަފުތާގެ މުއްދަތަށެވެ.